Support Us

ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން ބުރައިގެންދިޔަ އެއްޗެހިތައް އިމެނުއެއްލާ ގައިމަތީގައި 

އުފާވެރި ވަގުތުކޮޅު، ބިރުވެރި ކާރިސާއަކަށް ބަދަލުވި ހިނދުކޮޅު

ބެއިރޫތުގެ ހޮސްޕިޓަލެއްގައި އިމެނުއެއްލާ ޚުނައިސަރ އޮތީ ވިހަން ވައްދައިފަ އެވެ. އޭނާގެ ފިރިމީހާ، އެޑްމަންޑް ދިޔައީ ދެމަފިރިންގެ ހަޔާތުގެ އެ މުޙިއްމު ސަފްހާގެ ފެށުން ފޯނުން ވީޑިއޯ ކުރަމުންނެވެ. އެ ވަގުތު އިވުނު ގަދަފަދަ އަޑުފަށްގަނޑަކާއެކު، ގޮވި ބާރުގަދަ އެއްޗެއްގެ ސަބަބުން، ހޮސްޕިޓަލްގެ ބިއްލޫރި ދޮރުތައް ބުރައިގެން ގޮސް، ސީލިން ވެއްޓި، ދެމަފިރިންގެ އެ އުފާވެރި ވަގުތުކޮޅު މުޅިން ބިރުވެރި ކާރިސާއަކަށް ބަދަލުވެގެންދިޔަ އެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި މި މަހު ހަތަރު ވަނަ ދުވަހު ބާރުގަދަ އެއްޗެއް ގޮވައި، އެ ސަރަހައްދުގައި ހުރި އިމާރާތްތައް ހަލާކުވެގެން ގޮސް، ހޮސްޕިޓަލްގެ ބިއްލޫރި ދޮރުތައް ބުރައިގެންދިޔަ މަންޒަރު އެޑްމަންޑްގެ ފޯނުގައި ހުރީ ވަރަށް ރަނގަޅަށް ރެކޯޑު ކުރެވިފަ އެވެ.

"އަންހެނުން ވިއްސާ ކޮޓަރިއަށް ގެންދިޔަ ވަގުތު ފޯނުން ވީޑިއޯ ކުރަމުން ދިޔައީ. ކުއްލިއަކަށް އައި ބާރުގަދަ ގުޑުމަކާއެކު ފެނުނީ އަންހެނުން ބާއްވައިފައި އޮތް އެނދާ ދިމާލުގެ ފާރު ވިއްސައިގެން ދިޔަތަން. ކޮޓަރީގައި ހުރިހާ މެޑިކަލް އިކުއިޕްމަންޓަކާއި އެހެން ހުރިހައި ސާމާނެއް އެކި ދިމަދިމާލަށް ބުރައިގެން ދިޔަ. ސީލިން ވެސް އޮތީ ވެއްޓިފައި. އަންހެނުންނާއި ބަނޑުގައި އޮތް ދަރިފުޅަށް އަނިޔާއެއް ލިބިދާނެތީ ބިރުން ދުއްވައިގަތްއިރު އެނދާއި އަންހެނުންގެ ގައިމަތީގައި އޮތީ ހުސް ބިއްލޫރި. ފުރަތަމަ މަސައްކަތް ކުރީ އަންހެނުން ސަލާމަތްކުރަން. އަދި އަންހެނުންގެ އެނދު، ކޮޓަރިން ނެރެފައި އަވަސްވެގަތީ ކޮޓަރީގައި ތާށިވެފައި ތިބި ޑޮކްޓަރުންނާއި ނަރުހުންތަކަށް އެހީވާން،" އެޑްމަންޑް ކިޔައިދިނެވެ.

އެ ދެމަފިރިންނަށް ލިބުނު ފިރިހެން ދަރިފުޅު ޖޯޖުގެ ހާލު ރަނގަޅެވެ.

މި ހާދިސާ ހިނގި ވަގުތު ހޮސްޕިޓަލްގެ ބޮޑު ބަޔަކުން ކަރަންޓު ގޮސްފައިވާތީ، އަންހެނުން ވިއްސަން ޖެހުނީވެސް މާ ބޮޑު އަލިކަމެއް ނެތި ކަމަށް އެޑްމަންޑު ބުންޏެވެ. އަދި މިފަދަ ބިރުވެރިކަމެއްގެ ތެރޭގައި ވެސް ސަލާމަތުން އަންހެނުން ވިއްސައިދިން ނަރުހުންނާއި ޑޮކްޓަރުންނަށް އޭނާ ވަނީ ސޯޝަލް މީޑީއާ މެދުވެރިކޮށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

ބެއިރޫތުގައި މިދިޔަ އަންގާރަ ދުވަހު ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި މީހުންގެ އަދަދު 200 އަށް އަރާފައިވާއިރު، އެ ހާދިސާގައި 6000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

މި ހާދިސާގެ ސަބަބުން ލުބުނާނަށް އަރައިނުގަނެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިވެ، އެ ޤައުމުން ވަނީ ބައިނަލްއަޤްވާމީ އެހީއަށް އެދިފަ އެވެ. އަދި އދ. އާއި ފަރަންސޭސީވިލާތުން އިސް ނަގައިގެން ލުބުނާނަށް ބޭނުންވާ މާލީ އެހީ ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ގިނަ ޤައުމުތަކަކުން ބައިވެރިވެ، އެހީގެ ގޮތުގައި 398 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *