Support Us

(ކ-ވ) ބަންގްލަދޭޝް، ސްރީލަންކާ، އިންޑިއާގެ ރައީސް އަދި ސީޝެލްސްގެ ނައިބު ރައީސް

ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމީޔާތަށް ހަތަރު ގައުމެއްގެ ވެރިން

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ހުވާ ކުރެއްވުމުގެ ރަސްމީޔާތަށް ހަތަރު ގައުމެއްގެ އިސް ވެރިން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

"އަދިވެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަދި ޕީ.އެން.ސީގެ ޗެއާޕާސަން އަބްދުއްރަހީމު އަބްދުﷲ މިއަދު ވިދާޅުވީ، ނޮވެމްބަރު 17 ވަނަ ދުވަހުގެ ރަސްމީޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ ގައުމުތަކަށް ފޮނުވި ދައުވަތަށް ޖަވާބު ދިނުމުގެ މުއްދަތު މިދިޔަ މަހުގެ 30 އަށް ހަމަވިއިރު، ސްރީލަންކާ، ބަންގްލަދޭޝް، އަދި އިންޑިއާގެ ރައީސުންނާއި ސީޝެލްސްގެ ނައިބު ރައީސް ބައިވެރިވެވަޑައިގަންނާވެކަން އަންގަވައިފައިވާ ކަމަށެވެ.

ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމީޔާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވެރިން

  1. ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ
  2. އިންޑިއާގެ ރައީސް ޑްރޫޕަޑީ މުރުމު
  3. ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހުބުއްދީން
  4. ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފު

މި ހަތަރު ބޭފުޅުންގެ ތެރެއިން އިންޑިއާގެ ރައީސާއި ބަންގްލަދޭޝްގެ ރައީސް ރާއްޖެ ޒިޔާރަތްކުރައްވަނީ އަލަށެވެ. ނަމަވެސް ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ މީގެ ކުރިން އެތައް ފަހަރަކު ރާއްޖެ ވަޑައިގެންފައެވެ. އަދި އައްޑޫ ސިޓީގެ އާއިލާއަކަށް އުފަން އަހުމަދު އަފީފު، ސީޝެލްސްގެ ނައިބު ރައީސް ކަމަށް 2020 އޮކްޓޯބަރުގައި އިންތިހާބުވެވަޑައިގަތް ފަހުން މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

މި ބޭފުޅުންގެ އިތުރުން ޗައިނާ، ސައޫދީ އަރަބިއްޔާ, މެލޭޝިއާ އަދި ތުރުކީ ސަރުކާރުގެ އިސް ވަފުދެއް މި ރަސްމިޔާތުގައި ބައިވެރިވާނެ ކަމަށް އަންގައިފައިވާ ކަމަށް ވެސް އަބްދުއްރަހީމު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފޮރިން މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ބާއްވާ މި ރަސްމީޔާތަށް ރާއްޖޭގެ ކުރީގެ ރައީސުންނަށާއި ނައިބު ރައީސުންނަށް ވެސް ދައުވަތު އަރުވައިފައިވާ ކަމަށް އަބްދުއްރަހީމު ވިދާޅުވިއެވެ. ނަމަވެސް އެ ބޭފުޅުންގެ ތެރެއިން ޖަލްސާއަށް ވަޑައިގަންނަވާނީ ކޮންކޮން ބޭފުޅުންނެއް ކަމެއް އަދި ސާފުކޮށް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމީޔާތަށް ދައުވަތު އަރުވައިފައިވާ ރާއްޖޭގެ ރައީސުންނާއި ނައިބު ރައީސުން

  1. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  2. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު
  3. ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން
  4. ރައީސް މުހައްމަދު ނަޝީދު
  5. ރައީސް މައުމޫން އަބްދުލްގައްޔޫމު
  6. ނައިބު ރައީސް ފައިސަލް ނަސީމު
  7. ނައިބު ރައީސް އަބްދުﷲ ޖިހާދު
  8. ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

އަބްދުއްރަހީމު ވިދާޅުވީ މި އިއްޒަތްތެރިންގެ އިތުރުން، ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރު 4.45 ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ މި ރަސްމީޔާތުގައި އާންމުންގެ އެއްހާސް މީހުން ހިމަނައިގެން ޖުމްލަ 4،500 އެއްހާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމުގެ ދަރުބާރަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް ސިފައިންގެ އެކުވެރި ކުންފުނި (ސިވެކް) އިން މިހާރު ގެންދަނީ ކުރަމުންނެވެ.

މި ރަސްމީޔާތު ކަވަރުކުރުމަށް ބޭރުގެ ނޫސްވެރިންތަކެއް ވެސް އައުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ހުވާކުރެއްވުމަށް 17 ނޮވެމްބަރު 2018 ގައި ގަލޮޅު ދަނޑުގައި ބޭއްވި ރަސްމީޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ލަންކާގެ ކުރީގެ ރައީސް ޗަންދުރިކާ ބަންޑާރަނަޔަކަ ކުމާރަތުންގަ ބައިވެރިވެވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *