Support Us

ގޮންގަލިގޭ އަޙްމަދު އަލި ދީދީ (އަޙައްމަދުބެ) އުނދޯލީގައި އިނދެގެން ފޯއްވަޅިއަކުން ފޯއް ކޮށަނީ.. ފޮޓޯތައް: އަހުމަދު ސައީދު

ފުވައްމުލަކުން ފެންނަ ސަގާފީ ގެއަކާއި ކުރީގެ ދިރިއުޅުމާއި މަސައްކަތްތައް ޓޫރިސްޓުންގެ އަމާޒަކަށް

ފުވައްމުލަކު މާލެގަން މަގުމަތިން ސައިކަލެއްގައި ދަނިކޮށް، އިހުގެ ގޮތްތަކަށް ހުރި ގެއެއް ފެނުމުން ބަލައިލުމުގެ ޝައުޤުވެރިކަން އުފެދުނެވެ. އެހެންވެ މަޑުކޮށްލައި ފޮޓޯއެއް ނަގައިފީމެވެ. އެ ވަގުތު ދޮށީއުމުރުގެ ފިރިހެނަކު، ތާރު އެޅި މަގުން ހިނގައިފައި އައިސް އެ ގެއަށް ވަނތްތަން ފެނުނެވެ. އިތުރަށް ޝައުޤުވެރިކަން އުފެދުނެވެ. އެހެންވެ ސަލާމް ގޮވައިލުމަށްފަހު އެ ގެއަށް ވަދެފީމެވެ. އަހައިލުމުން އެނގުނީ އެއީ އެ ގޭގެ ވެރިފަރާތް ކަމެވެ.

އެއީ ގޮންގަލިގޭ އަޙްމަދު އަލި ދީދީ (އަޙައްމަދުބެ) އެވެ. އުމުރަކީ 83 އަހަރެވެ. ތެޅިގަލުންނާއި އުވައިން "ގޮންގަލި" ރާނައި ވަކަރާއި ސިމެންތި ޓިނުން ހިޔާކޮށްފައި ވަނީ މީގެ 41 އަހަރު ކުރިން، 1982 ވަނަ އަހަރުގެ ތެރޭގައެވެ. މި ގޭގެ އެންމެ އިހުގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ތެޅިގަލުގެ މަތީގައި ސިމެންތިޖަހައި ފޮރުވައި، ނުވަތަ ތަންތަން މަރާމާތުކޮށް ފަހުގެ ބަދަލުތައް ގެނެސްފައެއް ނުވެއެވެ. ފުރާޅުގެ ވަކަރުތަކާއި ބެރިތައްވެސް ހުރީ ހަމަ އިހުގެ ތަކެއްޗެވެ.

އަޙައްމަދުބެއާ ވާހަކަ ދައްކައިލުމުން އެނގުނީ މި ގެއަށް ބަދަލު ގެންނަން އޭނާގެ ދަރިން ބޭނުންވި ކަމެވެ.

"އެކަމަކު އަޅުގަނޑު އެކަމަށް އެއްބަސްނުވެގެން ބަދަލު ނުގެނެސް އިހުގެ ގޮތުގައި އަދިވެސް މި ދިރިއުޅެނީ،" އަޙައްމަދުބެ ބުންޏެވެ.

އާއްމުކޮށް އޭރު ހުންނަ ފެންޑާ އާއި، މެދުގެ އާއި، އެތެރެގެ (އަންހެނުންނަށް ޚާއްޞަ ބައި) އަދިވެސް ހުރީ އިހުގެ ގޮތަށެވެ. އަހައްމަދުބެ އިށީނދެގެން އެ އިން އުނދޯއްޔަކީ ވެސް އެހާ ކުރީގެ އުނދޯއްޔެކެވެ. އަދި އުނދޯލީގެ ފުރަގަހުގައި އެ ހުރި ދަލަކީ ވެސް މަސްވެރިކަމުގައި ކުރިން ބޭނުންކުރި ދަލެކެވެ.

އަދި ކޮބައިތޯއެވެ؟ މި ގޭގައި ގިފިލި (ފުވައްމުލަކު ބަހުން އެތޮރޮވަތި) އަދިވެސް ބޭނުންކުރަނީ އިހުގެ ގޮތަށެވެ. ދާނިން ފެންވެރޭގޮތް ހުއްޓެވެ. ގިފިލިތެރޭގައި ގަސް ވެސް ހުއްޓެވެ. ދާނިން ފެން ނަގައިގެން ފެންވަރާލަފާނަމޭ ވެސް ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ވާނީވެސް އެހެން ނޫންތޯއެވެ؟ މި ޒަމާނުގައި ދާނިން ފެންވަރާލަން ލިބޭނީ މިކަހަލަ މަދު ގެއެއްގައެވެ.

އާމްދަނީ ހޯދުމަށް މަސް ކައްކައި ހިއްކުމުގެ މަސައްކަތް އަޙައްމަދުބެ ދެމަފިރިން ކުރެއެވެ. މަސް ކައްކަނީ ދަރު އުނދުނުގައެވެ. ހިއްކަނީ އިހުގެ ގޮތަށް ދުމަށިމަތީގައެވެ. ދުމަށިމަތީގައި އެހަރަ ވަޅޯމަސް ވެސް ހާދަ މީރެވެ. އުންދުންމަތީގައި އެހެރަ ރިކާރު ތާސްވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ފައްކާވާނެއެވެ.

އަޙައްމަދުބެ ބުނި ގޮތުގައި މަގުމަތިން ދާ ޓޫރިސްޓުންނަށް ވެސް މި ގެ ފެނިގެން ވަދެ އެތެރެއާއި ބޭރާއި ގޭގެ ވަށައިގެން ފޮޓޯ ނަގައި ހަދައެވެ. އެހެންކަމުން ގޮންގަލި އަކީ މިހާރު ނުރަސްމީ ޓޫރިސްޓް އެޓްރަކްޝަނަކަށް ވަނީ ވެފައެވެ.

ފުވައްމުލަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި މަސައްކަތްކުރާ ގެސްޓްހައުސްތަކާއި ޑައިވް ސެންޓަރުތަކުން ގޮންގަލި ސްޕޮންސާކޮށްލުމީ ކުރެވިދާނެ ކަމެއް ކަމަށް ފެނެއެވެ. މި ސްޕޮންސާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ތެރެއިން ގޮންގަލިއާއި މި ގޭގެ މުސްކުޅި ދެމަފިރިންނާއި މި ގޭގައި މަސް ކައްކައި ހިއްކުމަށް ކުރެވޭ މަސައްކަތް ވަކި ކޮލިޓީއެއްގައި ބަލަހައްޓައި ފަހުގެ ބަދަލު ނުގެނެސް އިހުގެ ސަޤާފަތާއި އާދަކާދަތަކުގެ މަތީގައި ދެމެހެއްޓިދާނެއެވެ.

މި ގެ ބިނާކުރުމުގައި ބޭނުންކޮށްފައިވާ ސާމާނު ކަމުގައިވާ ތެޅިގަލާއި އުވައިން އިހުގައި ގެދޮރު ބިނާކުރުމަށް ދިވެހިން މަސައްކަތް ކުރިގޮތް ބަޔާންކުރާ ލިޔުމެއް ފަތުރުވެރިންގެ ބަހުރުވަތަކުން ލިޔެ ގޯތިތެރޭގައި ހަރުކޮށްފައި ބެހެއްޓުމުން، މުޅި ދުނިޔޭގައިވެސް ދިވެހިންނަށް ޚާއްޞަ މި މަސައްކަތުގެ މައުލޫމާތު ފަތުރުވެރިންނަށް އުނދަގުލަކާ ނުލާ ފޯރުކޮށްދެވޭނެއެވެ. އަދި ގޭގެ ވެރިފަރާތް މިކަމަށް ހޭލުންތެރިކޮށްގެން ފަތުރުވެރިން ޝައުޤުވެރި ކުރެވޭނެ އިތުރު ގޮތްތައް ވެސް އުފެއްދިދާނެއެވެ.

ފަތުރުވެރިކަމުގެ ވިޔަފާރިވެރިންގެ ފަރާތުން ގޮންގަލިއާއި މި ދެ މަފިރިންނާއި އެ މީހުންގެ ދިވެހިވަންތަ، ގެވެހި ދިރިއުޅުން ސްޕޮންސަރކޮށްލުން އެ ސިނާއަތުން ގައުމަށް ވަންނަ ފެހި ނޫޓުގެ ހިއްސާއެއް މި އާއިލާއާ ހަމަޔަށްވެސް ފޮރުކޮށްދެވެނީއެވެ. އަދި ރަށުގައި ޓޫރިސްޓް އިތުރު އެޓްރެކްޝަނެއް ރަސްމީ ސިފައެއްގައި އުފެއްދުނީއެވެ. މިފަދަ އެހެންވެސް ގެތަކާއި ބަދިގެތައް ބޭނުންކޮށްގެން ތަފާތު ދިވެހި މަސައްކަތް ދައްކުވައިދޭ ކަންކަން އުފެއްދިދާނެ ކަމަށް ފެނެއެވެ.

ކޮންމެއަކަސް އަޙައްމަދުބެގެ ގޮންގަލިއަކީ ދޫކޮށްލާ ވަރުގެ ގެއެއްނޫނެވެ. އަޙައްމަދުބެ އެވަނީ އެއްވެސް އަގެއްނެތި ދިވެހިވަންތަ ގެއެއް އަދުގެ ޖީލާ ހަމަޔަށް ގެނެސްދީފައެވެ. އަޙައްމަދުބެގެ އާއިލާއަށް އޭގެ ބަދަލު މިއަދު ދޭންވީ ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއިންނެވެ.

އަޅުގަނޑަކީ ކާކުކަން ބުނެދީ ތައާރަފުވުމުގެ ގޮތުން މިއީ މަދަރުސާގޭ ސައީދުގެ ދަރިއެއް ކަމަށް ބުނެ ކިޔައިދިނުމުން، އަޙައްމަދުބެގެ އުމުރުން އަޅުގަނޑާ ބައްދަލުމިވީ ފުރަތަމަ ފަހަރުކަން ފާހަގަކުރީ ވަރަށް ޚާއްޞަ ކަމެއްގެ ގޮތުގައެވެ. އެއަށްފަހު ބައްޕައާއި އަޙައްމަދުބެއާ އޮންނަ އައިލީ ގާތް ގުޅުމުގެ ޝައުޤުވެރި ސަފުހާއެއް ނިއުޅާލިއެވެ. އެހެންވެ އަޅުގަނޑަށް ޖެހުނީ މިހާ ހިސާބުން މި ސަފުހާ ލައްޕާލާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *