Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު- 10

ދައްޖާލު ފާޅުވެ އޭނާގެ ފިތުނަވެރިކަމުގެ ނާރެހަކަށް ޔަހޫދީންވުން

މަސީޙު މި ބަހަކީ ކީރިތި ޤުރުއާނުގައި ސަލާމްލެއްވި ޢިސާގެފާނަށް ﷲ، ދެއްވާފައިވާ މުޤައްދަސު ނަންފުޅެވެ. އެހެންކަމުން މަސީޙަކީ ޢީސާގެފާނެވެ. މަސީޙަކީ ﷲގެ ރިސާލަތައިގެން އެކަލާނގެ ބަނީ އިސްރާއީލް ގާތަށް ފޮނުއްވި ޙައްޤު ރަސޫލެކެވެ. ކީރިތި ރަސޫލާ ﷺ ގެ ކުރިން ރަސޫލުކަން ކުރެއްވި މަސީޙަށް ބާވައިލެއްވީ އިންޖީލެވެ. އެއީ ﷲ ގެ ޙައްޤު ނުވަތަ ތެދު ބަސްފުޅެވެ. އެކަލޭގެފާނު ގޮވައިލެއްވީ ﷲ ގެ އެއްކައުވަންތަކަމަށެވެ. މަސީޙަށްފަހު ﷲ ފޮނުއްވީ އެންމެފަހުގެ ރަސޫލާއެވެ. ކީރިތި ރަސޫލާ ﷺ އެންމެހައި ރަސޫލުންނާއި ނަބިއްޔުން ތެދުކޮށް އެބޭކަލުންނަށް ބާވައިލެއްވި އެންމެހައި ފޮތްތައް ތެދުކުރައްވައި ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވިއެވެ.

ދައްޖާލު، މި ބަސް އައިސްފައިވަނީ ދަޖަލަ މިބަހުންނެވެ. މާނައަކީ އޭނާ އެއްޗެއް ފަރުދާކޮށްފި ނުވަތަ ފޮރުވައިފި އެވެ. ދައްޖާލުގެ އަނެއް މާނަޔަކީ ދޮގު ހަދާ މީހާ ނުވަތަ ދޮގުވެރިޔާ އެވެ. ދައްޖާލުގެ އިތުރު މާނަޔަކަށް ކެހިވެރިޔާވެސް ވެއެވެ. ދައްޖާލު މިބަސް، އެކަކަށްވުރެ ގިނަ މީހުންނަށްވެސް ބޭނުންކުރެވެއެވެ. މިމާނަތަކަށް ރިއާޔަތްކުރާއިރު ބުއްދި ސަލާމަތުންހުރި ކޮންމެ މީހަކަށް އެނގި ކަށަވަރުވާނެ ކަމެއް އެބައޮތެވެ. އެއީ ދައްޖާލަކީ އޮޅުވުމާއި މަކަރާއި ހީލަތުން، ބާޠިލު ޙައްޤަށް ހަދައި، ދޮގު ތެދަށް ހަދައި، އިންސާނުން ހެއްލުންތެރިކުރާނެ ފަރާތެއްކަމެވެ.

ދައްޖާލު މި މަފުހޫމްގެ ބޮޑު ތަސްވީރު ދެނެގަތުމަށްޓަކައި ގަދީމީ ޒަމާނަށް ޖެހިލަންޖެހެއެވެ. ގަދީމީ އިންސާނާގެ ފިކުރުގައި ނުވަތަ ވިސްނުމުގައި އޮތީ މައިގަނޑު ހަތަރުކަމެކެވެ. އެ ހަތަރު ކަންތައް ތަރުތީބުކުރާއިރު ފުރަތަމަ ކަމަކަށް އޮތީ ކަލާނގެއެވެ. ދެވަނަ ކަމަކަށް އޮތީ އުޚުރަވީ ހަޔާތެވެ. ތިންވަނަ ކަމަކަށް އޮތީ ރޫޙްއެވެ. އަދި އެންމެފަހު މައިގަނޑަކީ އަޚްލާގާއި ސުލޫކެވެ. މިއިން އަންގައިދޭ ކަމަކީ ގަދީމީ އިންސާނާގެ ވިސްނުމާއި ފިކުރު ބަޔާންކުރެވުނު ހަތަރު މައިގަނޑަށް އަމާޒުވިކަމެވެ. އެމީހުންގެ ބަހުސްތަކާއި މަޝްވަރާތަކުގެ ނާރެހަކީ މިދެންނެވި ހަތަރު މައުޟޫއެވެ. ފުންކޮށް ނުވަތަ ބޮޑުކޮށް ވިސްނާއިރު ކަށަވަރުވާކަމަކީ މި ހަތަރު މައިގަނޑުން ކޮންމެ މައިގަނޑެއްވެސް ޢައިބުގައިވުމެވެ. އެއްކައުވަންތަ ކަލާނގެނުފެނެއެވެ. ހަމައެގޮތަށް އާޚިރަތެއް ނުފެނެއެވެ. އިންސާނާގެ ރޫޙަކީވެސް ފެންނަ އެއްޗެއްނޫނެވެ. އަދި އެންމެފަހު މައިގަނޑު ކަމުގައިވާ އަޚުލާޤާއި ސުލޫކު ކަނޑައަޅާ ވަޙީއަކީވެސް ފެންނަ އެއްޗެއްނޫނެވެ.

ދައްޖާލު ދެނެގަތުމަށްޓަކައި އިންސާނުންގެ ވިސްނުމާއި ފިކުރަށް އައި ބޮޑު ބަދަލަށް ބަލަމާ ހިނގާށެވެ. އަދުގެ އިންސާނާގެ ފިކުރު އޮތީ މުޅިން ތަފާތު ހަތަރު މައިގަނޑަކަށެވެ. އޭނާގެ ފޯކަސް ހުއްޓޭ ފުރަތަމަ ކަމަކީ ކައުނުއެވެ. އޭނާގެ ދެވަނަ އަމާޒަކީ މި ހަޔާތެވެ. އޭނާގެ ތިންވަނަ ސަމާލުކަމަކީ އޭނާގެ ހަށިގަނޑު ނުވަތަ ޖިސްމެވެ. އަދި އޭނާގެ ފިކުރު ހުއްޓޭ ހަތަރުވަނަ އަދި އެންމެ ފަހު ކަމަކީ ބުއްދީގެ ހަމަ ނުވަތަ ރީޒަނިންގއެވެ. އަދުގެ އިންސާނާގެ ބަހުސްތަކާއި މަޝްވަރާތަކުގެ ނާރެހަކީ މިދެންނެވި ހަތަރު މައުޟޫ ނުވަތަ މައިގަނޑެވެ. ފުންކޮށް ފިކުރުހިންގާއިރު މިއިން ކޮންމެ ކަމެއްވަނީ އިންސާނާގެ ފެނުމުގައެވެ. މާނަޔަކީ މިއީ މުޅިންވެސް ފެންނަ ނުވަތަ އިހުސާސްކުރެވޭ ނުވަތަ އަޑުއިވޭ ނުވަތަ އަތްލެވޭ ކަންކަމެވެ. ނަތީޖާއަކީ ޢައިބުގައިވާ ހުރިހާކަމެއް އޭނާގެ ފިކުރުން ފޮހެވިގެން ދިއުމެވެ.

އިންސާނާގެ ފުރަތަމަ ފޯކަސްއަކަށް ކައުނު ވުމުން ނިކުތް ނަތީޖާއަކީ ސައެންސްއެވެ. ހޭބޯނާރާ ސްކޫލްތަކާއި ޔުނިވަސިޓީތަކުގައި މިކިޔަވަނީ ކައުނުގައިވާ ކޮންމެވެސް ކަމެއް ދެނެގަތުމުގެ ޢިލްމެވެ. ހަރުކަށި ބައެއް ވިސްނުމުގައި މިތަންތަނުން ކިޔަވައިދެނީ ދައްޖާލުގެ ތަޢުލީމެވެ. އިންސާނާގެ ދެވަނަ އަމާޒަކަށް މި ހަޔާތްވުމުގެ ނަތީޖާއަކީ އިގުތިސާދާއި ރަށްވެހިކަމާއި ތަރައްގީއެވެ. ހޭބޯނާރާ އެންމެން މިއުޅެނީ އަނެކުންނަށްވުރެ ކުރި ނޭރިގެންނެވެ. އިންސާނާގެ ތިންވަނަ ފޯކަސްއަކަށް އޭނާގެ ހަށިގަނޑުވުމުގެ ނަތީޖާއަކީ އަރާމު ދިރިއުޅުމަކަށް މަގުފަހިވުމެވެ. އެންމެން ހޭބޯނާރާ މިއުޅެނީ ލަގްޝަރީ ދިރިއުޅެމެއް ނުލިބިގެންނެވެ. ހިތްގައިމު ގެދޮރާއި ސަޅި ފޭރާމާއި މީރު ކާބޯތަކެއްޗާއި އުފާވެރިކަން ނުލިބިގެންނެވެ. އިންސާނާގެ ހަތަރުވަނަ ފޯކަސް ބުއްދީގެ ހަމަ ނުވަތަ ލޮޖިކަށްވުމުގެ ނަތީޖާއަކީ ޙައްޤު ތެދަކީ ވަޠައީ ގާނޫނަށްވުމެވެ. އަޣުލަބިއްޔަތުން ނިންމާ ގޮތަކީ ޙައްޤު ނުވަތަ ރަނގަޅު ގޮތެވެ. އަޚުލާގާއި ސުލޫކަކީ ގިނަ މީހުން ރަނގަޅުކަމަށް ނިންމާގޮތެވެ. ނަތީޖާއަކީ ޒަމާނީ ލިބަރަލް ޑެމޮކްރަސީއަށް މަގުފަހިވުމެވެ. މިއަދު ޙައްޤަކީ ނުވަތަ ތެދަކީ އެބަޔަކަށް ތެދުކަމަށް ފެންނަގޮތެވެ.

ދައްޖާލާ ބެހޭގޮތުން ހުރި ހުރިހާ ހަދީޘްފުޅެއް އިމާމް ނަވަވީ ދިރާސާކުރެއްވިއެވެ. އެއަށްފަހު ނަވަވީގެ ދިރާސާއިން ލިބުނު ފިލާވަޅު އޭނާ ޚުލާސާކުރެއްވިއެވެ. ﷲ ދައްޖާލު ދައްކަވައިގެން ﷲ ގެ އަޅުތަކުން އިމްތިހާންކުރައްވާނެއެވެ. މާތް ﷲ، އެއިލާހުގެ އަޅުން އިމްތިހާންކުރައްވަން ދައްޖާލު މެދުވެރިކުރައްވައެވެ. އެހެންވެ ދައްޖާލުގެ ފިތުނަ ވެގެންދާނީ އިސްލާމީ އުއްމަތާ ކުރިމަތިވާ އެންމެބޮޑު ފިތުނައަށެވެ. މި އިމްތިހާނުގައި ﷲގެ ޙަޟުރަތުން ދައްޖާލަށް ޚާއްޞަ ބާރުތަކެއް ދެއްވައެވެ. އެގޮތުން އޭނާގެ އަތުން މަރާ މީހުން އޭނާ ދިރުވާނެއެވެ. އަދި ދުނިޔޭގެ ޒީނަތްތެރިކަން ނެރެ އޭނާ ދައްކާނެއެވެ. އަދި ބިންގަނޑުން ފެހިކަމާއި އެކި ބާވަތްތައް އުފައްދައި ދައްކާނެއެވެ. އަދި އޭނާގެ ސުވަރުގެއާއި އޭނާގެ ނަރަކަ މީސްތަކުންނަށް ދައްކާނެއެވެ. އަދި އޭނާގެ އަތުގައި ދެ ކޯރެއްވާނެއެވެ. އަދި މިދުނިޔޭގެ މުއްސަނދިކަމުގެ (ވަސީލަތްތަކުގެ) ފަހަތުން އޭނާ ދާނެއެވެ. އަދި އެ މުއްސަނދިކަން އޭނާގެ ފައިތިލަދަށަށް އަންނާނެއެވެ. ހަމައެގޮތަށް އުޑަށް އޭނާގެ ބާރު ހިނގާނެއެވެ. އެގޮތުން އޭނާ ބޭނުންވުމުން ވާރޭ ވެއްސާނެއެވެ. ހަމައެފަދައިން އޭނާގެ އަމުރަށް ބިމުން ތަކެތި ހެދޭނެއެވެ. މިހުރިހައިކަމެއް ހިނގާނީ ﷲ އިރާދަފުޅާއި އަމުރުފުޅާއެކުއެވެ.

ﷲ ދެއްވި ބުއްދީގެ ނިއުމަތުގެ ބޭނުން ހިފައިގެން ބޮޑު މަންޒަރަށް ބަލާލަމާ ހިނގާށެވެ. މިއަދު ޖެނެޓިކަލީ މޮޑިފައިޑް ކާނާއަކީ ހަގީގަތެކެވެ. އާޓިފިޝަލް ކާނާއަކީ ހަގީގަތެއްކަން ކާބޯތަކެތީގެ ބޭރުގައި ހުންނަ ލޭބަލުންވެސް އެނގެއެވެ. އާޓިފިޝަލް ވާރެއަކީ މިއަދު ހަގީގަތެކެވެ. އަޅުގަނޑުމެންގެ ގުނަންތައް ރީޖެނެރޭޓްކުރަން ފަށައިފިއެވެ. ދުނިޔޭގައި އެއްވެސް އަގެއް ނެތްކަމަށް ބެލުނު ވެއްޔާއި ސިލިކޮންއަކީ ޓެކްނޮލޮޖީގައި ބޭނުންކުރާ އެންމެ މުހިންމު ބާވަތްތަކަށް ވެއްޖެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކޮންމެ ބައްޔަކަށް އިންސާނުންނަށް ވަގުތުން ފަރުވާ ލިބެއެވެ. އިންސާނާގެ ބުރުސޫރަ ރީތިކޮށް ބަހައްޓައި ޒުވާންކޮށް ހުރުމަށްޓަކައި ބިއުޓީ އިންޑަސްޓްރީއަކީ މިއަދު ބޮޑުވިޔަފާރިއެކެވެ. ދުނިޔަވީ ނަޒަރުން އާޓިފިޝަލް ސުވަރުގެއާއި ނަރަކައަކީ މިއަދު ފެންނަން އޮތް ހަގީގަތެވެ. އެއްބަޔަކު އޮބިނޯންނަވަރުގެ ތަނަވަސްކަމާއި އަރާމާއި އުފަލުގައެވެ. އަނެއްބަޔަކު ހިތްފަޅައިގެންދާފަދަ ދަތިހާލާއި ވޭނާއި ކެކުޅުމުގައެވެ. ފަލަސްޠީނުގެ ރައްޔިތުންނަކީ ހިތްދަތިކަމާއި ކެކުޅުންތަކުގެ އެންމެ ފުރިހަމަ މިސާލެވެ.

ކީރިތި ރަސޫލާ ﷺ މަސީޙާ ދައްޖާލު ގުޅުވި ސަބަބު މިއަދުގެ ދުނިޔެއިން ޞަރީޙަވެފައި ސާފެވެ. ވިސްނައި ފިކުރުކޮށް ތަދައްބުރުކުރާށެވެ! އެންމެ ފުރަތަމަ މިއަދު މިފެންނަ ނަޞާރާ ދީނަކީ ބާޠިލް ދީނެކެވެ. އެހެންވެ އެއީ މުޅިން ދޮގެވެ. އިންޖީލޭ ކިޔައިގެން ގެންގުޅެނީ ބާޠިލް ފޮތެކެވެ. އެހެންވެ އެވެސް މުޅިން ދޮގެވެ. އަދުގެ ނަޞާރާ ދީން ބިނާވެފައިއޮތީ މުޅިން ބާޠިލު އަދި ދޮގު މަފުހޫމްތަކަށެވެ. އެއީ މުޅި އިންސާނިއްޔަތަށް ނުވަތަ ޔޫރަޕަށް ބާވައިލެއްވި ދީނެއް ނޫނެވެ. ﷲ، ޢިސާ ޢަލައިހިއްސަލާމް ފޮނުއްވީ ފަލަސްޠީނުގެ ބިމަށެވެ. އެއީ މިހާރު އިސްރާއީލް ޤާއިމްވެފައި އޮތް ބިމެވެ.

އެއްވެސް ޝައްކެއް ނެތްގޮތުގައި ދައްޖާލުގެ ދައުރުއަދާކުރަނީ ހުޅަނގުންނެވެ. އެމީހުންގެ މިމަސައްކަތުގައި އެމީހުން ބޭނުންކުރާ މައިގަނޑު ބައިވެރިއަކީ ޔަހޫދީ ދައުލަތް އިސްރާއީލެވެ. ހުޅަނގުގެ މުޅި ފަލްސަފާއާއި ނިޒާމްތައް ބައްޓަންކޮށްފައިއޮތީ ބޭރުން ގިރިޓީކޮށް ބަބުޅާގޮތަށެވެ. އެތެރޭގައިވަނީ މުޅިން ދޮގެވެ. ދައްޖާލަކީ މަކަރާއި ހީލަތެވެ. ހުޅަނގުން ދުނިޔެއަށް މިދައްކަނީ މަކަރާއި ހީލަތެވެ. ޑެމޮކްރަސީއާއި މިނިވަންކަމާއި އިންސާނީ ހައްގަކީ މުޅިން ދޮގެވެ. އެއީ ފޭކުގެވެސް ފޭކެވެ.

(ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *