Support Us

އެމެރިކާގެ ކޯޓަކަށް ހާޒިރުވެވަޑައިގަތުމަށް ސައުދީ ޕްރިންސް މުހައްމަދަށް އަންގައިފި

ސައުދީ އަރަބިއާގެ ކުރީގެ ޖާސޫސެއް އެމެރިކާގެ ކޯޓަކަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އެމެރިކާގެ ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް އަންގައިފި އެވެ.

ކޮލަމްބިއާގެ ޔޫއެސް ޑިސްޓްރިކްޓުން ސައުދީ ވަލީއަހުދަށް ލިޔުން ފޮނުވާފައި ވަނީ، އޭނާ މަރާލުމަށް ވަލީއަހުދު ޓީމެއް ފޮނުއްވި ކަމަށް ތުޙުމަތުކޮށް، ސާދް އަލް ޖަބްރީ ކޯޓަށް ޝަކުވާއެއް ހުށަހެޅިތާ އެއްދުވަސް ފަހުންނެވެ. ކެނެޑާގެ ރަށްވެއްސެއްގެ ގޮތުގައި އެ ޤައުމުގައި ދިރިއުޅޭ އަލް ޖަބްރީ ބުނިގޮތުގައި ވަލީއަހުދު އޭނާ ގަތުލުކޮށްލަން ބަޔަކު ފޮނުވާފައި ވަނީ އޭނާ އާއި އެމެރިކާގެ ޖާސޫސު އިދާރާތަކާ ގުޅުން އޮތުމުންނާއި، ވަލީއަހުދުގެ ހަރަކާތްތަކުގެ މަޢުލޫމާތު އޭނާ އަށް އެނގޭތީ އެވެ.

އަލް ޖަބްރީ ހުށަހެޅި ޝަކުވާގައި ބުނެފައި ވަނީ ވަލީއަހުދާ ބެހޭ މުޙިއްމު މަޢުލޫމާތުތައް ރައްކާކޮށްފައި ވަނީ އޭނާގެ ސިކުނޑީގައި ކަމަށާއި، އޭގެ އިތުރުން ފަހަރުގައި އޭނާ މަރާލާނެ ކަމަށް ހީވެ، ކޮށްފައިވާ ރެކޯޑިން ތަކުގައި ކަމަށެވެ. އަދި އޭނާ މެރުމަށް ވަލީއަހުދު ފޮނުއްވި "ޓައިގަރ ސްކޮޑް" ޓީމުން އޭނާގެ ދެ ދަރިން ކަމަށްވާ ސާރާ އާއި އުމަރު ގެއްލުވާލައިފާ ވަނީ ވެސް އަލް ޖަބްރީ ސައުދީއަށް ގެނެސް ގަތުލުކޮށްލުމުގެ ބޭނުމުގައި ކަމަށާއި، އޭނާގެ އާއިލާގެ އެހެން މެމްބަރުން ހައްޔަރުކޮށް، އެމީހުންނަށް އަނިޔާކޮށްފައި ވަނީ ވެސް އެ ބޭނުމުގައި ކަމަށް އެ ޝަކުވާގައި ވެ އެވެ.

ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް އަންގަވައި، ވަލީއަހުދަށް ފޮނުއްވި ލިޔުމުގައި އިތުރު 12 މީހެއްގެ ނަން ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ހިމެނެ އެވެ. ލިޔުމުގައި ބުނެފައިވާ ގޮތުގައި އެ އަމުރަށް ޖަވާބުދާރީވާން ނުކުޅެދިއްޖެ ނަމަ އެ ފަރާތްތަކާ ދެކޮޅަށް ކޯޓަށް ހުށަހެޅިފައިވާ ޝަކުވާގައި ވާގޮތަށް ނިޔާ އިއްވޭނެ އެވެ.

ފުރާނައަށް ނުރައްކާވެފައިވާ ކަމުގެ ބިރުހީވެ، އަލް ޖަބްރީ އޭނާގެ ސެކިއުރިޓީ ގާޑުން އިތުރުކޮށް، ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

ވަލީއަހުދު ދެން މަސައްކަތްޕުޅު ކުރައްވާނީ އެމެރިކާގެ ރައީސް ޓްރަމްޕާއި ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ މެދުވެރިކޮށް "ލެޓަރ އޮފް ސަޖެޝަން އިމިއުނިޓީ" އެއް ނެރުއްވުމަށް ކަމަށާއި، އެ ޤާނޫނުގައި ބުނާގޮތުން އެމެރިކާއާއި އެހެން ޤައުމެއްގެ އިސްވެރިޔަކާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ދޫކޮށްލުމަށް އެދެވޭ ކަމަށް އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި އެމެރިކާގެ އެސޯސިއޭޓް ޑެޕިއުޓީ އެޓަރނީ ޖެނެރަލް ކަން އަދާކޮށްފައިވާ ބްރޫސް ފެއިން ވިދާޅުވި އެވެ. އަދި ނޮވެމްބަރ މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބަކީ ސަޢުދީ އަރަބިއާއަށް ވަރަށް މުޙިއްމު އިންތިޙާބަކަށް ވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަޤީން ސައުދީ ސަރުކާރާއި ވަލީއަހުދު މިހާރު ވާނީ އެ މައްސަލައިން ސަލާމަތްވާން މަސައްކަތް ކޮށްދެއްވުމަށް އެދި ޓްރަމްޕާއި ޕޮމްޕޭއޯގެ އަރިހުގައި ދަންނަވާފަ،" ބްރޫސް ފެއިން ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *