Support Us

ލޭ އާއި ސޭ: 49 އަހަރު ކުރިން އިނގިރޭސީން އައްޑޫގައި ވިއްސި އެއްމާބަނޑު ދެބެންގެ ވާހަކަ

މިއީ ކޮން ފޮޓޯއެއް؟

މި ފޮޓޯގައި އެ ވަނީ ސ. ގަމުގައި ހުރި އިނގިރޭސި މިލިޓަރީ ހޮސްޕިޓަލެއްގައި، މީގެ 49 އަހަރު ކުރިން ސިޒޭރިއަން އޮޕަރޭޝަނެއްކޮށް ވިއްސައިފައި އޮތް މީހަކާއި އޭނާ އަށް ލިބުނު އެއްމާބަނޑު ދެބެންނާއި، ސިޒޭރިއަން ހެދި އިނގިރޭސި ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެވެ.

މި ސިޒޭރިއަން އޮޕަރޭޝަންގެ ވާހަކަ، އިނގިރޭސިވިލާތުގެ ނުކުތް ނޫހެއްގައި ވެސް އޭރު ޖަހައިފައި އޮތެވެ. އޭގައި ބުނާ ގޮތުން، ގަމުގައި ހުންނަ ރޯޔަލް އެއަރފޯސްގެ މެޑިކަލް ސެންޓަރުގައި ސިޒޭރިއަން އޮޕަރޭޝަނަކަށްފަހު އެއްމާބަނޑު ދެބެން ފުރަތަމަ ފަހަރަށް ވިއްސީ، އިނގިރޭސިވިލާތުގެ ޓައުނެއް ކަމަށްވާ ބެޑްލިންގްޓަނަށް ނިސްބަތްވާ، ރޯޔަލް އެއަރފޯސްގެ ކޯޕްރަލެއް ކަމަށްވާ ޓެރަންސް ކޮލިންވުޑެވެ.

އެ މެޑިކަލް ސެންޓަރުގައި އައްޑޫ ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދޭ ކަމަށާއި މަހެއްގެ މައްޗަށް ފަންސާހަކަށް އޮޕަރޭޝަން ކުރާ ކަމަށް ވެސް އެ ނޫގައި ވެ އެވެ. އަދި އޮޕަރޭޝަންތައް ކުރުމަށް ޑޮކްޓަރުންގެ ޓީމެއް ގަމު ހޮސްޕިޓަލްގައި ތިބޭ ކަމަށް ވެސް އެ ނޫހުގައި ވެ އެވެ.

އެ ނޫހުގައި ވާ ގޮތުން، ސިޒޭރިއަންގައި ވިއްސީ ގަމުގައި ހުންނަ ޑިޕާޓްމަންޓް އޮފް އެނަވަޔަރަންމަންޓުގައި މަސައްކަތްކުރާ މުވައްޒަފެއްގެ އަންހެނުންނެވެ. އޭނާ ބަނޑުގައި ރިއްސާތީ، އިމަޖެންސީގައި މީދޫން ގަމަށް ގެންދިޔައީ ކަމަށް ވެސް އެނޫހުގައި ވެ އެވެ.

އެ މީހުން މިހާރު ކޮބާހެއްޔެވެ؟

ހަމަ ޔަގީނުން ވެސް އެނދުމަތީގައި އެތިބަ ތިން މައިން، ހެޔޮ ހާލުގައި ދުނިޔޭގައި އެބަތިއްބެވެ. އިނގިރޭސި ޑޮކްޓަރުންގެ ބައެއް މީހުން ދޭތެރެ ދޭތެރެއިން ރާއްޖެ އާދެ އެވެ.

މިއީ ކޮން ބަޔެއް ހެއްޔެވެ؟

އެއީ 6 ފެބްރުއަރީ 1971 އެވެ. ސ. ގަމުގައި ހުންނަ ރޯޔަލް އެއަރފޯސްގެ މެޑިކަލް ސެންޓަރުގައި އެއްމާބަނޑު ދެބެން، ދެ ފަރާތުގައި ބާއްވައިގެން އެ އޮތީ ސ. މީދޫ، ގްރޭންވާދީ ފާތުމަތު ދީދީ އެވެ. އޭނާގެ އުމުރުން މިހާރު 75 އަހަރު ވެއްޖެ އެވެ. ދިރިއުޅެނީ ރަށުގަ އެވެ. ފާތުމަތު ދީދީގެ ކައިރީގައި އެ ތިބީ އޭނާ އަށް ލިބުނު ހަ ކުދިންގެ ތެރެއިން، އެންމެ ހަގު ދެބެންނެވެ. ހެދުންކޮޅެއް ވެސް ނުލައްވައި، ކަނާތް މަތީގައި އެ އޮތީ އަބްދުﷲ ހަސީބު (ސޭ) އެވެ. ވާތްމަތީގައި އެ އޮތީ އަބްދުﷲ އިލްހާމު (ލޭ) އެވެ. ދޮއްޓަށް ލިބުނު ހަތަރު އަންހެން ކުދިންގެ ތެރެއިން އެކަކު ވަނީ ނިޔާވެފަ އެވެ.

ލޭ އާއި ސޭ އަކީ ވެސް ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދެބެންނެވެ. ލޭ އަކީ ބަތަލާ ރިސޯޓުގެ ރެސިޑެންޓް މެނޭޖަރެވެ. ސޭ މަސައްކަތް ކުރަނީ އައްޑޫ ވިލިގިލީގައި އޮންނަ ޝަންގްރިއްލާ ރިސޯޓުގަ އެވެ.

"މީގެ ހަތް އަހަރު ކުރިން އެ ފޮޓޯ ފެނުނީ. އޮޕަރޭޝަން ކުރި ޑޮކްޓަރުންތައް އައްޑޫ އަށް ގޮސް، ރައްޓެއްސެއްގެ އަތަށް (ފޮޓޯ) ދިނީމަ އެ މީހާގެ އަތުން ފެނުނީ،" އުމުރުން 49 އަހަރުގެ ލޭ ބުންޏެވެ. "ވަރަށް އުފާވި ކުޑައިރުގެ ފޮޓޯއެއް، މިހާ ފަހުން ނަމަވެސް ފެނުނީމަ. އެއީކީ މިހާރު ގޮތަށް ފޮޓޯ ނަގާ ޒަމާނެއް ނޫން. އެހެންވެ، އެ ދުވަހުގެ ފޮޓޯއެއް މިހާ ފަހުން ނަމަވެސް ފެނުނީމަ ވަރަށް އުފާވި."

ލޭ ބުނާ ގޮތުގައި އިނގިރޭސި އެ ޑޮކްޓަރުންތައް ދޭތެރެ ދޭތެރެއިން އައްޑުއަށް ޒިޔާރަތްކުރެ އެވެ. އަދި އެ ފޮޓޯގައި ތިބި ދެބެންނާ ބައްދަލުވޭތޯ ކޮންމެ ފަހަރަކު ވެސް އުޅެ އެވެ.

"އެކަމަކު އެއް ފަހަރު ވެސް އަދި އެ މީހުންނާ ބައްދަލުވާ ގޮތެއް ނުވޭ. އެކޮޅަކު ނޫންވިއްޔާ މި އުޅެނީކީ،" މިހާރު ވެސް ބަތަލާ ރިސޯޓުގައި ހުރި ލޭ ބުންޏެވެ. "އެ މީހުން ދެކެން ވަރަށް ބޭނުން. އެކަމަކު އަދި ދިމާނުވަނީ."

ލޭ އާއި ސޭ އަކީ ކުރީގެ ފުޓުބޯޅަ ކުޅުންތެރިންނެވެ. މަހިބަދޫ ޓީމަށް ވެސް ކުޅުނެވެ. ވިދިވިދިގެން ފަސް އަހަރު ޒޯން ޗެމްޕިއަންކަން ހޯދި މަހިބަދޫ ޓީމުގައި ވެސް ލޭ އާއި ސޭ ކުޅުނެވެ. އަދި އީގަލްސް ޓީމަށް ކުޅުނެވެ.

49 އަހަރު ފަހުން ނަގައިފައިވާ ފޮޓޯ

ލޭ އާއި ސޭ، އެ ދެބެންގެ މަންމައާއި އެކު ނަގައިފައިވާ މި ފޮޓޯ އަކީ މިދިޔަ ޖުލައި 26 ވަނަ ދުވަހު، ރަށުގައި ނަގައިފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައި އެ ދެބެން އެ ތިބީ، މީގެ 49 އަހަރު ކުރިން ވިހޭ ދުވަހު، މަންމަ ކައިރީގައި ތިބި ގޮތަށެވެ. މަންމަގެ ކަނާތް ފަރާތުގައި ސޭ އެވެ. ވާތް ފަރާތުގައި ލޭ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ލޭ އާއަ ސޭ އަށް ވަރަށް ސަލާމް ބުނާތި….!😂
    ވަރައް ފަހި ލިއުމެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *