Support Us

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީ.އެން.ސީގެ ޗެއާޕާސަން އަބްދުއްރަހީމު އަބްދުﷲ "އަދިވެސް" އަށް އިންޓަވިއު ދެއްވަނީ... -އަދިވެސް ފޮޓޯ: މުހައްމަދު ޝަހީބު

ޚާއްސަ އިންޓަވިއު: އަބްދުއްރަހީމުގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލީހަށް، ދަރިކަލުންނަށް ވަޒީރުކަން؟

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ފެށޭއިރު، ސަރުކާރު ތެރެއިން އޭނާ ފެންނާނެ ކަމަށާއި ނަމަވެސް އޭނާގެ ޝައުގުވެރިކަން ބޮޑަށް ހުރީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ކަމުގައި އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީ.އެން.ސީގެ ޗެއާޕާސަން އަބްދުއްރަހީމު އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

"އަދިވެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޮނަދޫ މެމްބަރު ވިދާޅުވީ ޑރ. މުއިއްޒުގެ ސަރުކާރު މި މަހު 17ގައި ފެށޭއިރު ސަރުކާރުގެ ތެރެއިން އޭނާ ފެނިގެންދާނެ ކަމަށެވެ. ނަމަވެސް އެއީ ވަޒީރުންގެ މަޖިލީހުން ނޫންކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

"ތިޔައީ ހަގީގަތުގައި ވަރަށް އުނދަގޫ ސުވާލެއް. އެއީ އަޅުގަނޑު އަދި ނުނިންމަށް އަޅުގަނޑު ދާނީ ސަރުކާރަށްތޯ (ނޫނީ) އަޅުގަނޑު ދާނީ މަޖިލީހަށްތޯއެއް. އެކަމަކު އަޅުގަނޑަށް ދަންނަވާލަން ކެރިދާނެ އަޅުގަނޑު ބޮޑަށް ފެނިގެންދާނެ ކަމަށް ގަބޫލްކުރެވެނީ ހަމަ ރައްޔިތުންގެ މަޖިލީހުންނޭ. އެއީ އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. އެކަމަކު އެކަމަކާ އަދި ގޮތެއް ނުނިންމަން،" އަބްދުއްރަހީމު ވިދާޅުވިއެވެ. "ސަރުކާރު ފެށިގެންދާއިރު އަޅުގަނޑު ފެންނާނެ ސަރުކާރުގެ ތެރެއިން. (ވަކި ހިސާބަކުން) ފަހަރެއްގައި ހަމަ މަޖިލީހަށް ހިނގައިދާނެ. އެކަމަކު ސަރުކާރު ފެށިގެންދާއިރު ސަރުކާރުގެ ތެރޭގައި އަޅުގަނޑު ހުންނާނީ. އެކަމަކު އޭގެ މާނައަކީ ވަޒީރެއްގެ މަގާމުގައި ހުންނާނެއެކޭ ނޫން އިނގޭތޯ. ހަމަ ގައިމުވެސް ކެބިނެޓުގައި އަޅުގަނޑެއް ނުހުންނާނެ."

މައުލޫމާތު ލިބޭ ގޮތުގައި ޑރ. މުއިއްޒުގެ ސަރުކާރުގައި އަބްދުއްރަހީމު ހުންނަވާނީ ސްޕެޝަލް އެޑްވައިޒަރ ޓުދަ ޕްރެޒިޑެންޓުގެ މަގާމުގައެވެ. އެއީ ވަޒީރުންނަށް ވުރެ ވެސް އިސް މަގާމެކެވެ.

އަބްދުއްރަހީމާއި ދަރިކަލުން އިބްރާހިމް ފައިސަލް (ވ)

ކެބިނެޓްގެ މަގާމަކަށް އަބްދުއްރަހީމުގެ ދަރިކަލުން، އިބްރާހިމް ފައިސަލް އައްޔަންކުރާ ވާހަކައެއް މީސްމީޑިއާގައި ދެކެވޭތީ އެއީ ކިހާވަރެއްގެ ތެދެއްތޯ ދެންނެވުމުން އަބްދުއްރަހީމު ވިދާޅުވީ އެއީ "އެކަށީގެންވާ ކަމެއް" ކަމަށެވެ.

"އެ ދެން ހަމަ ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއްޔާ ހަމަ އަޅުގަނޑުގެ ދަރިއެއް ކަމަކު (ކެބިނެޓަށް) ހިނގައިދާނެ ހަމަ. އަޅުގަނޑަކަށް އަދިއެއް ދަންނަވާކަށް ނޭނގޭ އަޅުގަނޑުގެ ދަރިފުޅު ކެބިނެޓުގައި އިންނާނެ ކަމެއް، ނީންނާނެ ކަމެއް. އެކަން ނިންމަވާނީ ހަމަ ރައީސް ޑރ. މުއިއްޒު. (އެކަމަކު އެއީ) އެކަށީގެންވާ ކަމެއް ހަމަ،" އެ ސުވާލު ދެންނެވުމުން ވަރަށް ހިނިތުންވެ އިންނަވައި ޖަވާބު ދެއްވަމުން އަބްދުއްރަހީމު ވިދާޅުވިއެވެ.

މި މަހު 17 ގައި ހުވާކުރާ އާ ވަޒީރުންގެ މަޖިލީހަށް ޑރ. މުއިއްޒު އައްޔަން ކުރައްވާ ބޭފުޅުންގެ ނަންފުޅުތައް އަދި ފައިނަލް ނުކުރައްވާ ކަމަށާއި އެކަމަކު ކޮންމެ ވުޒާރާއަކަށް ވެސް ދެތިން ހަތަރު ނަމެއް ޝޯޓުލިސްޓް ކުރައްވައިފައި އެބައޮތް ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ވެސް އަބްދުއްރަހީމު ވިދާޅުވިއެވެ.

އަބްދުއްރަހީމު އަދި ވިދާޅުވީ ކެމްޕޭން ތެރޭގައި ޑރ. މުއިއްޒު ވިދާޅުވި ކައުންސިލްތަކަށް އެހީތެރިވުމަށް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަންމަންޓް އުފައްދަވާނެ ކަމަށާއި މިހާރު އޮންނަ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންމެ މެރިން ރިސޯސަސް ބައިކޮށްލައި، މިނިސްޓްރީ އޮފް ފިޝަރީޒް އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އުފައްދަވަން ނިންމަވައިފައިވާ ކަމަށެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީސްގެ އިންތިހާބު އަންނަ އަހަރުގެ މޭ ނުވަތަ އެޕްރީލް މަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ޕްރައިމަރީ އަށް ކުރިމަތިލާ ޕީ.ޕީ.އެމް/ ޕީ.އެން.ސީގެ ކެންޑިޑޭޓުން އަންނަ ޖަނަވަރީ 20ގެ ނިޔަލަށް ފޯމު ހުށަހަޅަން ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ވަނީ އިއުލާންކޮށްފައެވެ.

އަބްދުއްރަހީމު ނިސްބަތްވާ ފޮނަދޫ ދާއިރާއަކީ ސެޕްޓެމްބަރުގެ ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒަށް އެންމެ ތަފާތު ބޮޑު އަޣުލަބިއްޔަތު ލިބުނު ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދާއިރާއެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *