އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޓްރަމްޕާ ދެކޮޅަށް ވާދަކުރައްވާ ޖޯ ބައިޑެންގެ ނައިބަކަށް ކަމަލާ ހެރިސް ހަމަޖައްސަވައިފި އެވެ.
ކެލިފޯނިއާގެ އެޓަރނީ ޖެނެރަލްކަން ކުރައްވާފައިވާ ކަމަލާއަކީ އެމެރިކާގެ ތާރީޚުގައި ނައިބް ރައީސް ކަމަށް ވާދަކުރައްވާ ކަޅު ނަސްލުގެ ފުރަތަމަ ބޭކަނބަލެވެ. ޑިމޮކްރެޓިކް ޕާޓީން ރާއިސަކު ހޮވަން ބޭއްވި ޕްރައިމަރީގައި ބައިޑެން އާއި ދެކޮޅަށް ކަމަލާ ވާދަކުރައްވާފައިވާއިރު، އޭނާގެ ނައިބަކަށް ކަމަލާ ކަނޑައެޅީ އެކަމަނާއަކީ ހިތްވަރުގަދަ، ޖެހިލުންކުޑަ، އަދި އެމެރިކާގެ ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރައްވާ ބޭކަނބަލަކަށް ވާތީ ކަމަށް ބައިޑެން ވިދާޅުވި އެވެ.
ކަމަލާއަކީ އެމެރިކާގައި ދިރިއުޅޭ ފަގީރުންނަށް އަޅާލާ، އަންހެނުންނާއި ކުޑަ ކުދިންގެ ހައްޤުގައި ވަކާލާތުކުރައްވާފައިވާ ބޭކަނބަލެއް ކަމަށް ވިދާޅުވެ، ބައިޑެންގެ ނައިބް ރައީސްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާތީ އެކަމަނާއާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާއިރު ނައިބު ރައީސަކަށް ކަނބަލަކު ހޮއްވަވާނެ ކަމަށް ބައިޑެން ވަނީ މާޗު މަހު ވަޢުދުވެވަޑައިގެންފަ އެވެ.
އުމުރުފުޅުން 55 އަހަރުގެ ކަމަލާ ވަނީ އެމެރިކާގައި ނަސްލީ ތަފާތުކުރުންތަކާ ހުރެ ކުރެވުނު މުޒާހަރާތަކުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތްތައް އިސްލާހުކުރުމަށް ގޮވާލައި، އެކަމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އަދި އެމެރިކާގައި އުޅޭ ކަޅު ނަސްލުގެ މީހުންގެ މެދުގައި މަޤުބޫލުކަން ވެސް ހޯއްދަވައިފަ އެވެ.
އޯކްލަންޑަށް އުފަން ކަމަލާގެ މަންމާފުޅަކީ އިންޑިއާ ބޭކަނބަލެކެވެ. އަދި ބައްޕާފުޅަކީ ޖަމައިކާ ބޭކަލެކެވެ. ހާވާޑް ޔުނިވަރސިޓީން މަތީ ތަޢުލީމް ހާސިލްކުރައްވާފައިވާ ކަމަލާއަކީ އެ ޤައުމުގެ ނައިބް ރައީސް ކަމަށް ވާދަކުރައްވަން ޤާބިލު ބޭފުޅެއް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ގިނަ ބަޔަކު ދެކެ އެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ވަނީ ކަމަލާއަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.



advertisment