...

Support Us

ސުލްޙައަށް ހުރަސް އަޅާތީ ދައްކަންޖެހޭ ޓެކްސް ބޮޑުވާނެ 

ޣައްޒާގެ ފަށަލަތަކުގައި ހިމެނޭ ޔަހޫދީ އާބާދީތަކަށް ފަލަސްޠީނުގެ ޖަމާޢަތްތައް ހޮނިހިރު ދުވަހު ދިން އަޤްޞާ ޠޫފާނުގެ ޒަލްޒަލާއަކީ އިސްރާއީލު މީގެ ކުރިން ދެކެފައިނުވާ ފަދަ ބިރުވެރި ކަމެކެވެ. އިސްރާއީލުން ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ކުރަމުންދާ ދުއްތުރާތަކާއި އެމީހުންގެ މުޤައްދަސް ތަންތަނަށް އަރައި އެތަންތަނުގެ ޙުރްމަތް ކެނޑުމުގެ ސަބަބުން ފަލަސްޠީނުގެ ބިންތައް ފަޅަފަޅައިގެން ހިނގައިދާނެ ކަމަށް ސަމާލުވުމަށް ދިން އިންޒާރު ޙަޤީޤަތަކަށް ވީއެވެ. ފަލަސްޠީނުގެ މުޖާހިދުންގެ ކިބައިން ބަދަލުހިފުމަށް އިސްރާއީލުން ޣައްޒާއަށް ބޮންއަޅައި ހައެއްކަ ގަޑިއިރުގެ ތެރޭގައި ޣައްޒާ ފުނޑުފުނޑުކޮށްލީއެވެ. ޔަހޫދީ ވަޒަންވެރިން އިރުއިރުކޮޅާ ހުޅަނގު އައްސޭރީގެ ބިންތަކަށް ދޭ ޢުދްވާނީ ޙަމަލާތަކުގެ ސަބަބުން އެ ބިންތައް ނުތަނަވަސްވެ ހަލަބޮލިވީއެވެ.

މިއީ ސަރަޙައްދަށް ހަމަނުޖެހުންތައް ގެނައި އެނބުރޭ އޮއިގަނޑެކެވެ. މިއީ ބައިނަލްއަޤްވާމީ ޤަރާރުތައް އެނގޭ އެއްޗެއް ކަމަށް ނުހެދުމުގެ ނަތީޖާއެވެ. މިއީ މެދުއިރުމަތީގެ ޞުލްޙައަށް ޓަކައި ގޮވައިލެވުންދާ ގޮވުންތަކަށް ނޫނެކޭ ބުނުމުގެ ދިލަގަނޑެކެވެ.

ފަލަސްޠީނު އޮތީ ހޫނު އުދުނެއްގެ ތެރޭގައެވެ. އޭގެ ގިނި ކަނިވެގެން ނުދެއެވެ. ތަފާތު ބާވަތްބާވަތުގެ ދަރުތައް ދިޔައީ މި އުނދުނުގައި ޖައްސަމުންނެވެ. ޔަހޫދީ ވަޒަންވެރިން ތަކުރާރުކޮށް އަޤްޞާ މިސްކިތަށް ވަދެ އެ ޙުރްމަތްތެރި މިސްކިތުގެ ޙުރްމަތް ކަނޑަނީއެވެ. ހުޅަނގު އައްސޭރީގެ ސަހަރުތަކަށާއި ރަށްތަކަށް ގޮތެއް ފޮތެއް ނެތި ޔަހޫދީންނާއި އިސްރާއީލު ސިފައިން އަރަނީއެވެ. ފަލަސްޠީނު މީހުންގެ ރިޒްޤުގެ މަޞްދަރުތައް ފޭރިގަންނަނީއެވެ. ގެދޮރު ތަޅައި ބޭނުން ބަޔަކު ހައްޔަރުކުރަނީއެވެ. ބޭނުން ބަޔަކު އެމީހުންގެ ބިމުން ބާލައި އެ ބިންތަކަށް ވެރިވެގަންނަނީއެވެ.

އެންމެފަހުން ހުޅުގަނޑު ފަޅައިގެން އެރީއެވެ. އިސްރާއީލު ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ޙައިރާން ކުރުވަނިވި ގޮތަކަށެވެ. ފަލަސްޠީނުގެ މުޖާހިދުން ދިން އަޤްޞާ ޠޫފާނުގެ ސަބަބުން ދުވަހަކުވެސް އިސްރާއީލު ބިރުނުގަންނަ މިންވަރަކަށް މި ފަހަރު ބިރުގަތްފިއެވެ. މި ޙަމަލާއާ ވިދިގެން މިހާރު އިސްރާއީލުން އެފެށީ ބަދަލުހިފުމުގެ އަނިޔާވެރި ޙަމަލާތަކެވެ. ކަމާ ނުބެހޭ މީހުންނަށް ޖަމާޢީކޮށް އަދަބު ދިނުމަށެވެ. އިންސާނީ އަސާސީ ޙައްޤުތަކުން ޣައްޒާގެ ރައްޔިތުން މަޙްރޫމު ކުރުމަށެވެ. ކަރަންޓެއް، ގޭހެއް، ބޯފެނެއް، ކާއެއްޗެއް ނުލިބޭގޮތަށް ޣައްޒާ ތަޅުލީއެވެ.

ނަތީޖާއަކަށް ވާނީ ހަރުކަށި ޢަމަލުތައް އިތުރުވުމެވެ. ކޮންޓްރޯލުން ނެއްޓި ލަގަން ބީވެގެން ދިޔުމެވެ. ޞުލްޙަވެރިކަމާއެކު މަސްއަލަ ޙައްލުކުރުމަށް ކުރަމުންދިޔަ މަސައްކަތްތައް ވަޔަށް ބުރައިގެން ދިޔުމެވެ.

އިސްރާއީލަކީ ބައެއްގެ ބިން ހިފައިގެން އޮތް ބާރަކަށް ވާތީ އެމީހުން ޢަމަލުކުރަން ޖެހޭ ބައިނަލް އަޤްވާމީ ޤަވާޢިދުތަކަކާއި ތަބާވާން ޖެހޭ ޤާނޫނުތަކެއް ވެއެވެ. މި ޤާނޫނުތައް ނޭނގޭ އެއްޗަކަށް ހަދައިގެން އެމީހުންނަށް އަމާންކަމެއް ނުލިބޭނެއެވެ. އެމީހުންނަށް ރައްކައުތެރިކަމެއް ނުހޯދޭނެއެވެ. އޮކްޓޯބަރު މަހުގެ ހަތެއްގައި ހިނގި ހާދިސާތައް އެހެން ސިފަސިފައިގައި ތަކުރާރު ވާނެތެވެ.

އިސްރާއީލުން މަސައްކަތް ކުރަނީ ފަލަސްޠީނޭ ކިޔާ ކޮންމެ އެއްޗެއް ވަޅުލައި ނައްތައިލާށެވެ. އެހެނަސް މިއީ އިންސާނިއްޔަތުކަމުގެ ސަވާބިތުތަކާ އަރާރުންވާ ކަމެކެވެ. އެއީ ބަދަލުވަމުން އަންނަ މިއަދުގެ ބައިނަލްއަޤްވާމީ އައު އޮއިވަރާ ދެކޮޅަށް ފަތާފެތުމެކެވެ. އެއީ ވޭތުވެދިޔަ ދަހަރުތަކުގައި އިސްރާއީލަށް ލިބެމުން ދިޔަ މަދަދުތަކަށް ހުރަސްއެޅިދާނެ ކަމެކެވެ.

ޞުލްޙައަށް ހުރަސްއަޅަމުންދާތީ ދައްކަންޖެހޭ ޓެކްސް ވަރަށް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.