Support Us

ޖަމީލް ދީދީ: އެންމެ ޚިދުމަތްތެރި, ދިވެހި ގައުމުގެ އެންމެ ބޮޑު އެދުރު

"އެދުރުވެހިކަމުގެ ފިނިހިޔާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް

އުނގަންނައިދެއްވުމުގެ ފޮނިމޭވާ ދިވެހި ކުދިބޮޑު އެންމެތަކުންނަށް"

ފަޟީލަތުއްޝައިޚުލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީއަކީ 20 ވަނަ ގަރުނުގައި ދިވެހިރާއްޖޭގެ ދީނީ، އިލްމީ، އަދި އަދަބީ އުދަރެހުން އެރި "ގުރަހައިގެ ރަންތަރި"އެވެ. އެ މަނިކުފާނުގެ މި އަގުހުރި ޢިލްމީ ޚިދުމަތްތަކަށްޓަކައި "އުސްތާޛުލްޖީލު"ގެ ނަންފުޅު ދައުލަތުން ވަނީ ދެއްވައިފައެވެ. ދިވެހި ގައުމު ދެމިއޮތްހާ ހިނދަކު އެމަނިކުފާނުގެ ޤައުމީ ޚިދުމަތްތަކުގެ ޒިކުރާ އަބަދުގެއަބަދަށް ދެމިހުންނަހުއްޓެވެ!

މުޙައްމަދު ޖަމީލު ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1 މޭ 1915ގައެވެ. އުމުރުފުޅުން 74 އަހަރުފުޅުގައި އަވަހާރަވީ 15 މާރިޗު 1989ގައެވެ.

ބައްޕާފުޅަކީ ފުރަމާލޭ ބޮޑުގަލުގެ މޫސާ ދީދީގެ، ޢަބްދުﷲ ދީދީއެވެ. މަންމާފުޅަކީ ހުރަވީ ރަސްދަރިކޮޅުގެ ފެންފޯއްގަނޑުވަރު ގޮމާގެ، އާމިނަތު ދީދީއެވެ.

އެމަނިކުފާނު އެންމެ ފުރަތަމަ ތައުލީމު ހާސިލްކުރެއްވީ މާލޭ މަދުރަސަތުއްސަނިއްޔާ (މަޖީދިއްޔާ) އިންނެވެ. މަތީ ތައުލީމު ހާސިލުކުރެއްވީ މިސުރުގެ ޖާމިއުލްއަޒުހަރުންނެވެ.

މުޙައްމަދު ޖަމީލު ދީދީއަކީ ދިވެހި ބަހާއި ޢަރަބި ބަހާއި ދީނުގެ އެންމެ ބޮޑު ޢިލްމުވެރިއެކެވެ. ދީނީ، އިލްމީ، އަދަބީ ރޮނގުތަކުން ދިވެހި ގައުމަށް 1939 އިން 1989އަށް 50 އަހަރު އެންމެ އަގުހުރި، އެންމެ ގިނަގުނަ ޚިދުމަތްތައް ކުރެއްވި، އެންމެބޮޑު ޢިލްމުވެރިޔާއެވެ.

ލިޔުއްވި ދީނީ ފޮތްތަކުގެ ތެރޭގައި ތަޢުލީމުއްދިޔާނާގެ ފޮތްތައް ހިމެނެއެވެ. މިއީ 1940ގެ އަހަރުތަކުން 1980ގެ އަހަރުތަކަށް 40 އަހަރު މުޅި ރާއްޖޭގެ މަދުރަސާތަކުގައި ދީނީ ތައުލީމު އުނގެނުމަށް ބޭނުންކުރި ފޮތްތަކެވެ.

ދީނީ އެތައް ފޮތެއް ލިޔުއްވިއެވެ. ކީރިތި ޤްރުއާން އެންމެ ފުރަތަމަ ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގެ އެންމެބޮޑު މަސައްކަތްޕުޅު ކުރެއްވީވެސް އެމަނިކުފާނެވެ. އަދި ޤްރުއާން ތަރުޖަމާ އެންމެ ފުރަތަމަ، 1970ގެ އަހަރުތަކުގައި އެމަނިކުފާނުގެ އަޑުފުޅުން ރެކޯޑު ކުރި ގޮތަށް 2000ގެ އަހަރުތަކަށް 30 އަހަރު މުޅި ގައުމަށް އަޑުއިވިއިވި ހުއްޓެވެ.

އެމަނިކުފާނުގެ އަދަބީ ޚިދުމަތްތައް ގިނަގުނައެވެ. އަދަބީ ހުރިހާ ދާއިރާއެއްގައެވެ. ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ "އުޖާލާވި ރަންތަރި"އެވެ. ދިވެހި ގައުމީ ސަލާމް ހެއްދެވީވެސް އެމަނިކުފާނެވެ. ދިވެހި ގައުމީ ސަލާމަށް 75 އަހަރުވީއެވެ.

އުސްތާޛުލްޖީލު، މުޙައްމަދު ޖަމީލު ދީދީއަކީ ސިޔާސީ ބޭފުޅެއް ނޫނެވެ. ދީނީ، އިލްމީ، އަދަބީ، ގައުމީ އެންމެ ބޮޑު ޚިދުމަތްތެރިޔާއެވެ. މި ރޮނގުތަކުން ދައުލަތުގެ އެންމެމަތީ މަގާމުތައް އަދާކުރެއްވިއެވެ. އަދާކުރެއްވި އެންމެމަތީ މަގާމަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ކަމެވެ. މިއީ ޝަރުޢީ، ދީނީ،  ގައުމީ އެންމެމަތީ މަގާމެވެ.

މާލޭ މުނިސިޕަލްޓީގެ ރައީސްކަންވެސް ކުރެއްވިއެވެ. އަދި ދިވެހި ބަހާއި ދިވެހި އަދަބިއްޔާތުގެ އެންމެމަތީ މަގާމުތައް އަދާކުރެއްވިއެވެ. ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލިސްގެ ރައީސްކަމެވެ. އެމަނިކުފާނު އަވަހާރަވީއިރު ހުންނެވީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް ކަމުގައެވެ.

"ދާދި އަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް

ތާއަބަދު ދެމިހުންނަ ޒިކުރާއަކަށް ނިމުމެއް ނެތޭ"

– އުސްތާޛުލްޖީލު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *