ބްރެޒިލުން ޗައިނާއަށް އެތެރެކުރި ގަނޑުކުރި ކުކުޅުތަކަކުން ނެގި ސާމްޕަލްތައް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ބަންދުކޮށްފައި ހުންނަ ތަކެތި ގަތުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމުން ޗައިނާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޝެންޒެންގެ ސިއްޙީ ވުޒާރާގެ އޮފިޝަލުން ވިދާޅުވީ، އެ ކުކުޅުތަކުން ކޮވިޑްގެ އަސަރު ފެނިފައި ވަނީ އެ ޤައުމަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ކޮވިޑަށް ޓެސްޓުކުރުމަށް ގެންދާ މަރުހަލާގެ ދަށުން ޓެސްޓުކުރުމުން ކަމަށެވެ.
ޝެންޒެންގެ ސިއްޙީ ވުޒާރާއިން ވަނީ އެ ކުކުޅުތަކުގައި އަތްލި މީހުންނާއި، އެއްވެސް ވަރަކަށް ކޮންޓެކްޓުވެފައިވާ މީހުންގެ ސާމްޕަލް ނަގައި، ޓެސްޓުކޮށްފަ އެވެ. އަދި އެންމެންގެ ނަތީޖާވެސް ނެގެޓިވްވެފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ގަނޑުކުރި ކުކުޅުތަކުން ނެގި ސާމްޕަލްތައް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކިހިނެއް ކަމެއް އަދި ހޯދިފައެއް ނުވެ އެވެ.
ޗައިނާގައި ހުންނަ ބްރެޒިލްގެ އެމްބަސީން މިކަމާ ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، ބޭރު ޤައުމުތަކުން އެތެރެކުރާ ޝިޕްމަންޓުތަކުގެ ސަބަބުން ޗައިނާގައި ކޮވިޑް-19 އިތުރަށް ފެތުރިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ.



advertisment