ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން އެ ސަރަހައްދުގެ ރައްޔިތުންތަކެއް މަރާލި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.
މިދިޔަ ޖުލައި މަހު އިންޑިއާ ސިފައިން ކަޝްމީރުގައި ހިންގި އޮޕަރޭޝަނެއްގައި އެއްވެސް ކުށެއް ނެތް ތިން މީހުން މަރާލާފައިވާ ކަމަށް އެ ތިން މީހުންގެ އާއިލާއިން ވަނީ ތުޙުމަތުކޮށްފަ އެވެ. އިންޑިއާ ސިފައިން ކުރިން ބުނެފައި ވަނީ އެ ތިން މީހުންނަކީ ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް ކަމަށެވެ. ނަމަވެސް އެ މީހުންގެ އާއިލާއިން ބުނީ އެ އޮޕަރޭޝަނަށް ފަހު ސޯޝަލް މީޑިއަށް އެ ތިން މީހުންގެ ފޮޓޯ ލާފައިވާއިރު، އެ ފޮޓޯތަކުގައި ވަނީ އެއްވެސް ހަނގުރާމަވެރިންގެ ޖަމާޢަތަކަށް ނިސްބަތް ނުވާ ކުށެއް ނެތް އާންމު ރައްޔިތުންތަކެއް ކަމަށެވެ.
އެއް އާއިލާއަކަށް ނިސްބަތްވާ އެ ތިން މީހުންނަކީ މިދިޔަ ޖުލައި މަހު ގެއްލިގެން ހޯދަމުން ދިޔަ ބައެކެވެ. އާއިލާގެ މެމްބަރެއް ނޫސްވެރިންނަށް ކިޔައިދިން ގޮތުގައި 18 އަހަރުގެ އަބްރާރް ޚަތާނާ، 21 އަހަރުގެ އިމްތިޔާޒް އަޙްމަދު އަދި 25 އަހަރުގެ އަބްރާރް އަޙްމަދު ވަނީ އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތެއް ލިބޭތޯ ޖުލައި 16 ގައި ކަޝްމީރު ވެލީއަށް ގޮސްފަ އެވެ. އަދި އޭގެ ފަހުން އެމީހުންގެ ހަބަރެއް ނުވެ، އެތައް ދުވަހެއް ވީފަހުން މިއަދު ސޯޝަލް މީޑިއާއިން އެ މީހުންގެ ފޮޓޯ ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ އެމީހުންނަށް އިންސާފު ހޯދުމަށް އާއިލާއިން މަސައްކަތްކުރާއިރު، ހަށިގަނޑުތަކުގެ ޑީއެންއޭ ހަދަން ވެސް އާއިލާއިން ވަނީ އިންޑިއާ ސިފައިންނަށް ގޮވާލައިފަ އެވެ.
ޤާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ ހާއްސަ ހާލަތު އިންޑިއާއިން އުވާލިތާ އަހަރެއް ވެފައިވާއިރު، ކަޝްމީރީންނާ ދެކޮޅަށް އެ ޤައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަނީ އިތުރުވެފަ އެވެ.



advertisment