Support Us

މަރިޔަމްފުޅު ހޮއްކޮގެ ތަފާތު ހަނދާންތައް

ފާރުގައި ހުރި ސުއިޗަށް ފިތާލައިފީމެވެ. ޚަބަރެއް ނުވެއެވެ. އެގޭ ގާފޮޅުން އެތެރޭގައި ހުރެފައި އަނެއްކާ ބޭރަށް ނުކުމެއްޖައިމެވެ. އަނެއްކާ ބަރުގަނޑުގެ ސުއިޗަށް އޮބާލައިފީމެވެ. އެއީ ބައިސިކަލް ބަރުގަނޑު ސްއިޗެކެވެ. އޭނާ އަތުވެއްޖެއެވެ. ބަލައިލި ގޮތުން ވެސް ކުޑަކޮށް ޖެހިލުން ވިއެވެ. ފުރަތަމަ ވެސް ބުނެލީ ކީއްކުރަންވީ ހެއްޔެވެ؟ އަޅުގަނޑު ބުނީމެވެ. ފާރޮށި ގަންނާށެވެ. މަޑުކޮށްލާށޭ ބުނެފައި އެތެރެއަށް ވަދެގެން ގޮސް ވަރަށް އަވަހަށް އަތުވެއްޖެއެވެ.

ގޭގެ އިރުމަތީ ކޮޅުގައި ހުރި ފިހާރައަށް ދެވެނީ ފެންޑާތެރެއިން ވަދެގެންނެވެ. ފެންޑާއަށް އޮތީ ކަށިވެލި ލައިފައެވެ. އެހެން ގޭގެއާއި ޚިލާފަށް އެގޭގެ ދޮރުމަތީގައި ހުސްޖާގައެއް ނޯވެއެވެ. ދޮރުމަތީފެންޑާ ވެސް އޮތީ ހިޔާކޮށްފައެވެ. ގޭގެ ބޭރުފާރާއި އެތެރޭ ފާރުތައްވެސް ހުރީ ތެޅިގަލުން ރާނާފައެވެ. އުވަޖަހާފައެއް ނެތެވެ.

ފިހާރައިގެ ދޮރު ހުޅުވައިލީ އަނދެގެން ހުރި މުންޑު ހިފެހެއްޓުމަށް އޮތް އުނގަނޑު ރޮދިގަނޑުގައި ހަރުކޮށްލާފައި އޮތް ތަޅުދަނޑިންނެވެ. ފިހާރަހުރީ ހަނި ދިގު ބައްޓަމަށެވެ. މާބޮޑު ފިހާރައެއް ވެސް ނޫނެވެ. ދެތިން ހަރުގަނޑެއް ހުއްޓެވެ. ތަޅުން އަޅާ ބިތްތަކުގައި ހުރީ އުވަޖަހާފައެވެ. ހަރުގަނޑުތަކުގައި ހުރީ ޑަބިޔަލާއި ފުޅިފުޅިއެވެ. އަދި ބައެއް ހިކި ސާމާނެވެ. އަޅުގަނޑު ދެ ރުފިޔާ ދީފައި އެއަށް ވާވަރަށް ހަރު ފާރޮށީ ދިނުމަށް އެދުނީމެވެ. ރުފިޔާއަކަށް 16 ޖޯޑު ހަރުފާރޮށި ލިބެއެވެ. ފާރޮށި ކިބައެއް ވަރަށް ކުޑަ ވާނެއެވެ. މިހާރު ހުންނަ ފާރޮއްޓަށް ވުރެ ކުދިވާނެއެވެ. މިހާރު ހުންނަނީ ބަނަސް ހިއްކައިގެން ފާރޮށި ފިހެފައެވެ. އޭރު ހަރުފާރޮށި ހަދަނީ މަޑު ފާރޮށި ހިއްކައިގެންނެވެ. އޭރުވެސް ބަނަސް ހުރެއެވެ.

ފާރޮށި ޑަބިޔަލުގެ މަތި ނެގުމުން މީރު ވަހެއް ދުވައިގެން ދިޔައެވެ. އެދުވީ ހުވަނދުމަލުގެ މީރުވަހެވެ. ފާރޮށި މީރު ކުރަން އޭނާ ހުންނަނީ ޑަބިޔަލަށް ހުވަދުމާ އަޅައިފައެވެ.  އެއް ޑަބިޔަލުގައި ހުރީ މަތީކިބައެވެ. އަނެއް ޑަބިޔަލުގައި ހުރީ ދަށުކިބައެވެ. އޭރު ފާރޮށި ގަންނަން ދަނީ ކޮތަޅު ހިފައިގެންނެވެ. ބައެއް މީހުން ކުދިޑަބިޔާ ނުވަތަ ނެސްޕްރޭ ހުސްކުރި ދަޅު ވެސް ހިފައިގެން ދެއެވެ. ފިހާރައިން އެއްޗެތި ދެނީ ކަރުދާހުގައި ބަންދުކޮށްފައެވެ. ހަކުރު ފުށް އަދި ހަނޑޫވެސް ގޮށި ހަދާ ގޮށިގައި ބަންދުކޮށްފައި ދީހަދައެވެ.

ފާރޮށީގެ ކަންތަން ނިމުމުން ގާނދީ ސައިބޯންޏެއްވެސް ބޭނުން ކަމަށް ބުނީމެވެ. ގާނދީ  ސައިބޯނީގެ ދިގުމިނުގައި މުށެއް ވަރު ހުންނަނާނެވެ. ދެއިންޗި ފުޅާ ފަތި ސައިބޯންޏެކެވެ. ލޮޓަސް މަލެއް ޖަހާފައި ހުންނާތީ ފަހުން ލޮޓަސް ސައިބޯންޏޭ ވެސް ކިޔައެވެ. އަދި ހައެއްކަ އިންޗި ހުންނަ ވަރުގެ ސަންލައިޓް ކިޔާ ސައިބޯންޏެއް ވެސް ގެންގުޅުނެވެ. އެސައިބޯނިތައް ބޭނުން ކުރީ ފެންވެރުމަށެވެ. ބައެއް މީހުން އަންނައުނު ދޮވުމަށާއި ތެލިތަށި ދޮވުމަށް ވެސް އެ ސައިބޯނު ބޭނުން ކުރިއެވެ.

އަޅުގަނޑުމެން ފެންވަރަން ވަންނަނަމުން އެއިން ކުޑަ ސައިބޯނި ކޮޅެއް ބުރިކޮށްލައިގެން  ވަދެ ފެންވަރަނީއެވެ. ސައިބޯނި ބުރިކުރަނީ ކަންވާރު ކޮޅެއްގެ އެހީގައެވެ. އެކަންވާރު ޮޅު ހުންނަނީ ގިފިއްޔަށް ވަންނަ ފުޅަފުގެ ބޭރުގައި ދެކޮޅު އައްސާލައި މެދު ބޮޅެއް ހެނެވެ. އެބޮޅުތެރެއަށް ސައިބޯނި ވައްދާލުމަށް ފަހު ވަރަށް ފަސޭއިން ބުރި ކޮށްލެވޭނެއެވެ.

އޭގެ ސައިބޯންޏެއްގެ އަގު އުޅެނީ ދެރުފިޔާ ނުވަތަ ދެރުފިޔާ ބަޔަށެވެ. ވަކިން  ބުރިކޮށްގެން ވެސް އެސައިބޯނި ފިހާރަތަކުން ވިއްކިއެވެ. ސައިބޯނި ބުރިއެއްގެ އަގަކީ 25 ލާރިއެވެ.

އަތުގައި އޮތް ފަސްލާރި ދީފައި ބާލީސް މެޓާވެސް ގަތީމެވެ. ބާލީހެއްގެ ސިފައިގައި އޮންނަ މިމެޓާ މިއީ ރާއްޖޭގައި ތައްޔާރު ކުރާ މެޓައެކެވެ. އަތުގެ ކުޑަވާ އިނގިލީގެ ބަދައަކަށް ވުރެ ކުޑަ ވާނެއެވެ. ހުންނަނީ ފެއްސާ ރަތާ ދެކުލައިންނެވެ. ހަނދާން ވާ ގޮތުން ފަސްލާރިއަށް 10 މެޓާ ލިބޭނެއެވެ. ދެން ހުންނަނީ ދިޔާ ހަކަރު މެޓައެވެ. އެމެޓާ ވަރަށް ތަތް ގަދަވާނެއެވެ. ކާއިރު  ދަތުގައިވެސް ތަތްލާނެއެވެ. ބާލިސް މެޓާ ހަރުވާނެއެވެ. ވަރަށް ރީއްޗަށް ފުނޑުވެގެން ދާނެވެ. ދެން ހުންނާނީ އަލަނާސި މެޓައާއި ލުނބޯހުތު މެޓައެވެ. އަދި ޑެލްޓާ މެޓައެވެ. މިއީ ބޭރުން އެތެރެކޮށްފައި ހުންނަ މެޓާތަކެވެ. އެފިހާރައިގައި ކުދި ބިސްކޯދު، ކްރިމްކޭކަރު ބިސްކޯދު ވެސް ހުރެއެވެ. އެވެސް ހުންނަނީ ޑަބިޔަލުގައެވެ. ކުދިބިސްކޯދުގެ ތެރޭގައި މާޖެހި ބިސްކޯދު ވެސް ހުރެއެވެ. ކުދިބިސްކޯދު ވިއްކާނީ ކިރައިގެންނެވެ. އަދި މެލްބަން ކިޔާ ބިސްކޯދެއް ވެސް ހުރެއެވެ. އެއީ މިހާރު މާރީ ބިސްކޯދު ގެ ބައްޓަމަށް ހުންނަ ބިސްކޯދެކެވެ. ލައިފްބޯއީ ސައިބޯނި، އޯމޯ، އިސްކޫލު ފޮތް، ފަންސޫރު، ރަބަރު މީވެސް އެފިހާރައިގައި ހުންނަ ތަކެއްޗެވެ.

އެއީ އަޅުގަނޑުމެންގޭ ދޮށުގައި ހުންނަ މަދު ފިހާރަތަކުން އެއް ފިހާރައެވެ. ގ. މަލަރީތީގެ، މަރިޔަމްފުޅު ހޮއްކޮގެ ގޭގައި ހުންނަ ފިހާރައެވެ. އެގޭގައި ދެ ފިހާރަ ހުރެއެވެ. ފެންޑާގެ އެއްކޮޅުގައި އެއް ފިހާރަ އަދި އަނެއް ފިހާރަ އަނެއްކޮޅުގައެވެ. އެއް ފިހާރަގައި ހުންނަނީ ކާށި، ރިހާކުރު، ކާށިތެޔޮ، ރޯނު، ދޮންކެޔޮ ކަހަލަ އެއްޗެއްސެވެ. އަނެއް ފިހާރައިގައި ހުންނަ ތަކެތި ކުރިން ދަންނަވައިލެވުނީއެވެ. އަޅުގަނޑުމެން ގޭ ދޮށުގައި ހަމަ އެކަނި ސާފުތެޔޮ ލިބެން ހުންނަނީ ވެސް އެފިހާރައިންނެވެ. ސާފުތެޔޮ އަޅާފައި ހުންނަނީ ކުޑަ ތާންގީއަކަށެވެ. އެއިގެން ސާފުތެޔޮ ނަގަން ވަކިން ކުރައެއް އޮވެއެވެ. އޭރު ސާފުތެޔޮ މިނާނީ އެކަމަށް ޚާއްސަ ކުރަޔަކުންނެވެ. އޭގައި ބައިގިލަން އެއް ގިލަން އަދި ދެ ގިލަންގެ ކުރާވެސް ހުރެއެވެ. ފަހުން އެބަދަލްވީ ލީޓަރަށެވެ. ކިރާ ތަކެތިވެސް ވިއްކަނީ ރާތަލުން ކިރައިގެންނެވެ. ކިލޯ އަދި އޭރު ތައާރަފެއް ނުވެއެވެ.

މަރިޔަމް ފުޅު ހޮއްކޮއަކީ ނައު ފަހަރުގައި އުޅުނު މީހެކެވެ. އަދި ފަހުން ބޯޓް ދަތުރުކުރާން ވެސް އުޅުނެވެ.  އޭނާ ބުނާގޮތުންނަމަ ނައު ފަހަރާއި ބޯޓްގައި ޖެހުނު ކޮންމެ މަސައްކަތެއް  އޭނާ ދިޔައީ ކުރަމުންނެވެ. ސަރަނގަކަށް އުޅުނު ކަމުގައި ވެސް ބުނެއެވެ. މާލޭ ޕޯޓްކަމިޝަންގައި ވެސް އުޅުނެވެ. އަދި ކުރިން  ކަލާސީންގެ ތެރޭގައި ވެސް އުޅުނެވެ. ކަލާސީންނަކީ ކުރީޒަމާނުގައި ބަނޑު ހަނޑޫ ބެހުމުގައި އުޅޭމީހުންނެވެ.

އޭނާގެ އެންމެ ޚާއްސަ ސިފައަކީ އުމުރުގެ ބޮޑުބައި އެކަނިމާއެކަނި ދިރިއުޅުމެވެ. ކެއްކުމަކަސް ގޭތެރެސާފު ކުރުމަކަސް ގޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އައީ ކުރަމުނެވެ. ބައެއް ފަހަރު އެގޭ ފިހާރައަށް ދާއިރު ކުނިކަހާން އޮވެއެވެ. ބައެއް ފަހަރު ކޮންމެވެސް ތަނެއް ރާނާން ހުރެއެވެ. އޭނާ ދެކައިވެނި ކުރިއެވެ. ފުރަތަމަ ކައިވެނި ކުރީ ސަކީނާ ކިޔާ މީހަކާއެވެ. އޭނާ މަރުވީއެވެ. ދެވަނައަށް ކައިވެނި ކުރީ ރަޝީދާ ކިޔާ މީހަކާއެވެ. އޭނާއާއި ކައިވެނިކޮށްގެން ދުވަސް ކޮޅަކު އުޅުނެވެ. ކުއްޖަކު ނުލިބެއެވެ.

މަރިޔަމް ފުޅު ހޮއްކޮގެ ނަން އެގޭގައި ބަހައްޓާފައި ހުނަފިލާގަނޑެއްގައި ކަނޑާ ނަގާފައި އޮވެއެވެ.

ކުރީ ޒަމާނުގައި ނައު ފަހަރުގައި ރިޔާ ނަގާ ތިރިކުރާއިރު ކިޔާ އަންބާތައް ވެސް ހޮއްކޮ ކިޔާ އުޅެއެވެ. މީހުންނާ މާގިނަ ވާހަކަ ދައްކައެއް ނޫޅެއެވެ. އަޅުގަނޑުމެން ފެނުމުން ވެސް ނިތްއެއްލާނެއެވެ. އޭނާ ދުއްވާ ބައިސިކަލްވެސް ހުންނަނީ ވަރަށް ނަލަ ކޮށްލައިފައެވެ. ސާފު ތާހިރު މީހެއްކަން އެގޭތެރެއިން ވެސް ފެނެއެވެ.

މުޅިއަވަށުގައި ވެސް އޭނަގެ އެންމެ މަޝްހޫރު ވާހަކައަކަށް އޮންނަނީ ގިނައިން ކެއުމެވެ. އޭނަ އެންމެ ގަޔާވެގެން ކާގަޑިއަކީ މެންދުރުގެ ކެއުމެވެ.

އެއްނާޅި ހަނޑުލުގެ ބަތް ކައްކާލައެވެ. އަދި ބޮޑު ދޮލަނގަކަށް ބަތް އަޅައިލުމަށް ފަހު ދޮލަނގުގެ މެދު ހާވާލާ އެތަނަށް އެބަތާ ވާވަރަށް ރިހާކުރުއަޅައެވެ. އަދި ތެޅިމިރުސް ދެތިން ސަމުސާ އަޅާލައި ދެލުނބޯގެ ހުތް ފިތާލައެވެ. އަދި ދެކާށީގެ ހުނި އެއްކޮށްލުމަށް ފަހު ކާން ފަށައެވެ. އޭރު ދޮނލަގުގެ އެއް ފަރާތުގައި ހައެއްކަ ފިޔާ ނޮޅާލާފައި އޮވެއެވެ. އަދި ލޮނުމެދުވެސް ހުރެއެވެ. މިކަން އެކި މީހުންނަށް ވަނީ ފެނިފައެވެ. ކައިނިމިގެން އޭނާ ބޭނުންވާނީ ތަށިތައްވެސް ނުދޮވެ ދުންގަނޑެއް ބޮއިލާށެވެ. ދުންގަނޑަކީ ވެސް އާދައިގެ ދުންބޯފަތުގައި އަޅާ ދުންގަނޑެއް ނޫނެވެ. ދުންބޯފަތް ތައްޔާރު ކުރާނީ ބާ ގޯނި އަންދައިގެންނެވެ. މޭވާގެ ބާވަތްތަކުގެ ތޮށި އަދި މޭވާވެސް އަޅައެވެ. ގިނައިން އަޅާނީ ފީވެފައި ހުންނަ މޭވާއެވެ. އަލަނާސި ތޮށި، ދޮންކެޔޮ ތޮށި، ފޮނި ލުނބޯ ތޮއްޓެވެ.

ދުންބޯން އޮންނާނީ އުނދޯލީގައި ކުރުއަތްމައްޗަށެވެ. ބައެއް ފަހަރު ކަންނޭލުގައި ބޯ އަޅާލައިގެންނެވެ. އެއް އަތުން އުނދޯލި ހެއްލަން ގެންގުޅޭ ވާގަނޑުން ދޭތެރެ ދޭތެރެއިން އުނދޯލި ހެއްލަމުންނެވެ. އެހެން އޮތްވާ އޭނާއަށް ނިދޭނެއެވެ. މިމަންޒަރު ފެންނަނީ އެގޭގެ ދޮރުގައި ބަކަރި ފުޅަލިގަނޑެއް ހުރުމުންނެވެ. ރޭގަނޑު ނިދަންވީމާ ގޭތެރެއަށް ހުންނަ ދޮރުގައި ފުޅަލިގަނޑެއް ވިއްދާ ބަންދު ކޮށްލައެވެ. އެހެން ނޫނީ ގޭތެރޭދޮރުގައި ހުންނާނީ ދަނޑިއެއް ވިއްދާ ހުރަސް ކޮށްލާފައެވެ. ގޭގެ ހުރިހާ ތަނެއް ފެންނަނީ ކަށިވެލި ލާފައި އޮތްވައެވެ.

ނިދާލާފައި ތެދުވެ ތެލި ތަށި ދޮންނާނީއެވެ. ސައިބޯއިރުވެސް ކުރައެއްގެ ސައި ވިއްސަކަށް ޖޯޑު ފާރޮށި ކާލައެވެ. ޖޫސް ބޯއިރުވެސް ޖަގެއްގެ ޖޯސް އޭނާ ބޯލައެވެ.

އެގޭގެ ބިތްދޮށް ފަރާތުގައި މުރަނގަ، މައްސާގު، މާބުޅާ، ތިޔަރަފަތް ކަހަލަ ހަށިގަނޑަށް ފައިދާ ހުރި ފަތްޕިލާވެލި ހައްދައެވެ. ކާގަޑީގައި ކޮންމެވެސް ފަތެއް ވެސްކައެވެ. ފަތްކެޔޮވެސް ހައްދާފައި އޮވެއެވެ. ފަތް ކެޔޮ ގަނޑު ދޮންވީމާ ވިއްކާކަށް އޭނަ ނޫޅެއެވެ. ކައި ހުސްކުރަނީއެވެ. ގޭ ތެރޭގައި ކެޔޮގަނޑު އެލުވާފައި ހުއްޓާ ފެނެއެވެ. ފިހާރައިގައި ހުންނަނީ ބާޒާރުން ގަނެގެން ގެންނަ ކެޔޮގަނޑެވެ. ބޮޑެތި ހިކަނދި ގަސްތައް ވެސް އޮވެއެވެ. ގިފިލީ ފާރުމަތިން މަގުމައްޗަށް ވެސް އެގަސްތައް ފެންނާން އޮވެއެވެ. އަޅުގަނޑު ހިކަނދިފަތް ގަންނަންވެސް އެގެއަށް ދަމެވެ.

އޭނާއަކީ މަޑިހަދާ ވިއްކާ އުޅުނު މީހެއްވެސް މެއެކެވެ. މަޑިއެއްލުމުގައި ވެސް ޚާއްސަ ގޮތްތަކެއް ގެންގުޅުނެވެ. އެއްލައިގެން ހުރި މަޑި ކަނޑައިގެން ގޮއްސިނަމަ ކުއްޖެއް ކައިރީ ބުނެގެން އެމަޑި އަލުން ހޮވައިގެން ގެނެސް އެއްލާހަދައެވެ. އެމަޑި ނުލިބިއްޖެ ނަމަ އެދުވަހު މަޑިއެއްލުމެއް ދެން ނޯންނާނެއެވެ. އޭނާގެ ހަށިގަނޑު ވަރުގަދަ ކުރާސާމާނު ގޭތެރޭގައި ހުރެއެވެ. އެގޮތުން ބަރު އުފުއްލައެވެ. އަދި މުގުދަރު އަނބުރައެވެ. އޭނާގެ އަތުގެ މުލައްދަނޑީގައި ހުންނަނީ ޓެޓޫއެއް ޖަހާފައެވެ. އެ ޓެޓޫގައި ހުންނަނީ ބޯޓެއްގެ ނަގިއްޔެކެވެ. އަދި އެލޭ ކަހަލަ ދެބޮޅުވެސް ގޭމަތިވަޑާންގަޑުގައި ވާޖަހާ ތިރިޔަށް އެލުވާފައި ހުރެއެވެ. އޭގައިވެސް އޭނާ އެލިހަދައެވެ.

ބިންމަތީގައި އޮންނަ 50 ކިލޯގެ ހަނޑޫ ބަސްތާގެ އެއްކަނުގައި ހިފައި އުފުއްލާލައި އަމިއްލައަށް ކޮނޑުމައްޗަށްލައެވެ. ސާފުތެޔޮ ފީފާ އެއް އަތުން ހިފާ ނަގާ ކޮޅަށް ޖަހާލައެވެ. އޭނާގެ ހަށިގަނޑު ފެންނަނީ ސިކްސްޕެކް ހަށިގަނޑެއްގެ ގޮތުގައެވެ . ބަނޑުވެސް ވަރަށް ހިންޖެވެ. މީދާ މަސްގަނޑުގެ ވަރުގަދަކަންވެސް ފެނެއެވެ. އޭނާއަކީ ފަލަމީހެއް ވެސް ނޫނެވެ.

ހެޔޮ ވަރުއިސްކޮޅެއްގެ މީހެކެވެ. މޭމަތީގެ މަސްތައް ވެސް ހުންނަނީ ވަރަށް ވަރުގަދަކޮށެވެ. އާންމުކޮށް ފެންނަނީ ހުސްގަޔާ ހުއްޓައެވެ. މަދު ފަހަރަކު ބައިސްކަލުގައި ތަނަކަށް ދާވަގުތު، ގައިގައި ގަންޖުފަރާސް ނުވަތަ ގަމީހެއް އޮއްވާ ފެނިދާނެއެވެ. އަބަދު ހުންނަނީ މުންޑުގައެވެ. ބައެއް ވަގުތަށް އަރުވާ ޖަހަލާފައި ވެސް ހުރެއެވެ. ކޮނޑުމަތީގައި ކަނޑިކި ފޮތީގެ ފޮތިކޮޅެއް އަބަދުވެސް އޮވެއެވެ. އޭނާ އާއި އަތާއަތާލާ ހަމަ ކޮންމެ މީހަކު ބަލިކޮށްލާ ތަން އަޅުގަނޑު ދުށީމެވެ. އެކަން އޭނާ ކުރީ ރުއްކޮށި ކުޑަ މުހައްމަދު ފުޅުގޭގައެވެ. ހަމަ ކޮންމެ ފަހަރަކު ގަދަވަނީ ހޮއްކޮއެވެ.

ރޭގަނޑު ހިސާބުގެ އަވަށްޓެރިންގެ ތެރެއިން އޭނާއަށް ވުރެ ދޮށީ އުމުރުގެ މީހުން އެގެއަށް އެއްވެއެވެ. އަދި ވަރަށް ތަފާތު ކަމެއް އެމީހުން  ކުރެއެވެ. އެއީ އަނގައިން އަޑު ލައްވައިގެން މިއުޒިކް ކުޅުމެވެ. އެޒަމާނަށް ބަލާއިރު ވަރަށް އާދަޔާ ޚިލާފު ކަމެކެވެ. މިހާރު ދުނިޔޭގައި އަނގައިން މިޔުޒިކް ކުޅޭ މީހުން އުޅެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް މިކަންކުރާ ވަރަށް ކުޅަދާނަ ޒުވާނުން އުޅެއެވެ. އެމީހުންގެ ތަފާތަކީ ގްރޫޕެއްގެ ގޮތުގައި މިކަން ކުރުމެވެ. އަދި  އަމުދުން  އެދުވަސް ވަރެވެ.

ހޮއްކޮގެ އުމުރުގެ ފަހު ދުވަސްތަކުގައި ވަރަށް މަޝްހޫރު މީހަކަށް އެގެއިން ބޯހިޔާވަހިކަން ވެސް ދިނެވެ. އެއީ ނާސިރާއެވެ. (އާންމު ނަމުން ނަމަ މޮޔަ ނާސިރާއެވެ.) އެކަމަކު ނާސިރާއަކީ މޮޔައެއްނޫނެވެ. އަމިއްލަ މަސައްކަތުން ކައިބޮއި އުޅުނު މީހެކެވެ. އަޅުގަނޑުވެސް އޭނާއާއި ބައްދަލުވެގެން ވާހަކަ ދައްކާ ހެދީމެވެ. ނާސިރާ ބާޒާރުން ގެންނަ ކުރޮޅި އަދި ކާށިން  ކާށިތެޔޮ އުފެއްދުމުގެ މަސައްކަތް ވެސް ހޮއްކޮ ކުރިއެވެ. އަދި އެތެޔޮ ބާޒާރަށް ވިއްކަނީ ނާސިރާ އެވެ.

ބައެއް މީހުނަށް ހޮއްކޮގެ ނަމުން ހީވަނީ އެއީ އަންހެނެއް ކަމުގައެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. އޭނާގެ މަންމަގެ ނަމަކީ މަރިޔަމް ފުޅެވެ. އޭނާގެ އާންމުނަމަކީ ހޮއްކޮއެވެ. ފޮތު ނަމަކީ އަޙްމަދު މުޙައްމަދެވެ. ހޮއްކޮގެ ބައްޕައަކީ ވަކައޮޅި މުޙައްމަދު ފުޅެވެ. ހޮއްކޮ މިއަދުވަނީ އަޅުގަނޑުމެންނާ ވަކިވެން ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައެވެ.

އޭނާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *