Support Us

މިނިސްޓްރީތަކަށް ދިވެހި ނަންތަކެއް އަނެއްކާ ވެސް ހަމަޖައްސައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިނިސްޓްރީތަކަށް ކިޔާނެ ދިވެހި ނަންތަކެއް އަނެއްކާ ވެސް ހަމަޖައްސައި، ނަންބޯޑުތައް ހަރުކުރަން ފަށައިފި އެވެ. މިއީ މިނިސްޓްރީތަކަށް ދިވެހި ނަންތަކެއް މި ފަހުގެ ޖީލެއްގައި ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުގެ މިނިސްޓަރަކު ވިދާޅުވީ ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ނަންތަކެއް ވެސް ރައީސް ޑރ. މުއިއްޒު ނިންމަވައިފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހި ގައުމިއްޔަތު ނަގައި ކޮޅަށް ޖެއްސެވުމުގެ ވައުދާއެކުގައެވެ. މިގޮތުން އެކަމަށް ޚާއްސަ ވުޒާރާއެއް ވެސް ވަނީ އުފައްދަވައިފައެވެ.

މިނިސްޓްރީތަކަށް ކިޔާ ދިވެހި ނަންތައް:

1. މިނިސްޓްރީ އޮފް ޑިފެންސް – ދިފާއީ ވުޒާރާ

2. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް – ހާރިޖީ ވުޒާރާ

3. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ – ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

4. މިނިސްޓްރީ އޮފް ފިނޭންސް – މާލީ ވުޒާރާ

5. މިނިސްޓްރީ އޮފް އެޑިޔުކޭޝަން – ތައުލީމީ ވުޒާރާ

6. މިނިސްޓްރީ އޮފް ހެލްތް – ސިއްހީ ވުޒާރާ

7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް – އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

8. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް – މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

9. އެޓާނީ ޖެނެރަލްގެ އޮފީސް – ބަންޑާރަ ނައިބުގެ އޮފީސް

10. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް – އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

11. މިނިސްޓްރީ އޮފް ޓޫރިޒަމް – ފަތުރުވެރިކަމާ ބެހޭ ވުޒާރާ

12. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް – އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

13. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން – ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

14. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ – މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

15. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް- ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ

16. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން – ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ

17. މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް – ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

18. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް – މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ

19. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ- އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

20. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ – ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

21. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް – ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

22. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް – ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ

މިނިސްޓްރީތައް އުފެދުމުގެ ކުރިން، ރަސްކަމުގެ ޒަމާނުގައި، ސަރުކާރުގެ ވެރިންނަށް ދީފައި ވަނީ ދިވެހި ނަމެވެ. މިގޮތުން ދައުލަތުގެ އެންމެ އިސް މަޤާމަކީ ރަސްގެފާނެވެ. ރަސްގެފާނަށް މަޝްވަރާ އެރުވުމަށް 10 ކިލެގެބޭކަލުން ތިއްބަވައެވެ. އެންމެ އިހުޒަމާނުން ފެށިގެން މާލޭގައި ފަނޑިޔާރަކާއި އަތޮޅުތަކުގައި އޭނާގެ ނައިބުން ތިބެއެވެ. މިއީ ޢަދުލު އިންޞާފު ޤާއިމުކޮށް ދީނުގެ ކަންތައްތައް ހިނގުމުގެ ވެރިންނެވެ. ދެން ހުންނަނީ ހަނދޭގިރި ބޭކަލެކެވެ. މިއީ ޤައުމުގެ އެތެރޭގެ ކަންތައްތައް ބެލެހެއްޓުމުގެ ވެރިޔާއެވެ. އުތީމުރަދުންގެ ޒަމާނުން ފެށިގެން ހަވަރުގެ ކަންތަކާއި ހަވަރުހަނގުންގެ ކަންތައް އިންތިޒާމުވެ ދޮށިމޭނާ، ހަކުރާ، ވެލާނާ ބޭކަލުން ތިއްބަވާން ފެށުމުން މި ބޭކަލުންނަކީ މިހާރު ނަމަ ޢަސްކަރިއްޔާ، އަޝްޣާލް އަދި ޚާރިޖީ ވަޒީރުންގެ މަޤާމުކަމުގައި ބެލެވިދާނެއެވެ.

ދައުލަތް ހިންގުމުގެ އިސްވެރިންނަށް ވަޒީރުކިޔަން ފެށުނީ މާފަހުންނެވެ. ވަޒީރު ނުވަތަ މިނިސްޓަރ މިހެންނުކީ ކަމަށްވިޔަސް ދިވެހި ދައުލަތުގައި އޭރަކަށް އެކަށޭނަ އެކި ވަޒީރުންގެ މަސައްކަތް ކުރުމަށް ބޭކަލުން ޢައްޔަންކުރައްވާފައި ތިބެއެވެ.


ފަނޑިޔާރު- ޗީފް ޖަސްޓިސް
ހަނދޭގިރި- ހޯމް މިނިސްޓަރ
ދޮށިމޭނާ- ޑިފެންސް މިނިސްޓަރ
ވެލާނާ- ފޮރިން މިނިސްޓަރ
ހަކުރާ- ޕަބްލިކްވާރކްސް މިނިސްޓަރ
ބޮޑުބަނޑޭރި- ފިނޭންސް މިނިސްޓަރ

ރަސްކަމުގެ ޒަމާނުގައި، 1932 ވަނަ އަހަރުން ފެށިގެން ވުޒާރާތަކަށް ކިޔައިފައި ހުރީ އަރަބި ނަންނަމެވެ. އިނގިރޭސި ބަހުން އެ ނަންތައް ކިޔަން ފެށީ 1968 ގައި ރައީސް މަރުހޫމު އިބްރާހިމް ނާސިރެވެ.

  • ނޯޓް: ތާރީޚާ ބެހޭ މައުލޫމާތާއި ފޮޓޯ: މުހައްމަދު މުއިއްޒު އަދުނާނު އަދި މުހައްމަދު ޝާތިރުގެ އެފް.ބީން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *