Support Us

ސިޔާސީ ފިކުރާއި ރިޔާސީ ރޭހުގެ ވާދަވެރިކަން

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ޕާޓީތަކާއި މެމްބަރުން ކިތަންމެ ގިނަ ނަމަވެސް ހަގީގަތުގައި މިހާރު ދިރިއޮތީ ދެ ފިކުރެކެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ފިކުރާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފިކުރެވެ. އެއަށް އެމް.ޑީ.ޕީ ފިކުރާއި ޕީ.ޕީ.އެމް ފިކުރޭ ވެސް ކިޔައިފާނެ އެވެ. ރާއްޖޭގައި މި ވަގުތު ސިޔާސީ ތިން ވަނަ ފިކުރެއް އޮންނަ ކަމެއް އަދި އެ ފިކުރަކީ ކޮބައިކަމެއް ނޭނގެއެވެ. ސަބަބަކީ ބައިބަހާލައިފި ނަމަ ބޮޑެތި ހުރިހާ ޕާޓީތައް ވެސް ދެ ބަޔަށް ގޮސް، މެދު ހުސްވާތީއެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވަކި ކޮޅަކަށް ނާރާ އޮތީ ސަން ސިޔާމުގެ އެމް.ޑީ.އޭ އެކަންޏެވެ. އެއީވެސް ފިކުރެއްގެ މައްސަލައިގައި ކަމަކަށް ނުބެލެވެ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުމުގައި، މި ދެންނެވި ދެ ފިކުރުންކުރެ އެއް ފިކުރަކަށް ވެސް ވޯޓު ދޭން ބޭނުން ނޫން މީހުން ކޮންމެ ފަހަރަކު ވެސް، ވަރަށް ގިނަ އެވެ. ތިން ވަނަ ފިކުރޭ އެ ކިޔަނީ އެއްވެސް ފިކުރެއް ނެތް، މި ދެންނެވި ބަޔަށް ކަމަށް ވެދާނެ އެވެ. އެކަމަކު، އިންތިހާބުގައި ގޮތް ނިންމައި، އެއްވެސް ބަޔަކަށް މެޖޯރިޓީ ލިބެނީ މި ދެންނެވި "އެއްވެސް ފިކުރެއް ނެތް" މީހުން ލާ ވޯޓުން ކަމަށް ވަނީ ބެލެވިފަ އެވެ.

މި ހުރިހާ ފިކުރަކާއެކު، 2023 ގެ ރިޔާސީ އިންތިހާބުގައި އެކި ޕާޓީތަކުން ނެރޭނެ ކެންޑިޑޭޓުންނާ ބެހޭ ގޮތުން ކަޅިއެއް އެއްލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮޓޯ: ރައީސް އޮފީސް

އެމް.ޑީ.ޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ކެތްތެރި، މަޑުމައިތިރި ރައީސެކެވެ. ރައްޔިތުންގެ މަޖިލީހުގެ 25 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، ގައުމުގެ ހުންގާނުގައި އެ މަނިކުފާނު އެއްބުރުން ހިއްޕެވީ، ގުޅިފައިވާ ފުޅާ ކޯލީޝަނެއްގެ އެހީތެރިކަމާއެކުގަ އެވެ. ޝެއިޚް އިމްރާން އަބްދުﷲގެ އަދާލަތު ޕާޓީއާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމުގެ އެމް.އާރް.އެމް އަކީ، ހަގީގަތުގައި އެމް.ޑީ.ޕީއާ ކޭލިޖެހޭނެ ވިސްނުންތަކެއް ނޫނެވެ. އަދި ހަމަ، ފިކުރު ބަދަލުވުމުން މަޖިލީހަށް ނުވަދެވޭ ގޮތަށް ބޭރުކުރި، ޕީޕީއެމަށް ނިސްބަތްވާ 12 މެމްބަރުންނަކީ ވެސް އެއްވެސް އިރެއްގައި އެމް.ޑީ.ޕީގެ ފިކުރަށް ވޯޓުދޭނޭ ވިސްނުމެއްގެ މެމްބަރުންނެއް ވެސް ނޫނެވެ. ނަމަވެސް، އިދިކޮޅު ހުރިހާ ސީޔާސީ ލީޑަރުންނާއި މަޖިލިސް މެމްބަރުންނާއި ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ވެސް ހިފައި ހައްޔަރުކޮށް، ޖަލަށްލައި، މިލިޓަރީގެ އެހީގައި އެކަތަ އަތަކުން ވެރިކަން ކުރައްވަމުން ގެންދެވި ރައީސް ޔާމީނަށް އިތުރު ފުރުސަތެއް ނުދިނުމަށް، އިދިކޮޅު ހުރިހާ ޕާޓީތަކާއި 12 މެމްބަރުން ވެސް އެއްގަލަކަށް އަރަން މަޖުބޫރުކުރުވީ އެވެ. "ހާލަތުއްޒަރޫރާ"ގެ ދަށުން ފެނާއި ތެލާވެސް އެވަގުތަށް އެއްވާން މަޖުބޫރުވީ އެވެ. ނަމަވެސް، ރައީސް ސޯލިހުގެ ކެއްތެރިކަމާއި ހެޔޮ ވިސްނުންފުޅުގެ ނަތީޖާއަކީ، 2018 ގެ ރިޔާސީ އިންތިހާބަށްޓަކައި ހަތަރު ބާވަތެއްގެ ތެލާއިފެނާއި ކުލަ އެއްކުރެއްވި ގޮތަށް، ކުލަތައް ވަކިނުކޮށް، ތަށީތެރޭގައި އަދިވެސް ގެންގުޅުއްވާ ކަމެވެ. ވެރިކަމުގެ އާރާއި ބާރުތައް ލިބުމުން، ކޯލީޝަން ރޫޅާލުމަށް ގޮވާލައި އެމް.ޑީ.ޕީގެ އެތެރެއިންނާއި ބޭރުން އަދި މަޖިލިސް ތެރެއިން ހޫނުކުރަމުންދާއިރު ވެސް، މިކަހަލަ "އެކުނުވާ މިކްސްޗަރެއް" މިހާ ދުވަސް ވަންދެން އެއްކޮށް ގެންގުޅުއްވުމަކީ، ރައީސް ސޯލިހުގެ ފުރަތަމަ ކާމިޔާބީ ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ. ހަމަ ޔަގީނުން ވެސް ސަރުކާރުގެ މަގާމުތަކުން ބައި އަޅައިގެން ކޯލީޝަނެއް ގެންގުޅުމަކީ ރައީސް ސޯލިހް ފިޔަވައި އެހެން ރައީސަކަށް މިހާތަނަށް ކާމިޔާބުކުރެއްވިފައި ނެތް ފޯމިއުލާއެއްކަން ޔަގީނެވެ.

ތަރައްގީ އާއި ގައުމު ކުރިއެރުވުމުގެ ފަސް އަހަރުގެ ވައުދުތަކާއެކު ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ދެ އަހަރު ވެސް ނުވަނީސް، ކޮވިޑް ރޯގާއާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާގައި ރާއްޖޭގެ ޓޫރިޒަމާއި ވިޔަފާރި އާއި އިގްތިސާދީ، އިޖުތިމާއީ ހުރިހައި ކަމެއް މި ވަނީ އެތައް އަހަރެއް ފަހަތަށް ސޮއްސާލައިފަ އެވެ. މި ރޯގާއިން ސަލާމަތްވެ، މި އަނދަވަޅުން ރާއްޖެ އަރައިގަތުމަށް އަދި އަހަރުތަކެއް ނަގާނެ އެވެ. އެހެންކަމުން، ރައީސް ސޯލިހުގެ ފަސް އަހަރު ނިމޭނީ، ގައުމު ތަރައްގީކުރަން އެމަނިކުފާނު ވެވަޑައިގެން ވައުދު ފުއްދުމަށް އެކަށީގެންވާ ފުރުސަތު ނުލިބި އެވެ؛ ކޮވިޑްގެ ސަބަބުންނެވެ. އެހެންކަމުން، ކޮވިޑަށް އެބައި ކަނޑައިފައި، 2023 އިން ފެށިގެން ފަސް އަހަރުގެ އިތުރު ދައުރެއް ރައީސް ސޯލިހަށް އަރުވަން މަޖުބޫރު ކަމަށް ބައެއް ފަރާތްތަކުން މިހާރު ވެސް ބުނަން ފަށައިފި އެވެ.

ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ޑިމޮކްރަސީގެ ބެސްޓް ޕްރެކްޓިސްއެއް ކަމަށް ގަބޫލްކުރަނީ ރައީސްކަމުގައި ހުންނަވާ ޕާޓީގެ ބޭފުޅަކު އެއް ދައުރު ފުރިހަމަކުރައްވައިފި ނަމަ، އިތުރު ދައުރެއްގެ ފުރުސަތު، ޕްރައިމަރީއަކާ ނުލައި ޕާޓީން ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށެވެ.

ދިވެހިން ނަމޫނާއަކަށް ބަލައި، ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ އެމެރިކާގައި ވެސް މިކަން އޮންނަނީ މިހެންނެވެ. އެހެންކަމުން 2023ގެ އެމް.ޑީ.ޕީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް ސޯލިހަށް ތަނަވަސްކޮށްދޭން، ޕާޓީގެ އެންމެހައި މެމްބަރުން ބޭނުންވާނެ ކަމަށް ބެލެވެ އެވެ. ޕާޓީތެރޭގައި ތަފާތު ވިސްނުމުގެ ބޭފުޅުން ތިއްބަވާއިރު، ހުރިހާ ބޭފުޅުންނާ ވެސް ގުޅިވަޑައިގެން، ކެތްތެރިކަމާއި މަޑުމައިތިރިކަމާ އެކު ކުރިއަށް ވަޑައިގެންނެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ސޯލިހުކަން އެމަނިކިފާނު ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ. އެކަމުގެ ހެއްކަކަށް ތެލާއިފެނުގެ ކޯލީޝަން އެކަނި ވެސް ފުދެއެވެ.

ރައީސް މުހައްމަދު ނަޝީދު

ހަގީގަތުގައި 2018ގެ އެމް.ޑީ.ޕީގެ ކެންޑިޑޭޓަކީ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް، ކެންޑިޓޭޓަކަށް އެ މަނިކުފާނު ޝަރުތު ހަމަނުވީ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެވެ. އެހެންކަމުން، އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދޭން ނިންމީ އެހެން އެއްވެސް ގޮތެއް ނެތި، ރައީސް ނަޝީދަށް މަގުބަންދުވުމުންނެވެ.

ޖަލަށް ހުކުމް ކުރުމުން، ބޭސްފަރުވާ ކުރެއްވުމުގެ ނަމުގައި ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ޖަލުހުކުމުން ސަލާމަތްވެ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ ރައީސް ޔާމީން ބަލިކޮށް، ރީޔާސީ ގަނޑުވަރުގެ ތަޅުދަނޑިފަތި އިބްރާހިމް މުހައްމަދު ސޯލިހު ކަށަވަރުކުރެއްވި ހިސާބުންނެވެ. ރައީސް ނަޝީދާއި އެމްޑީޕީއާ ދެކޮޅަށް ކުރިން އޮތް ސުޕްރީމު ކޯޓު ވެސް، ބަދަލުވި އޮއިވަރާއެކު، އެންމެ ފަހުން ދީލައިލުމުންނެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު (ވ) -ފޮޓޯ: ރައީސް އޮފީސް

މުލީއާގޭގައި މިއަދު އިންނެވީ ރައީސް ސޯލިހް ކަމަށް ވިޔަސް، ހަގީގަތުގައި ރައީސްކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖުލިސް ތެރޭގައި، ރައީސް ނަޝީދު ކަމަށް ބައެއް މީހުން ބުނެ އެވެ. ހުރިހާ ކަމެއްގައި ވެސް ސަރުކާރަށް އުނދަގޫކޮށް، ބާރުތައް މަޖިލިސް ތެރެއަށް ޖަމާކުރަމުން ގެންދިއުމުގެ ބޭނުމަކީ 2023 ގައި ރައީސް ނަޝީދު އަލުން އަނބުރާ މުލީއާގެ އަށް ވަޑައިގަތުން ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. ނަމަވެސް އެ ވާހަކަތަކުގައި މާބޮޑު ބުރަދަނެއް ހުރި ކަމަކަށް ބެލެވޭކަށް ނެތެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހަކީ ކުޑައިރުއްސުރެ އެންމެ ގާތް ދެ ރަހުމަތްތެރީންނެވެ. ވަރަށް ގިނަ ކަންކަމުގައި ޚިޔާލު އެއްގޮތަށް ދެ ބޭފުޅުންނެވެ. އަނެއްކާ ރައީސް ސޯލިހު ކައިވެނި ބައްލަވައިގަތީ ވެސް ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅަކާއެވެ. އެހެންވެ ކުޑައިރުގެ ދެ ރަހުމަތްތެރިން ފަހުން ވަނީ އާއިލީ ބޭފުޅުންނަށް ވެސް ބަދަލުވެފައެވެ.

ދައުލަތުގެ ތިން ބާރު ވަކިވެފައި އޮންނަ ކަމަށް ގާނޫނު އަސާސީގައި ކަޅާއި ހުދުން ލިޔެފައި އޮތް ކަމުގައި ވިޔަސް، ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި، މަޖިލިސްތެރެއިންނާއި ޖޭ.އެސް.ސީ ތެރެއިން ކުރެވެން އޮތް ހުރިހާ ކަމެއް ކުރެއްވުމަށެވެ. ފަނޑިޔާރުގެ މިނިވަން ކުރައްވައި، ހުރިހައި ކަމެއްގައި ވެސް ސަރުކާރަށް އެހީތެރިކަން ދެއްވާށެވެ. އަދި ކޯލީޝަން ސަރުކާރުގައި، ބައެއް ވަޒީރުން ފަހަތުފަޔަށް ބުރަވަމުންދާ ކަމަށް ބައްލަވައި، އަދި ސަރުކާރު ތެރޭގައި ގާހަކަ ދުވެލީގައި ހުރި ކަންކަމާއި ފުލުސް އޮފީހުން ކުރަންޖެހޭ ކަހަލަ ބައެއް ކަހަލަ ކަންކަން ވެސް، މަޖިލިސް ތެރޭގައި ކުރައްވަމުން އެ ގެންދަވަނީ ވެސް އެ ތަންތަން ޒިންމާދާރު ކުރެއްވުމުގެ ބޭނުމުގަ އެވެ. އެކި ކަންކަމުގައި ސަރުކާރަށް ލަފާ ދެއްވައި، ތަފާތު ގަރާރުތައް ވެސް ވަނީ މަޖިލީހުން ފާސްކުރައްވައިފަ އެވެ. އަދި ކޮވިޑާ ގުޅިގެން ވެސް މަޖިލީހުގެ ހުރިހާ ކޮމިޓީތަކުން ސަރުކާރަށް ވަނީ ހުށަހެޅުންތައް ފޮނުވައިފައެވެ. ބޭނުމަކީ ސަރުކާރުގެ ދުވެލި ބާރުކުރުމެވެ. ސަރުކާރު ހައިޖެކް ކުރުމެއް ނޫނެވެ. އެހެންކަމުން، އިދިކޮޅު ފަރާތްތަކުން ކޮންމެ ގޮތަކަށް ސިފަކުރަމުން ގެންދިޔަ ކަމަށް ވިޔަސް، ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ރައީސް ސޯލިހުގެ ސަރުކާރު ނަގަހައްޓައި، ދެމެހެއްޓެވުމަށެވެ. ރައީސް ސޯލިހަށް އިތުރު ފުރުސަތުތައް ތަަނަވަސްކޮށްދެއްވުމަށެވެ. ދެހާސް ތޭވީހުގައި ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމަށް ރައީސް ނަޝީދު ބޭނުންފުޅުވާ ކަމަށް އިދކޮޅު ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ތަނަވަސްކޮށްދެއްވަން އެންމެ ބޮޑަށް ބޭނުންފުޅުވާނެ އެއް ބޭފުޅަކީ ރައީސް ނަޝީދުކަން ޔަގީނެވެ.

އަބްދުﷲ ޝާހިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާރިޖީ ސިޔާސަތު ބައިނަލްއަގުވާމީ ދުނިޔޭގައި ތަމްސީލްކުރައްވާ މޫނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މަޖިލިސްގެ ރައީސްކަން ވެސް ކުރިން ކުރެއްވި ޝާހިދަކީ ރައީސް ސޯލިހު އެންމެ އިތުބާރުކުރައްވާ، އެންމެ އިސް ވަޒީރެވެ. އެކި ގައުމުތަކަށް ކުރެއްވި ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން ހަރަދުވެފައި ވީނަމަވެސް، ގިނައީ އެދަތުރުފުޅުތަކުން ރާއްޖެއަށް ހޯއްދަވައިދެއްވި ފެހި ނޫޓުކަމެއް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ. ކޮވިޑްގެ ލޮކްޑައުންތެރޭގައި ވެސް އެހީ ހޯއްދެވުމުގެ ބައި އެންމެ ބޮޑަށް ކުރިޔަށްގެންދެވީ ޝާހިދެވެ.

ޝާހިދު (ކ) ރައީސް ސޯލިހާ ސަލާމް ކުރައްވާއިރު އަރިހުގައި ރައީސް ނަޝީދު (ވ) -ފޮޓޯ: ރައީސް އޮފީސް

ރައީސް ނަޝީދެކޭ އެއްގޮތަކަށް ޝާހިދު ވެސް އެ ބޭފުޅުންގެ ސިޔާސީ އަދި ޚާރިޖީ ތަޖުރިބާގެ އަލީގައި ކެނޑިނޭޅި މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ރައީސް ސޯލިހުގެ ސަރުކާރު ނަގަހައްޓައި ދެމެހެއްޓުމަށެވެ. އެތެރެއިން ވެސް އަދި ބޭރުން ވެސް އަންނަ އެއްވެސް ކަހަލަ ބަގާވާތަކަށް އެބޭފުުޅުން ފުރުސަތެއް ނުދެއްވާނެތެވެ. އެކަމަކު އެމް.ޑީ.ޕީ ރިޔާސީ ޕްރައިމަރީ 2023 އަކީ ޝާހިދުގެ ވެސް ހުވަފެންފުޅަކަށްވުން ވަރަށް ގާތެވެ. އެހެން ނަމަވެސް ޝާހިދުގެ ވެސް އެންމެ ބޮޑު އަމާޒަކަށް ވާނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ތަނަވަސްކޮށްދެއްވުންކަން ޔަގީނެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރަކީ ކޮބާ؟

ދެން އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު ނިންމައިފައި ވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ނަމަވެސް މަނީ ލޯންޑަރިންގެ މައްސަލައެއްގައި އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް، ސުޕްރީމު ކޯޓުން ދަމަހައްޓައިފި ނަމަ، 2023 ގައި ވާދަކުރެއްވުމުގެ ހުރިހާ ދޮރެއް ރައީސް ޔާމީނަށް ބަންދުވީ އެވެ. ސުވާލަކީ ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ނަމަ ޕީޕީއެމް/ޕީއެންސީން ނެރޭނީ ކާކުތޯއެވެ؟

ރައީސް ޔާމީންގެ ސަރުކާރު 2018 ގެ އިންތިހާބުން ފެއިލްވުމާއެކު، ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ކުރީގެ މަޖިލިސް މެމްބަރުންނާއި ބައެއް ވަޒީރުން، ޕާޓީއާ ދުރަށްޖެހިގެންދިޔަ އެވެ. ބައެއް ބޭފުޅުން، ވާދަވެރި އެހެން ޕްލެޓްފޯމްތަކުން ވެސް ފެންނަން ފެށި އެވެ. ނަމަވެސް ވަފާތެރިކަމާއެކު ރައީސް ޔާމީން އަރިހުގައި މަޑުކޮށްގެން ތިއްބެވި ބައެއް ބޭފުޅުންވެސް އެބަތިއްބެވިއެވެ.

އަދި އާ ބޭފުޅުން ގުޅިވަޑައިގަންނަވަމުން ގޮސް، ކުރީ ގޮނޑިބަރި މިހާރު ވަނީ މުޅިންހެން ފުރިފައެވެ. ޕީޕީއެމްގެ "އަސުރުމާ ދާން" ހުރިހާ ބޭފުޅުންނަށް ވެސް ހިތްފަސޭހަވެ، އެހާ އަރާމުވެގެން މި އުޅެނީ ހަމަ އެންމެ ސަބަބަކާ ހެދި އެވެ. އެކަން އޮޅިގެން އެކަކު ވެސް ނޫޅެ އެވެ.

ރައީސް ޔާމީނުގެ ފަހަތްޕުޅުގައި އަބްދުއްރަހީމާއި ސައީދު -ފޮޓޯ: އަދިވެސް

ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށް އެ ޕާޓީގެ ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ނިކަމެތިވަމުންދާ މި ގައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށް އާންމު މެމްބަރުންގެ ހުރިހައި އުންމީދެއް ގުޅިފައިވަނީ ރައީސް ޔާމީނާ ކަމަށް ވިޔަސް، ރައީސް ޔާމީން ޖަލުން މިނިވަންވާ ހިސާބުން، ލީޑަޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންގެ ސިޔާސީ ކުރިމަގުގައި ފުލުސްޓޮޕެއް ޖެހިގެންދާނެ އެވެ؛ ރިޔާސީ ޓިކެޓަށް އެ ބޭފުޅުން ކުރާ ހުރިހާ އުންމީދެއް ވިއްސިވިހާލިވެގެންދާނެ އެވެ. އެހެންވީމާ، ރައީސް ޔާމީން މިނިވްނަކުރުމަށް ލީޑަޝިޕްގެ އެކިއެކި ބޭފުޅުން، އެކިއެކި ބައްދަލުވުމުގައި ގޮވާލައްވަމުން ގެންދަވާ ގޮވާލެއްވުންތަކަކީ އެއީ ހަގީގަތުގައި ވެސް ހިތުގެ އަޑިން ނުކުންނަ ޝުއޫރުތަކެއްތޯ ބައެއް ބޭފުޅުން ސުވާލުކުރައްވަފާނެ އެވެ.

ރައީސް ޔާމީން ޖަލަށް ހުކުމްކުރުމުގެ ކުރިން ޕާޓީގެ މެމްބަރުންނާ އެންމެ ފަހުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޕާޓީ ޖަހައިގަންނަން ބާޒުތަކެއް އަތުވެދާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެ މަނިކުފާނު އެނބުރި ވަޑައިގަންނަވާނެ ކަމަށާއި އެހެން ބައެއްގެ އަތްމައްޗަށް ޕާޓީ ދޫކޮށްނުލުމަށް ރައީސް ޔާމީން ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ކުރީ ގޮނޑިބަރިން ހަމަ ޔަގީނުން ވެސް ބާޒެއް ނުފެނެ އެވެ.

ރިޔާސީ އިންތިހާބު 2023 ގައި ރައީސް ޔާމީނަށް ވާދަކުރެއްވޭ ގޮތް ނުވެއްޖެ ނަމަ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް، ތަބަކަކަށް ލާފައި ވަކި ބޭފުޅަކަށް ޓިކެޓް ދޭން ވެސް، ކައުންސިލުން ނިންމަފާނެއެވެ. އެކަމަކު އެހެންވާނީ، މާފުށީ ޖަލުގެ ވީ.އައި.ޕީން އަންނަ އިޝާރާތަކާ ގުޅިގެންކަން ޔަގީނެވެ. ސުވާލަކީ، މާމުއިގެ ފޮނިކަމަށް ދަހިވަތިވެ "އަސުރުމާ ދާން" ފުރިބާރުވެގެން ދާއިރު، އެ ދާނުން އާޚިރުގައި ލިބޭނީ ހިތި ހަބަރު ނޫންކަންވެސް ނޭނގޭތީ އެވެ.

މާފުށީ ޖަލުގެ މައުލޫމާތު އެންމެ ތަފްސީލްކޮށް އެނގިވަޑައިގަންނަވާނީ ޕީ.އެން.ސީގެ ރައީސް އަބްދުއްރަހީމަށް ކަމަށް ބެލެވެ އެވެ. ސަބަބަކީ ރައީސް ޔާމީނަށް އެންމެ އިތުބާރުކުރެއްވޭ ބޭފުޅަކަށް މިވަގުތު ހުރީ އޭނާ ކަމަށްވާތީ އެވެ. ދެ ޕާޓީގެ ކޯލީޝަން ލީޑު ކުރެއްވި ނަމަވެސް ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުގެއް އެއް އިރެއްގައި ވެސް އަބްދުއްރަހީމު ނުގެންގުޅުއްވަ އެވެ.

ރައީސް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާ ޖަލު ހުކުމުގެ އިތުރުން، އިތުރު މައްސަލަތައް ވެސް މިހާރު ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ. ތަހުގީގު މަރުހަލާގައި ހުރި މައްސަލަތައް ވެސް ބައިވަރެވެ. އެހެންކަމުން، މި ހުރިހާ ކަމަކުން ސަލާމަތްވެ، 2023 ގައި ވާދަކުރެވޭ ވަރަށް ރައީސް ޔާމީނު ސާފުވެ، ހުދު ފޮތިކޮޅަކަށް ވެގެންދާނެތޯ އެއީ ސުވާލުމާކެއްގެ ތެރޭގައި އޮތް ކަމެކެވެ. އަމުދުން ފަނޑިޔާރުގެ މިނިވަންވެފައިވާ މިފަދަ ދުވަސްވަރެއްގަ އެވެ. އެހެންކަމަށް ވާނަމަ، "އަސުރުމާ ދާން"މަތީގައި އިންނަވާނެ ބޭފުޅެއްގެ ކަންތައް ދުރާލައި ކަނޑައަޅަން ވަނީ ޖެހިފަ އެވެ. ކުރުކޮށް ދަންނަނަވަނީ ނަމަ ޕީޕީއެމް/ޕީއެންސީން ވަނީ ލީޑަރެއް ދައްކަންޖެހިފަ އެވެ.

ޕީޕީއެމް/ޕީއެންސީންގެ ކުރީ ގޮނޑިބަރިއަށް ބަލާއިރު، ރިޔާސީ ޕްރައިމަރީ "ބާއްވައިފި ނަމަ" އެ ރޭހުގައި ވާދަކުރައްވަފާނެ ގިނަ ބޭފުޅުންތަކެއް އެބަފެނެއެވެ. ރައީސް ޔާމީނު ނެތް ހާލަތެއްގައި ގިނަ މެމްބަރުން ބުރަވާނީ ރައީސް ޔާމީނުގެ ތަރައްގީގެ ޕްލޭން ތަންފީޒުކުރެވޭ ފަދަަ، ރައީސް ޔާމީނަށް އިތުބާރުކުރެއްވޭ ބޭފުޅެއް ލީޑަރަކަށް ހެދުމަށްކަން ޔަގީނެވެ. އަދި ހަމަ އެކި ފިކުރުތަކުގެ ބޭފުޅުންނާއެކު ކުރިއަށް ވަޑައިގަނެވޭނެ، އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އަށް އިތުރު މަގުބޫލްކަން ހޯދޭ ކަހަލަ ބޭފުޅެއްކަށްކަން ޔަގީނެވެ. އެހެން ބެލިކަމުގައި ވިޔަސް ވެސް، ވަރަށް ވާދަވެރި ބޭފުޅުންތަކެއް ކުރީ ގޮނޑިބަރިން މިހާރު އެބަފެނެއެވެ.

ރައީސް ޔާމީނާއި ޑރ. ވަހީދު ބައްދަލުކުރައްވަނީ -ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު ވަހީދު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަކީ ރައީސް ޔާމީން ދައުރުގައި ޕީ.ޕީ.އެމާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. މިހާތަނަށް ފެނުނީ ޕާޓީގެ ހަރަކާތްތަކުގައި މާ ބޮޑު ހިއްސާއެއް ނެތް ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ޕާޓީގެ އެޑްވައިޒަރުގެ މަގާމަށް ދާދި ފަހުން އައްޔަންކުރުމާއެކު، ރައީސް ވަހީދު ވަނީ ޕާޓީގެ ހަރަކާތްތައް އިތުރު ކުރުމަށް އަތުކުރި އޮޅާލައްވައިފައެވެ. އަލުން ރިޔާސީ ގަނޑުވަރަށް ވަދެވަޑައިގަތުމަށް، ޕީޕީއެމް/ޕީއެންސީން ރިޔާސީ ޕްރައިމަރީގައި އެ މަނިކުފާނު ވެސް ވާދަކުރެއްވުމަކީ ވަރަށް ގާތް ކަމެކެވެ. އަމުދުން، ރައީސް ޔާމީނަށް ފުރުސަތު ނުލިބޭ ނަމަ، ރައީސް އޮފީހަށް އެންމެ ތަޖުރިބާކާރު ބޭފުޅަކަށް ވާނީ، ހަމަ ޔަގީނުންވެސް ރައީސް ވަހީދެވެ. އެ މަނިކުފާނަކީ ބައިނަލްއަގުވާމީ ދުނިޔޭގައި ވަރަށް އިތުބާރުކުރާ ޝަހުސިއްޔަތެކެވެ. އަވަށްޓެރި ގައުމުތަކާއި އަރަބި ގައުމުތަކާ އެކު ވެސް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. އަދި އދ. އާއި ބައިނަލްއަގުވާމީ ބޮޑެތި ޖަމާއަތްތަކުގެ އިތުބާރު ހޯއްދަވައިފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި ވެސް ތަފާތު ޕާޓީތަކާއި އެކި ފިކުރުތަކުގެ ބޭފުޅުންނާއެކު މަސައްކަތް ކުރެއްވުމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ލީޑަރެކެވެ.

ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނެވުމަށްފަހު ރައީސް ވަހީދު ކުއްލިއަކަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް މި ވަޑައިގަތީ، ރައީސް ޔާމީނު ނެތް ހާލަތެއްގައި ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށް، ފަހަރުގައި މާފުށީ ޖަލުގެ ވީ.އައި.ޕީން ލިބިވަޑައިގެންނެވި އިޝާރާތަކާ ގުޅިގެންކަން ކަމަށްވުން ވެސް ވަރަށް ގާތެވެ.

ސިޔާސީ ވާދަވެރިން އެހެން ބުނަމުންދިޔަ ކަމުގައި ވީ ނަމަވެސް، އެ މަނިކުފާނުގެ ސައިޒަކީ އެންމެ "ފަސް ޕަސަންޓް" ނޫންކަން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ނުކުންނަވައި ސާބިތުކޮށްދެއްވުމަށް އެ މަނިކުފާނަށް މިއީ ރަނުގެ ފުރުސަތަކަށް ވެދާނެ އެވެ.

ގައްސާން މައުމޫން

ޣައްސާން މައުމޫން

ޣައްސާން މައުމޫނަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެންމެ ހަގު ދަރިކަލުން ކަމުގައި ވިޔަސް، އެ އާއިލާގައި މިވަގުތު ހުރި ސިޔާސީ ގޮތުން އެންމެ ކާމިޔާބު ބޭފުޅާއެވެ. ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާނަކީ ޕީޕީއެމްގެ ނައިބު ރައީސެވެ. ރައީސް ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައި، ރައީސް ޔާމީނުގެ އިގްތިސާދީ ސިޔާސަތު ތަންފީޒު ކުރެއްވުމުގައި މުހިންމެ ރޯލެއް ކުޅުއްވި ޣައްސާނަކީ، އޭނާގެ ބައްޕާފުޅާއި ޔާމީނާ ދެމެދު އުފެދުނު ސިޔާސީ އަދި އާއިލީ ބައިބައިވުމުގައި، ރައީސް ޔާމީން ފަޅީގައި ދެގޮތެއް ނެތި ހުންނެވި ބޭފުޅެކެވެ.

ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހުމަތުގައި ރޯދަ މަހެއް އެއްކޮށް ބައްޕާފުޅު ޖަލުގައި އޮންނެވިއިރު ވެސް، ޗުއްޕު ވެސް ވިދާޅުނުވެ، ރައީސް ޔާމީން އަރިހުގައި އޭރުއްސުރެ ހުންނަވައި، ފަހުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ވެސް ޣައްސާން ވަނީ ކާމިޔާބު ކުރައްވަައިފަ އެވެ.

ކިތަންމެ ޒުވާނަސް، އަދި ސިޔާސީ ދާއިރާއަށް ކިތަންމެ އާ ނަމަވެސް، ޣައްސާނަކީ ލީޑަޝިޕް ކޮލިޓީ ހުރި، ދުރު ވިސްނޭ ބޭފުޅެއް ކަމަށް އޭނާއާ އެކު މަސައްކަތްކުރާ ބައެއް މީހުން ބުނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ ރޭހުގައި ޕީޕީއެމް/ޕީއެންސީން ޕްރައިމަރީއަކަށް ހިނގައްޖެ ނަމަ، ކުރި ހޯދުމުގެ ފުރުސަތު އެންމެ ބޮޑު އެއް ބޭފުޅަކީ ވެސް ޣައްސާނު ކަމަށް ބުނެވެއެވެ.

ޑރ. މުހައްމަދު މުއިއްޒު

ރައީސް ޔާމީން ސަރުކާރުގައި ތަރައްގީގެ ހުރިހައި ޕްރޮޖެކްޓްތަކެއްހެން ކުރިއަށްދިޔައީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެެއްލެވުމުގެ ދަށުންޏެވެ. ބިން ހިއްކުމަކަސް، ބަނދަރު ހެދުމަކަސް، މަގު ހެދުމަކަސް، ފްލެޓް އެޅުމަކަސް، ބުރިޖް އެޅުމަކަސް، ރާއްޖޭގެ އެކި ކަނކޮޅުތަކުގައި ހިންގި ބޮޑެތި ހުރިހާ މަޝްރޫއެއްގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވީ ޑރ. މުއިއްޒެވެ. މަޑުމައިތިރި މިޒާޖެއްގެ ޑރ. މުއިއްޒަކީ ރައީސް ޔާމީންގެ ތަރައްގީގެ ސިޔާސަތު ތަންފީޒުކުރައްވަން ވަރަށް ހުށިޔާރު ބޭފުޅެކެވެ. ފިސާރި ހީވާގި، ނަތީޖާ ނެރެދެއްވާ ބޭފުޅެކެވެ. އެހެންކަމުން ރައްޔިތުންގެ ލޯތްބާއެކު ރައީސް ޔާމީންގެ އިތުބާރު ވެސް ޑރ. މުއިއްޒު ހޯއްދެވިއެވެ. ނަތީޖާ އަކަށްވީ ރައީސް ޔާމީންގެ ބޮޑު ތާއީދަކާއެކު ޕީ.ޕީ.އެމްގެ ނައިބު ރައީސްގެ މަގާމަށް ޑރ. މުއިއްޒު ހޮވިގެންދިއުމެވެ.

ޑރ. މުއިއްޒު ގެންދަވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުންނެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި މާލެއަށް ގެނެސްދީފައިވާ ތަރައްގީ އާއި ކުރިއެރުން އާ ހަރުފަތަކަށް ގެންދެވުމުގެ އަޒުމާއެކު މުއިއްޒު ގެންދަވަނީ ފޯރީގައި ކެމްޕޭނު ކުރައްވަމުންނެވެ. ނަމަވެސް، 2023 ގައި ޕީޕީއެމް/ޕީއެންސީން ރިޔާސީ ޕްރައިމަރީއަކަށް ހިނގައްޖެ ނަމަ ޑރ. މުއިއްޒު ނިންމަވާނެ ގޮތެއް އަދި އެހާ ސާފެއް ނޫނެވެ.

ސައީދާއި ޝިޔާމް (ކ) މަޖިލިސްގެ ކޮމިޓީއެއްގައި -ފޮޓޯ: މަޖިލިސްގެ އިދާރާ

މުހައްމަދު ސައީދު

ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދަކީ ވެސް، ރައީސް ޔާމީންގެ ތަރައްގީގެ ސިޔާސަތު ތަންފީޒުކުރައްވަން ވަރަށް ފަރިތަ ބޭފުޅެކެވެ. ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު ކަމަށްވާ ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވުމަށްފަހު، އިކޮނޮމިކް މިނިސްޓަރުކަމާ ސައީދު ހަވާލުވެވަޑައިގަތީ، ރާއްޖޭގެ އިކޮނޮމީއަށް ބޮޑު ބަދަލެއް ގެނެސްދެއްވާނެ ކަމުގެ ވަރުގަދަ އަޒުމުގައި ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމަށާއި ރާއްޖޭގެ އިގްތިސޯދު ކުރިއަރުވައި ނެގެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް އޭނާ ކުރެއްވިއެވެ.

އެކި ގައުމުތަކުގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް" ފޯރަމްތަކާއި އެފަދަ އެކިއެކި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިންހިއްކުމާއި ހުޅުލޭ އެއާޕޯޓުގެ ބިން ބޮޑުކުރުމާއި ރީޖަނަލް އާ އެއާޕޯޓުތަކެއް ހެދުމާއި ލާމު ދިގުމަގު ހެދުމާއި ދަރުމަވަންތަ ހޮސްޕިޓަލާއި މުޅިން އާ ރިސޯޓުތަކާއި ހުޅުމާލޭ ބްރިޖް ފަދަ ބިޔަބޮޑު ޕްރޮޖެކްޓްތަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އުފެދިގެންދިއުމެވެ. އެހެންކަމުން ރައްޔިތުންގެ ލޯތްބާއެކު ރައީސް ޔާމީންގެ ދެކަނބަލުންގެ އިތުބާރު ވެސް ސައީދު ހޯއްދެވިއެވެ. ނަތީޖާއަކަށްވީ ޕީ.އެން.ސީގެ ނައިބު ރައީސްގެ މަގާމަށް ވަޑައިގެން އަދި ރައީސް ޔާމީންގެ ބޮޑު ތާއީދަކާއެކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ވެސް ސައީދު ކާމިޔާބު ކުރެއްވުމެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން 2018 ގެ ޕޯޑިއަމްތަކުގައި އެންމެ ނަލަކޮށް، ފަށުވިކޮށް ވާހަކަ ދައްކަވަމުން ގެންދެވި އެއް ބޭފުޅަކީވެސް ސައީދެވެ. ސައީދު ސިފަކުރެއްވި ގޮތުގައި ރައީސް ޔާމީނަކީ މި ގައުމުގެ ރައްޔިތުންނަށް "ފިނިފެންމަލެއް" ފަދަ ބޭފުޅެކެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީން ރިޔާސީ ޕްރައިމަރީއަކަށް ހިނގައްޖެ ނަމަ އެންމެ ވާންކަން ދައްކަވާނެ އެއް ބޭފުޅަކީ، ކޯލީޝަންގައި ހުރި އިގްތިސާދީ ދާއިރާގެ އެންމެ ބޮޑު ތަޖުރިބާކާރު ކަމަށްވާ ސައީދު ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.

އަހުމަދު ޝިޔާމް

ޕީ.ޕީ.އެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމަކީ މިހާރު އެންމެ ހިނގާ އެއް ނަމެވެ. ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުތެރެއިން، އޭނާ ބޭރުކުރަން، އެމް.ޑީ.ޕީގެ މެމްބަރުން އުުޅުމުގެ ތެރޭގައި ހިނގި "ޑްރާމާ"ގައި ޝިޔާމްގެ މައިބަދަ އަށް ވަނީ އަނިޔާވެފައެވެ. އޭނާއަކީ މަޖުލީހުގައި ތިއްބެވި އިދިކޮޅު މެމްބަރުންގެ ތެރެއިން އެންމެ އަޑުގަދަ، އެންމެ ހަރަކާތްތެރި މެމްބަރުކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ރައީސް ޔާމީނަށް ވަރަށް ވަފާތެރި މެމްބަރެއްގެ ގޮތުގައި މިދިޔަ ދައުރުގައި ވެސް ފާހަގަކުރެވުނު ޝިޔާމަކީ، ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި މިހާރު އެންމެ މަގުބޫލް އެއް މެމްބަރެވެ.

ޕާޓީގެ ކަންކަމުގައި ރަށްރަށް ވަޑައިގަތުމުން، ކަނބަލުންގެ ފަރާތުން ޝިޔާމަށް ވެދުންކުރާ މާމެލާމެލީގެ ގުލްދަސްތާތައް ގިނަކަމުން، ޕީޕީއެމް/ޕީއެންސީން ރިޔާސީ ޕްރައިމަރީއަކަށް ހިނގައްޖެ ނަމަ ކަނބަލުންގެ އެންމެ ގިނަ ވޯޓު ލިބޭނީ ޝިޔާމަށްކަން އެހެން ބޭފުޅުން ވެސް ގަބޫލްކުރައްވާނެ އެވެ.

އާދަމް ޝަރީފާއި ގައްސާން (ވ) މަޖިލިސްގެ ކޮމިޓީއެއްގައި -ފޮޓޯ: މަޖިލިސްގެ އިދާރާ

އާދަމް ޝަރީފު އުމަރު

ޕީ.އެން.ސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އާދަމް ޝަރީފު އުމަރަކީ ތައުލީމީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމުގައި ވީނަމަވެސް، އެންމެ ހަލަބޮލިވެގެންދިޔަ ދުވަސްވަރު، ރައީސް ޔާމީންގެ އެންމެ ފަހު ޑިފެންސް މިނިސްޓަރެއްގެ ހައިސިއްޔަތުން އޭނާ ވަނީ ފިސާރި ވިސްނުންތެރިކަމާއެކު ދިފާއީ ވުޒާރާ ހިންގަވައިފަ އެވެ. ދަތްދޮޅީގައި އަތްވިއްދަވާލައްވައިގެން މަޑުމަޑުން ހުންނެވި ނަމަވެސް އާދަމް ޝަރީފަކީ ކަމަށް ކަމޭހިތްތަވާ، މޮޅު ހިންގުންތެރިއެކެވެ. ރައީސް ޔާމީންގެ ވަރަށް ބޮޑު ތާއީދާއެކު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ވެސް ވަނީ ކާމިޔާބު ކުރައްވައިފައެވެ. ޕޯޑިއަމްތަކުގައި މިހާރު ވާހަކަ ދައްކަވަމުން ގެންދަވާ ގޮތަށް ބަލާއިރު، ޕީޕީއެމް/ޕީއެންސީ ރިޔާސީ ޕްރައިމަރީއަށް އާދަމް ޝަރީފު ވެސް ފޫގަޅުއްވަމުން ވަޑައިގައިގަންނަވާ ކަމަށް ނުބެލެވޭންވީ ސަބަބެއް ނެތެވެ.

ޑރ. ޖަމީލް ޕީ.ޕީ.އެމާ ގުޅިވަޑައިގަންނަވަނީ -ފޮޓޯ: އަދިވެސް

ޑރ. މުހައްމަދު ޖަމީލް އަހުމަދު

ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނުގައި 2013 ގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ، އެ މަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުކަން ހުރިހާ އެންމެން ވެސް ގަބޫލްކުރެ އެވެ. ނައިބު ރައީސްގެ ގޮނޑިއަށް ބައެއް އެހެން ބޭފުޅުންގެ ޝައުގުވެރިކަން ބޮޑުވެގެން ގޮސް، ޑރ. ޖަމީލްގެ މައްޗަށް ތަފާތު ތުހުމަތުތައް ކުރެވި، އެންމެފަހުން، މަޖުލީހުގައި އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ޑރ. ޖަމީލް މަގާމުން ދުރުކުރީއެވެ. އެއާއެކު، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން، ރާއްޖެއިން ބޭރުގައި އިސްލާހީ ހަރަކާތްތައް ޑރ. ޖަމީލް ހިންގަވައި، 2018 ގެ ރިޔާސީ އިންތިހާބުގައި ޔާމީނާ ދެކޮޅަށް ހަރަކާތްތެރިވެވަޑައިގެން، އެކަން ކާމިޔާބު ވެސް ކުރެއްވި އެވެ. ނަމަވެސް އާ ސަރުކާރު އައިތާ ގިނަ ދުވަސްތަކެއް ނުވެ، ޑރ. ޖަމީލްގެ ޚިޔާލުފުޅު ބަދަލުވެ، އަނެއްކާ ވެސް ރައީސް ޔާމީނާ ގުޅިވަޑައިގަތީއެވެ.

މާޒީގައި ކޮންމެ ގޮތަކަށް ކަންކަން ހިނގައިފައި ވިޔަސް، އެމަނިކުފާނުގެ ހިތްޕުޅުގައި ރައީސް ޔާމީނާ ދޭތެރޭ އެއްވެސް ރުޅިވެރިކަމެއް، ޒާތީކަމެއް އޮތް ކަމަކަށް ނުބެލެވެ އެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑަރިންގެ މައްސަލައިގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ވެސް ޑރ. ޖަމީލެވެ. އެހެންކަމުން އާފެށުމަކުން ފައްޓަވަން، ޕީޕީއެމް/ޕީއެންސީން ރިޔާސީ ޕްރައިމަރީގައި ޑރ. ޖަމީލް ވެސް ވާދަކުރެއްވުމަކީ ވަރަށް ގާތް ކަމެކެވެ.

އެހެން ފިކުރުތައް

ރައީސް ނަޝީދުގެ ފިކުރާއި ރައީސް ޔާމީނުގެ ފިކުރުގެ އިތުރުން ދެން އޮތީ ވަކި ފިކުރެއް ކަށަވަރުނުވާ ޕާޓީތަކެއް ކަމަށްވާ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އާއި އެމް.އާރް.އެމް އަދި އެމް.ޑީ.އޭ އެވެ. މި ތިން ޕާޓީ ވެސް މިދިޔަ ރިޔާސީ އިންތިހާބުގައި އޮތީ އެމް.ޑީ.ޕީގެ ފަހަތުގަ އެވެ.

ތިން ވަނަ ފިކުރެއް ނޫނަސް އަދި ޕީ.ޕީ.އެމާއި އެމް.ޑީ.ޕީ ނޫނަސް، ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ޝައުގުވެރި ޕާޓީތައް އަދިވެސް ހުރެދާނެ އެވެ. އަދި ޕާޓީއަކުން ނޫން ގޮތަކަށް ވެސް ކެންޑިޑޭޓުން ނުކުމެދާނެ އެވެ.

ގާސިމް އިބްރާހިމް/ ސިޔާދު ގާސިމް ޖުމްހޫރީ ޕާޓީ

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކޮންމެ ފަހަރަކު ވެސް ގާސިމް އިބްރާހިމްގެ އެހީތެރިކަން ބޭނުންވެ އެވެ. މިގޮތުން، 2008 ގެ އިންތިހާބު ރައީސް ނަޝީދަށް، 2013 ގެ އިންތިހާބު ރައީސް ޔާމީނަށް އަދި 2018 ގެ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވުމުގައި ވެސް ގާސިމްގެ ހިއްސާ ބޮޑެވެ. ނަމަވެސް، އެމް.ޑީ.ޕީއާއެކު ކޯލީޝަން ހަދައިފައި އޮތް ޖުމްހޫރީ ޕާޓީން މިހާރު ބުނަމުން އަންނަނީ އެއްވެސް ޕާޓީއަކަށް ވެރިކަން ހޯދައިދޭން ޖުމްހޫރީ ޕާޓީން ދެން ނުވަންނާނެ ކަމަށާއި 2023 ގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން އިސްވެ ނުކުންނާނެ ކަމަށެވެ.

އެމް.ޑީ.ޕީއާއެކު ވެފައިވާ ކޯލީޝަން އެއްބަސްވުމާ އެއްގޮތަށް ރައީސް ސޯލިހުގެ ސަރުކާރުގެ ނައިބު ރައީސަކީ ޖުމްހޫރީ ޕާޓީން ނަން ފޮނުވި ފައިސަލް ނަސީމެވެ. އަދި ޖުމްހޫރީ ޕާޓީގެ ލިސްޓުގައި އޮވެގެން ވަޒީރުންގެ މަޖުލީހުގައި ވެސް ބައެއް ބޭފުޅުން އެބަތިއްބެވިއެވެ. އެކަމަކު ވަޒީރުކަމުގެ ހުވާ ކުރެއްވި ހިސާބުން، އެ ބޭފުޅުން ގާސިމާ އެއްކޮށް ވެސް އަދި ކުނޫޒު ޕޯޑިއަމަކުން ވެސް ނުފެނެއެވެ. މަޖުލީސް އިންތިހާބު ތެރޭގައި ވެސް ބައެއް ބޭފުޅުން އުޅުއްވާތަން ފެނުނީ އެމް.ޑީ.ޕީއަށް ގޮނޑިއެއް ހޯދައިދެވޭތޯއެވެ.

ގާސިމް އިބްރާހިމާއި ދަރިކަލުން ސިޔާދު

ޖުމްހޫރީ ޕާޓީގެ ކުރީ ގޮނޑިބަރި ފަޅުވި ވަގުތު، ޕީ.ޕީ.އެމްގެ އިސް މެމްބަރުންތަކެއް ވަނީ ގާސިމްގެ އަތުގައި ހިފައިފައެވެ. ކުނޫޒުން މިހާރު ފެންނަނީ އެ ބޭފުޅުންނެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބަށް ފައި ނަންގަވައިގެން އުޅުއްވާ ބޭފުޅަކު އެތަނަކުން އަދި ނުފެނެ އެވެ. ރިޔާސީ ގަނޑުވަރަށް ވަޑައިގަންނަވަން އަބަދުވެސް ކުލަ ހުވަފެންތައް ދެކެވަޑައިގަންނަވަމުން ގެންދަވާ ގާސިމް އިބްރާހިމް ފިޔަވަ އެވެ. ނަމަވެސް ގާސިމްގެ ވިސްނުންފުޅު ހުރީ އޭނާގެ ބަދަލުގައި، ދަރިކަލުން ސިޔާދު ގާސިމް، ސިޔާސީ މައިދާނަށް ނެރުއްވަން ކަމަށް ވެސް އަޑުތައް އިވެއެވެ. ވިލާ ކުންފުނީގެ ހުރިހާ ޒިންމާއެއް މިހާރު އަދާކުރައްވަމުން ގެންދަވާ ޒުވާން ސިޔާދަކީ، ސިޔާސީ ހަރަކާތްތަކުން މިހާތަނަށް ފެނިފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ރައީސް ޔާމީން ސަރުކާރުގައި ސިޔާދުގެ މައްޗަށް ބޮޑު ތުހުމަތުތަކެއްކޮށް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި  ބޭއްވުމުން ސިޔާސީ ކަންކަމުގެ ވިންދު ސިޔާދުގެ ހިތުގައި ވެސް މިހާރު ނުޖަހާންވީ ސަބަބެއް ނެތެވެ. އަދި ބައްޕަގެ އަތުގައި ހިއްޕަވައިގެން ނުކުންނަވައި ސިޔާސީ މައިދާނަށް ތައާރަފުވެއްޖެ ނަމަ، ސިޔާދަކީ ސިޔާސީ މުސްތަގުބަލް ވަރަށް އުޖާލާ ބޭފުޅަކަށް ވެދާނެކަން ޔަގީނެވެ. ސިޔާދަށް ފުރުސަތު ތަނަވަސްކޮށްދެއްވަން ގާސިމް ވެސް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެވަޑައިގަންނަވާނެކަން ކަށަވަރެވެ. ސިޔާސީ މައިދާނުން ސިޔާދަށް ވެސް ކާމިޔާބަކާ ހަމައަށް ދެވޭނީ ބައްޕަ ފަދަ، ސިޔާސީ ގޮތުން "ދީލަތި" ހިތެއްގެ ވެރިޔަކަށް ވެއްޖެ ނަމައެވެ.

އުމަރު ނަސީރާއި ކާނަލް ނާޒިމް

ކުރީގެ ދެ މިލިޓަރީ އޮފިސަރުން ކަމަށްވާ ދޮންޖޭމު އުމަރު ނަސީރާއި ކާނަލް މުހައްމަދު ނާޒިމަކީ 2023 ގެ ރިޔާސީ އިންތިހާބުގައި ފެނިދާނެ ދެ ބޭފުޅުން ކަމަށް ބައެއް މީހުން ބުނެއެވެ. އުމަރު ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާގެ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވައިފައެވެ. އޭގެ ފަހުން 2013ގެ ޕީ.ޕީ.އެމް ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަކުރައްވަން އުމަރު ނުކުންނެވި އެވެ. އޭރު އުމަރު ވިދާޅުވަމުން ގެންދެވީ އޭނާގެ ހުދު ވަލުގައި އެންމެން ހިފުމަށެވެ. ޔާމީނަށް ރައީސްކަން ދީފި ނަމަ، ދައުލަތުގެ ތިޖޫރީ ހުރި ތަނުގައި ހުންނާނީ ވަޅުގަނޑެއް ކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ޔާމީން އަތުން ބަލިވި ނަމަވެސް، އަދި ރައީސް ޔާމީނަށް ނިސްބަތްކޮށް ކިތަންމެ ތުހުމަތު ތަކެއް ކުރެއްވި ނަމަވެސް، ރައީސް ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ދެއްވީ އުމަރަށެވެ. ނަމަވެސް ވަކި ހިސާބަކުން އުމަރުގެ ފިޔަތަށް ކޮށަމުން ކޮށަމުން ގެންދަން ފެއްޓުމުން، އުމަރު އަމިއްލަ އަށް އިސްތިއުފާ ދެއްވީ އެވެ.

އުމަރު ފާހަގަވެފައި ވަނީ ވަތަނީ، ގައުމީ އަދި ދީނީ ކަންކަމުގައި ފަސްޖެހުމެއް ނެތި ބަސް ވިދާޅުވާން ކެރިވަޑައިގަންނަވާ، އަބަދުވެސް "ފުރަތަމަ ގައުމު"ގެ ލީޑަރެއްގެ ގޮތުގައެވެ. ހަވާލުވާ ކަންކަން، މޫނަކަށް ކަނދުރާއަކަށް ނުބައްލަވައި ތަންފީޒުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. މިލިޓަރީ ގޮތުންނާއި ސިޔާސީ ގޮތުން ރާއްޖެ އަށް އަތްގަދަކުރަން އިންޑިއާ ކުރަމުންދާ މަސައްކަތާ ދެކޮޅަށް ނުކުންނަވައި، ފާޅުގައި އަޑުއުފުއްލަވަމުން ގެންދަވާ ލީޑަރަކީ ވެސް އުމަރެވެ. ދުނިޔޭގައި އުފެއްދި އެންމެ ބިޔަ މަތިންދާބޯޓުފަހަރު ދިވެހިންނަށް ދުއްވޭއިރު، އިންޑިޔާގައި އުފައްދައިފައިވާ ކުޑަކުޑަ ހެލިކޮޕްޓަރެއްގެ ޕައިލެޓްކަން ދިވެހިންނަށް ނުކުރެވޭންވީ ކީއްވެގެންތޯ އުމަރު އަބަދުވެސް ސުވާލު އުފައްދަވަ އެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވަކި ކޮޅެއް ނުނަންގަވައި، އުމަރު ފެނުނީ ކުޅިބައްލަވަން ހުންނެވި ތަނެވެ. އުމަރު ގަބޫލްކުރައްވާ ގޮތުގައި ކުރިން ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށް 2023 ގައި ރައްޔިތުން ތާއީދެއް ނުކުރާނެ އެވެ. ސަބަބަކީ ހުރިހާ ރައީސުންގެ ވެސް އަޖުމަބެލިފައިވާތީ އެވެ. އެހެންވެ ރައްޔިތުން ބޭނުންވާނީ އުމަރު ފަދަ، އާ ލީޑަރެއް ކަމަށް އޭނާ ގަބޫލްކުރައްވަ އެވެ.

އުމަރު ނަސީރު

ކާނަލް ނާޒިމު ޑިފެންސް މިނިސްޓަރުކަމަށް ފުރަތަމަ ވަޑައިގަތީ ރައީސް ވަހީދު ސަރުކާރުގަ އެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ފުރަތަމަ ޑިފެންސް މިނިސްޓަރަކީ ވެސް ކާނަލް ނާޒިމެވެ. ނަމަވެސް، އެއް ރެއެއްގެ ދަންވަރު ނާޒިމްގެ ގޭ ކޮޓަރިތެރެއަށް ފުލުހުން ވަދެ، ފިސްތޯލައެއް ހޯދައިގެން ގެންގޮސް، އެ މައްސަލައިގައި ވަޒީރުކަމުން ވަކިކޮށް، ފަހުން ޖަލަށް ހުކުމްކުރި އެވެ. އެ ފިސްތޯލައިން ފެނުނީ އޭރުގެ ބާރުގަދަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ފިންގަރ ޕްރިންޓު ކަމަށް ފުލުހުން ފަހުން ވަނީ ބުނެފަ އެވެ. ޖަލުހުކުމުން ނާޒިމް ސަލާމަތްވީ، ނާޒިމްގެ އާއިލާ ވެސް ގުޅިފައިވާ ކޯލީޝަނުން 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ފަހުން، ސުޕްރީމްކޯޓް މިނިވަންވާން ފެށި ހިސާބުންނެވެ.

ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ ކާނަލް ނާޒިމާއި އާދަމް ޝަރީފު (ކ) މަޖިލީހުގެ ކޮމިޓީއެއްގައި –ފޮޓޯ: މަޖިލިސްގެ އިދާރާ

އުމަރާއި ކާނަލް ނާޒިމް ގުޅިވަޑައިގެން 2023 ގައި ނުކުންނަވާނީ އަމިއްލަ ގޮތުން ކަމެއް ނުވަތަ ޕާޓީއަކުން ކަމެއް އަދި ޔަގީނެއް ނޫނެވެ. ފަހަރުގައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމް.އާރް.އެމުން ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. ނޫނީ ރައީސް ވަހީދު ޕީ.ޕީ.އެމާ ގުޅިވަޑައިގަތުމުން، އެ ދެ ބޭފުޅުން ވެސް އަލުން ޕީ.ޕީ.އެމާ ގުޅިވަޑައިގެންފާނެ ކަމަށް ވެސް ބުނެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުކަން ކުރައްވާ ނާޒިމް މިވަގުތު ފެންނަނީ ސިޔާސީ ހަރަކާތްތައް މަދު ބޭފުޅެއްގެ ގޮތުގަ އެވެ. ކީއްވެގެން ކަމެއް ނޭނގެ އެވެ.

ފާރިސް މައުމޫން/ އެމް.އާރް.އެމް

ރިޔާސީ ރޭސް 2023 އަށް ނުކުތުމަށް އެމް.އާރް.އެމްގައި މިވަގުތު ހުރީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އެކަންޏެވެ. ފާރިސް މައުމޫނަކީ، އޭނާގެ ބޮޑުބޭބެ ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސަތަށް، ރައްޔިތުންގެ މަޖިލިސްތެރޭގައި ފާޅުގައި ފާޑުވިދާޅުވާން ފެއްޓެވުމުން ބްލެކް ލިސްޓުވި ބޭފުޅެކެވެ. ފަހުން، ރައީސް ޔާމީނާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ، 12 މެމްބަރުންނާއެކު ޕީ.ޕީ.އެމުން ނުކުމެވަޑައިގެން، ބަދަލަކަށް މަސައްކަތް ފެއްޓެވި އެވެ. ބައްޕާފުޅާއެކުގަ އެވެ. ތަފާތު ތުހުމަތުތަކާއެކު، ރައީސް މައުމޫނާއެކު ފާރިސް ވެސް ޖަލަށް ލައި، ތުހުމަތަކަށްފަހު ތުހުމަތެއް ކުރަމުންގެންދިޔައެވެ. ގިނަ ބަޔަކު އެންމެ ހެއްވާލި ދައުވާއަކަށްވީ، ފުރަތަމަ ފަހަރަށް އަޑު އިވުނު "ޝަހުސު އޮޅުވާލުމުގެ" ދައުވާ އެވެ. އެއީ ފާރިސް ދެއްވި ޕްރެސް ކޮންފަރެންސެއްގައި ޕީ.ޕީ.އެމްގެ ލޯގޯއެއް ހުރެގެން، ރައީސް ޔާމީން ހިތްޕުޅާ ނުވެގެންނެވެ.

ފާރިސް މައުމޫން މަޖިލީހުގެ ޖަލްސާއެއްގައި -ފޮޓޯ: މަޖިލިސްގެ އިދާރާ

ފާރިސްއަކީ މަޑުމަޑުން ހުންނެވި ނަމަވެސް ހިންގުންތެރި ބޭފުޅެކެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ސަރުކާރު ބަލިވުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބު ކަމުގައިވި 12 މެމްބަރުންގެ ޓީމު ލީޑްކުރެއްވީ ފާރިސްއެވެ. ފާރިސްގެ ބައްޕާފުޅާއެކު، 12 މެމްބަރުން ވެސް ތާއީދު ކުރެއްވީ އެމް.ޑީ.ޕީ ވެރިކަމަށް ގެނައުމަށެވެ.

ރައީސް މައުމޫންގެ މިހާރުގެ އެންމެ ބޮޑު އުންމީދަކަށް ވާނީ ރިޔާސީ އިންތިހާބަށް ފާރިސް ނެރުއްވައި، ފާރިސް އަށް ކާމިޔާބު ލިބޭތަން ދެކެވަޑައިގަތުންކަން ޔަގީނެވެ. މި ރޭހުގައި ފަހަރުގައި ޕީ.ޕީ.އެމްގެ ފަރާތުން ގައްސާން ނުކުންނަވާ ނަމަ، ރައީސް މައުމޫނާއެކު ފާރިސް ވެސް އަލުން ޕީ.ޕީ.އެމާ ގުޅިވަޑައިގަތުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި ހަމަ، ރައީސް މައުމޫނާއި ގާސިމްގެ ޒަމާންވީ ރަހުމަތްތެރި ކަމުގެ ގުޅުމުގެ ސަބަބުން، ޒުވާން ދެ ލީޑަރުންގެ ގޮތުގައި ފާރިސް އާއި ސިޔާދު ކޭލިޖެހުމަކީ ވެސް ނުވުމަށްވުރެ ވުން ގާތްކަމެކެވެ.

ކުރީގެ ނައިބު ރައީސް އަދީބު -ފޮޓޯ: ރައީސް އޮފީސް

އަހުމަދު އަދީބު

އަހުމަދު އަދީބަކީ ރައީސް ޔާމީންގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ. ޕީ.ޕީ.އެމްގެ ނައިބު ރައީސެވެ. ފަހުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވަޑައިގަތުމުން ވެސް ޓޫރިޒަމް މިނިސްޓްރީ ބެލެހެއްޓެވީ އެ މަނިކުފާނެވެ. ރައީސް ޔާމީން ވަރަށް ބޮޑު އިތުބާރެއް ކުރައްވައި ސަރުކާރުގެ ވަރަށް ގިނަ ބާރުތައް އަދީބާ ހަވާލުކުރެއްވި އެވެ. ރައީސް ޔާމީން ސިފަކުރެއްވި ގޮތުގައި އަދީބަކީ "ޚާލިދުބިންވަލީދެ"ވެ.

އަނެއްކޮޅުން ރައީސް ނަޝީދު ވިދާޅުވާ ގޮތުން ނަމަ، އަދީބަކީ ރައީސް ޔާމީންގެ ސަރުކާރު ހަލަބޮލިކޮށްލައި، އެ ސަރުކާރަށް ނިމުން ގެނައުމަށްޓަކައި ރައީސް ނަޝީދު ފޮނުއްވި "ފަންޏެ"ކެވެ. އެމް.ޑީ.ޕީ މަޖިލިސް މެމްބަރުންގެ ބޮޑު ތާއީދަކާއެކު ނައިބު ރައީސް ކަމަށް އަދީބު އައްޔަންކުރެވުމާއެކުހެން، ދެން ފެނިގެން ދިޔައީ ރައީސް ޔާމީންގެ ސަރުކާރާއި ޕީ.ޕީ.އެމް ޕާލަމެންޓަރީ ގްރޫޕު ތެރޭގައި ފެކްޝަންތައް އުފެދި، މައްސަލަތައް ހޫނުވަމުންދިޔަ ތަނެވެ. ނަތީޖާ އަކަށްވީ ރައީސް ޔާމީން އިންނެވި ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި ހާދިސާގައި ތުހުމަތުކުރެވި، ނައިބު ރައީސްކަމުން އަދީބު ވަކިކޮށް، އަދި މޭޑޭގައި ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ބުނާ މައްސަލައެއްގައި ޖަލަށް ހުކުމްކޮށް އަދި ފަހުން އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައިގައި ވެސް އަދީބުގެ މައްޗަށް ދައުވާތައް އުފުލުމެވެ.

ފިސްތޯލަ މައްސަލަ އާއި ފިނިފެންމާގައި ބޮން ގޮއްވި މައްސަލަ އާއި އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމް އިއްވި ނަމަވެސް، އެ މަނިކުފާނު މިވަގުތު ހުންނެވީ ހުރިހާ މައްސަލަތަކުން ސަލާމަތްވެފަ އެވެ. ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިއާއަށް ވަަޑައިގެންނެވިތަނާ އަތުލައިގަނެގެން މާލެ ގެނައުމުން، ޔަގީނުން ވެސް ދެން ނުފިލޭނޭ ގޮތަށް އެ މަނިކުފާނުގެ ފައިންޕުޅުގައި އެޅުވި ޓެގް ވެސް މިހާރު ވަނީ ނަގައިފަ އެވެ. ނަމަވެސް އަދީބު ފުރުން މަނާކޮށް ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ. އަދި ޝަރީއަތުގައި ހުރި މައްސަލަތައް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ޖަލު ހުކުމްތަކެއް އޮތް ނަމަވެސް އަދީބު މިވީހާ ދުވަހު ވެސް ހުންނެވީ ގޭގަ އެވެ. އެއީ ޕީ.ޖީ އާއެކު ހަދައިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ އެމް.އެމް.ޕީ.އާރް.ސީގެ ހިޔާނާތުގެ މައްސަލަތަކުގައި ހުރިހާ ތަފްސީލެއް، އެއްވެސް ފޮރުވުމެއް ނެތި އޭނާ ދެއްވާ ގޮތަށެވެ.

އަދީބުގެ މައްޗަށް ކުރަން މިހާރު ތައްޔާރުވަމުންދާ ދައުވާތަކުގައި ކޯޓުތަކުން އިތުރު ހުކުމްތައް ޖެހި ނަމަވެސް، 2023 ގައި ވާދަކުރެވޭ ގޮތަށް، އެންމެ ފަހު މަރުހަލާގައި ހުރިހައި ހުކުމެއް ބާތިލްވެ، ހުދު ފޮތިކޮޅަކަށް އަދީބު ވުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. މި ސަރުކާރުގެ ވައުދާ އެއްގޮތަށް ފަނޑިޔާރުގެ މިނިވަންވެ، ކޯޓުތަކުން އިންސާފު ގާއިމުކުރައްވަމުން ގެންދަވާތީ އެވެ. އެހެންވެއްޖެ ނަމަ 2023ގެ ރިޔާސީ ރޭސް ވަރަށް ބޮޑުތަނުން ފޯރި ގަދަވެ، ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމަށް އަދީބު އަބަދުވެސް ދެކެވަޑައިގަތް ހުވަފެންތަކުގައި ހަގީގީ ކުލަޖެހުމުގެ ފުރުސަތު ބޮޑުވެގެންދާނެކަން ޔަގީނެވެ. ރިޔާސީ ރޭހަށް އަދީބު ނުކުންނަވައިފި ނަމަ، އޭނާ ވެގެންދާނީ ހުރިހައި ވާދަވެރިންނަށް ވެސް ފަހަތަށް ޖައްސާލަން އުނދަގޫ ބޭފުޅަކަށްކަން ޔަގީނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
8
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ސަރުކާރުން ފަންޑުކޮށްގެން ނެރޭ ނޫހެއްތޯ ނޫންތޯ ދެނެގަނެވޭނީ ލިޔެފައި ހުންނަ އާޓިކަލްތައް ކިޔާލީމައެވެ. މީގައި އެކުލަ ޖެހިފައި ހުރިތޯ ނެތްތޯ ބަލަންވާނެ! ހަމަހަމަ ކަމާއިއެކު ލިޔާ ނޫސް މަޖައްލާތަކަށް ތަރުހީބު ބޮޑުވާނެ، އުންމީދަކީ އެފަދަ ނޫހެއް ގޮތުގައި މި ނޫސްވުން..

  2. މި ލިސްޓުގައި މުހިއްމު ނަމެއް މަދުކަން ފާހަގަކޮށްލަން. އެއީ 2018 ގައި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. ފެށުނީއްސުރެން ވެސް ރައީސް ޔާމީންގެ އެންމެ އަރިހުގައި ޑރ. ޝަހީމް އެ ހުންނަވަނީ.

  3. ފާރިސްގެ ހިންގުން ތެރިކަން ވަރަށް ގާތުން ވަނީ ފެނިފައި އޭނަ އަކީ އެއް ވެސް ހިންގުން ތެރި މީހެއް ނޫން
    މިހާތަނަށް ހޯދުނު ކާމިޔާބެއް ވެސް ނެތް 12 މެންބަރުން ގެ ކަންތައް ރާވާ ހިންގީ އޭނަ އެއް ނޫން ޝަހީބު ރަނގަޅަށް
    ދިރާސަ ކުރައްވާ އޭނަ ހިންގި އޮފީހެއް ކުރި ކަމެއް ދައްކަ ބަލަ……

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *