Support Us

ކޮވިޑް-19 ޖެހުމުން ބޮލުން އިސްތަށި ފައިބާ: އެލިސާ މިލާނޯ

ކޮވިޑް-19 ޖެހުމުން ބޮލުން އިސްތަށި ފައިބާ ކަމަށް އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި އެލިސާ މިލާނޯ ބުނެފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މިހާރު ރަނގަޅުވެފައިވާ އެލިސާ މިލާނޯ ބުނިގޮތުގައި ކޮވިޑް-19 ޖެހިގެން އެތައް ދުވަހެއް ވަންދެން ބަލިކޮށް އުޅުމަށްފަހު އޭނާ މިހާރު ރަނގަޅުވެފައިވާއިރު އޭނާގެ ބޮލުން މިހާރު ވަނީ އާދަޔާޚިލާފަށް އިސްތަށި ފައިބަން ފަށާފަ އެވެ.

އަދި މާޗު މަހުން ފެށިގެން ކޮވިޑްގެ އަލާމާތްތައް ފެނިގެން ދެ ފަހަރު މަތިންވެސް ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާއިރު، ތިން ވަނަ ޓެސްޓުން ކޮވިޑްގެ އެންޓިބޮޑީޒް އަށް އޭނާ ވަނީ ޕޮޒިޓިވް ވެފައި ކަމަށާއި، އެ ދުވަސްތައް މަތިން ހިތަށް އަރުވާލިޔަސް ހިތަށް ބިރުވެރިކަން ވަންނަ ކަމަށް އޭނާ ބުންޏެވެ.

މިލާނޯ ވަނީ އޭނާގެ ބޮލުން އިސްތަށި ފައިބާ މަންޒަރު ވީޑިއޯކޮށް ޓްވީޓުކޮށްފަ އެވެ. އަދި އެ ވީޑިއޯ ބެލުންތެރިންނާ ހިއްސާކުރީ، ކޮވިޑްގެ ސަބަބުން އޭނާގެ އިސްތަށިގަނޑަށް ލިބިފައިވާ ގެއްލުން ދައްކާލުމަށާއި، ކޮވިޑް އާ މެދު މީހުން އިތުރަށް ހޭލުންތެރި ކުރުމުގެ ގޮތުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"މިއީ، ބަލިން ރަނގަޅުވުމަށްފަހު އަހަންނަށް ކުރިމަތިވި ކަންތައް. އެންމެ ފަހަރަކު ފުނާ އަޅާލިޔަސް އިސްތަށިބޮނޑިއެއް އަތަށް އާދޭ. މާސްކު އަޅާ، ގައިދުރުކަން އިހުތިޔާރުކުރޭ. މިއީ ސަމާސާއެއް ނޫން،" ޓްވީޓުގައި މިލާނޯ ބުންޏެވެ.

ބަލިން ރަނގަޅު ވުމަށްފަހު ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި މިލާނޯ ބުނެފައި ވަނީ ކޮވިޑް ޖެހި، ރަނގަޅުވުމުން ކަންތައް ކުރަންވީގޮތުގެ އިރުޝާދެއް އެއްވެސް އިދާރާއަކުން ދީފައިނުވާ ކަމަށެވެ. އަދި އެއީ މި ބައްޔާ ގުޅޭގޮތުން ނޭންގޭ އެތައް ކަމެއް ހުރުމުން ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި ބަލިން ރަނގަޅުވުމަށް ފަހު ހިތާއި، ފުއްޕާމޭ ފަދަ ގުނަވަންތަކުގެ ޓެސްޓުތައް ހަދަން ޖެހޭނެތޯ އޭނާ ވަނީ ސުވާލުކޮށްފަ އެވެ.

މިދިޔަ ހަފްތާގައި އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކާއެކު ކުރި ޕޯސްޓެއްގައި މިލާނޯ ބުނެފައި ވަނީ ފާއިތުވި ހަތަރު މަސް ތެރޭގައި އޭނާގެ ހަށިގަނޑުން ކޮވިޑްގެ އެކި އަލާމާތްތައް ފެނި، ހިތަށް ނުގެނެވޭހާ ވޭން ތަޙައްމަލު ކުރަން ޖެހުނު ކަމަށެވެ. އެގޮތުން ނޭވާލާން އުނދަގޫވެ، މުޅި ގައިގައި ރިއްސާ، ވަސް ނުދުވުމުގެ އިތުރުން ރަނގަޅަށް ކާ އެއްޗެއް ވެސް ނުކެވޭ ކަމަށް މިލާނޯ ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކު އަޅާ، ގައިދުރުކަން އިހުތިޔާރުކޮށް، ގިނަގިނައިން އަތް ދޮވުމަށް އިލްތިމާސްކުރަމުން މިލާނޯ ބުނީ މި ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތަކުގައި މައްސަލަ އުޅޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *