Support Us

ނަޝީދު: އިންތިހާބުކުރި ތިން މަގާމުން ވެސް ވަނީ އިސްތިއުފާ ދެއްވައިފައި

އިސްތިއުފާގެ ހެޓްރިކެއް ހައްދަވައި ރައީސް ނަޝީދު ތިންފަށްވުން

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އިސްތިއުފާގެ އެންމެ ފުރަތަމަ ހެޓްރިކެއް ހެއްދެވި ބޭފުޅާއޭ މިހާރު ބުނެވިދާނެ އެވެ. ނަޝީދަކީ އިރެއްގައި އެމްޑީޕީގެ ރޫހާނީ ލީޑަރުގެ ގޮތުގައި އެ ޕާޓީން ދުށް ލީޑަރު ވެސް މެއެވެ. ނަމަވެސް މިއަދު އެ ވިސްނުން ބަދަލުވެ "ރޫހާނީ ލީޑަރު" މިވަނީ "އެމްޑީޕީ ރޫޅާލި" ލީޑަރަށްވެފަ އެވެ. އަދި މިހާރު އެއީ އެމްޑީޕީގެ ގިނަ ބަޔެއްގެ ހިތްތަކުގައި އޮތް ލޯބި ނަފްރަތަށް ބަދަލުވެފައިވާ ލީޑަރު ވެސް މެ އެވެ.

އިސްލާހީ މަސައްކަތްތަކަށް އަދި ވަކިން ހާއްސަކޮށް ޑިމޮކްރަސީއަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ކުރިން ގަބޫލްކުރި ނަޝީދަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް މަގުބޫލް ބޭފުޅަކަށް ވެގެން ގޮސްފައިވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ކަނޑުއަޑީގައި އޮކްޓޯބަރު 2009 ގައި ބޭއްވެވި ކެބިނެޓް ބައްދަލުވުމާ ހިސާބުންނެވެ. އަބަދުވެސް މިޒާޖުގައި ސިޔާސަ ގޮތްތަކެއް ހުންނަ ނަޝީދަކީ ރާއްޖެއަށް ޑިމޮކްރެސީ ގެނެސްދެއްވުމުގައި އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ރައީސް ނަޝީދު ސިޔާސީ ހަޔާތް ފެއްޓެވީ ރައީސް މައުމޫން އަބްދުލްގައްޔޫމު ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި 1999 ގައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ގިނަ ޕާޓީތައް ވާދަކޮށްގެން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ ރަން 30 އަހަރުގެ ބާނީ ރައީސް މައުމޫނާ ދެކޮޅަށް ނިކުމެވަޑައިގެން އެހެން ހުރިހާ ސިޔާސީ ލީޑަރުންގެ ތާއީދާއެކު، އިންތިހާބުގެ ދެވަނަ ބުރުގަ އެވެ.

ރައީސް ނަޝީދަށް ރިޔާސީ އިންތިހާބު އެފަހަރު ކާމިޔާބު ކުރެއްވުނީ ކޯލިޝަން ސަރުކާރެއް އެކުލަވާލައްވައިގެން ނަމަވެސް "ޗާޓުން ބޭރުން" ކަންކަން ކުރައްވަން ފެއްޓެވުމާ އެކު ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކޯލިޝަންގެ ލީޑަރުންނާއި ރައީސް ނަޝީދާ މައްސަލަތައް ޖެހި އެ ބޭފުޅުން ކޯލިޝަނުން ބޭރުކުރެއްވި އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި މެދެއްހާ ތަނުގައި ގާނޫނީ އިމުން ބޭރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކޮށްގެން އާ ރަށުގައި ގެންގުޅުއްވި މައްސަލަ ވެގެން ދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގެ އެންމެ ބޮޑު އެއް ފެއިލްވުމަށެވެ.

ނަޝީދު ވެރިކަން ކުރައްވަމުން ގެންދެވީ ގާނޫނު އަސާސީއާ ހިލާފަށް ކޯޓުތަކުގެ އަމުރަށް ވެސް އިޖާބަ ދެއްވުމެއް ނެތި އެވެ. އެގޮތުން ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުއްވައިގެން ވެސް ވެރިކަން ކުރެއްވޭތޯ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ރައީސް ނަޝީދު މަސައްކަތްތަކެއް ކުރެއްވި އެވެ. ނަމަވެސް އެފަދަ އެތަކެއް ކަމެއް ގާނޫނީ އިމުން ބޭރުން ކުރެއްވުމުގެ ނަތީޖާއަކަށް ވެގެން ދިއައީ 2012 ވަނަ އަހަރުގެ ފެބްރުވަރީގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވަން މަޖުބޫރުވި ސަބަބެއްގެ ގޮތުގަ އެވެ. ނަަމަވެސް ފަހުން ވިދާޅުވީ އިސްތިއުފާ ދެއްވީ ބަޔަކު "ސަރުކާރު ވައްޓާލަން ބަގާވާތްކޮށް މަޖުބޫރު ކޮށްގެން" ކަމަށެވެ.

ރައީސް ނަޝީދަކީ ސިޔާސީ ހަޔާތްޕުޅުގައި އެކި ފަހަރު މަތިން ތަފާތު ސިޔާސީ އެކިއެކި މައްސަލަތަކުގައި އެންމެ ގިނަ ފަހަރަށް ޖަލަށް ވަދެވަޑައިގެންނެވި އެއް ބޭފުޅާއެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އިސްގާޒީ ގާނޫނީ އިމުން ބޭރުން ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާފައި ހުއްޓާ މިނިވަންވެވަޑައިގެންނެވީ ބޭސް ފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުގެ ސަރުކާރުގެ ހިމާޔަތް ހޯއްވައިގެން ހުންނަވަނިކޮށް، 2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވި ހިސާބުންނެވެ.

އެފަހަރު ރާއްޖެ ވަޑައިގެން 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ކާމިޔާބުކުރެއްވި އެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ވަަޑައިގެންނެވި އެވެ. ދެން ފެއްޓެވީ މަޖިލީހުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތްފުޅެވެ. އެގޮތުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަޖިލީހަށް ގަރާރެއް ވައްދަވައި، އެކަން ކާމިޔާބު ކުރެއްވޭތޯ ބައްލަވައި ޕާޓީގެ ތެރޭގައި ގިނަ ހަމަނުޖެހުންތަކެއް އުފެއްދެވި އެވެ.

އެގޮތުން "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ފެއްޓެވި އެވެ. އަދި އެއަށްފަހު އެ ގަރާރު އަނބުރާ ގެންދެވީ އެކަން ކާމިޔާބު ނުކުރެއްވޭނެކަން ޔަގީންވުމުންނެވެ. މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ރައީސް ނަޝީދު ނާކާމިޔާބުވެ ވަޑައިގެންނެވިތާ ދުވަސްކޮޅެއްގެ ތެރޭގައި، 21 ޖޫން 2023ގައި ޕާޓީގެ ރައީސްކަމުގެ މަގާމުން ވެސް ނަޝީދު އިސްތިއުފާ ދެއްވި އެވެ.

ރައީސް ނަޝީދު ދެން ފެއްޓެވީ އެތައް ހާސް ބައެއްގެ ހުދު އަމިއްލަފުޅަށް ބުރަ މަސައްކަތުން ވުޒޫދުކުރި ޕާޓީ ކަމުގައިވާ އެމްޑީޕީ ރޫޅާލުމުގެ މަސައްކަތެވެ. އަދި އެކިއެކި ޕޯޑިއަމްތަކުގައި އަޑު ހަރުކޮށް އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވަމުން ގެންދެވި އެވެ.

"އެމްޑީޕީ ރޫލާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން،" އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ އެ މަސައްކަތް ނަޝީދަށް ކާމިޔާބު ކުރެއްވިއްޖެ ކަމަށް އަމިއްލަފުޅަށް ގަބޫލް ވެސް ކުރައްވަ އެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީން އެއް ބުރުން އިންތިހާބު ގެންދިއުމަށް ނާކާމިޔާބުވި ހިސާބުން ވެސް ނަޝީދު ކަންކަން ކުރެއްވި ގޮތް އެއް ފަރާތްކުރައްވައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހް އެދިވަޑައިގެންނެވި އެވެ. ނަމަވެސް އެފަހަރު ވެސް ނަޝީދު ބޭނުންފުޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ލިބޭތޯ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ރިޔާސީ އިންތިހާބުގެ ކުރިން ނެގުމަށެވެ. ނަމަވެސް އިންތިހާބުގެ ކުރިން އެ ވޯޓަށް އެމްޑީޕީން ވެސް ތައްޔާރަށް ނެތުމުން ނަޝީދު ރައީސް ސޯލިހަށް ތާއިދު ނުދެއްވި އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހްގެ މައްޗަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ހޯއްދެވީ ބޮޑު ތަފާތަކުންނެވެ.

ސިޔާސީ ހަޔާތްޕުޅުގައި އެންމެ ފަހުން ހެޓްރިކެއް މި ހެއްދެވީ އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި އިންނަވައިގެން އެމްޑީޕީއާ ދެކޮޅަށް ފެއްޓެވި އެތަކެއް މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ދެ ވަނަ ފަހަރަށް ވައްދައިފައިވާ ދަނޑިވަޅެއްގައި، މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަމިއްލަފުޅަށް އިއްޔެ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމެވެ.

ރައީސް ނަޝީދަކީ ޑިމޮކްރަސީގެ ބައްޕަގެ ގޮތުގައި ދުނިޔެ ގަބޫލް ކުރައްވާ ބޭފުޅަކަށް ވާއިރު ޑިމޮކްރަސީގެ ރީިތި އުސޫލުން ކަންކަން ކުރައްވަމުން ނުގެންދަވާތީ ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް މައްސަލަ އެމްޑީޕީން މަޖިލީހަށް ވެއްދީ 49 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. ނަމަވެސް އެ ވޯޓު ނުނެގި މަޖިލީސް ޑެޑްލޮކަކަށް ގޮސްފައިވަނިކޮށް، ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ނުފެނިގެން ހައްލެއް ހޯދަން ޖެހުނީ ސުޕްރީމް ކޯޓާ ހަމައިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމު ދިފާއުކުރައްވަން ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ފަހު ނަޝީދު އެންމެ ފަހުން އިސްތިއުފާ ދެއްވީ ޑިމޮކްރަސީއަށް ޖާގަ ދެއްވުމަށް ކަމަށް ވިދާޅުވެއެވެ. އަދި އެއީ އެމަނިކުފާނު އަބަދުވެސް ކަންކުރައްވާ އުސޫލުކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ނަޝީދު އިސްތިއުފާ ދެއްވީ އިތުބާރުގެ މައްސަލަ މަޖިލީހުގެ ތެރެއިން ކުރިއަށް ނުގެންދެވިގެން ގޮސް އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް ސުޕްރީމް ކޯޓުން ނިންމި ފަހުންނެވެ. އިސްތިއުފާއަށް ފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި، އިސްތިއުފާ ދެއްވަން ކުރިން ނުވިސްނެވީ ކީއްވެތޯ އާއި އަމަލްތައް ކުރެއްވީ ޑިމޮކްރަސީގެ ރީތި އުސޫލުތަކުންތޯ ގަބޫލްފުޅު ކުރައްވަންތޯ ނޫސްވެރިން ދެންނެވި ގިނަ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ރައީސް ނަޝީދު ހުންނެވީ ހަނެވެ.

ތާރީހުގެ ތެރެއިން ނަޝީދު މިއަދު ޖާގަ ހޯދައިފައި ވަނީ އިންތިހާބުކުރި ތިން މަގާމުން ވެސް އިސްތިއުފާ ދެއްވި ރައީސްގެ ގޮތުގައެވެ. އެއީ ވެސް ރެކޯޑެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *