Support Us

އެފްރިކާގައި ފްރާންސް މީހުންތަކެއް ގަޔަށް ބަޑިޖަހާ މަރާލައިފި

އެފްރިކާގެ ހުޅަނގުގެ ޤައުމެއް ކަމަށްވާ ނައިޖަރގައި ފްރާންސް މީހުންތަކެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި އެވެ.

އޭއެފްޕީއަށް މަޢުލޫމާތުދެމުން ނައިޖަރގެ ތިލަބޭރީ ސަރަހައްދުގެ ގަވަނަރ ތިޖާނީ އިބްރާހިމް ވިދާޅުވީ އިއްޔެ މެންދުރުގެ ވަގުތެއްގައި މި ހަމަލާ ދީފައިވަނީ އެ ޤައުމުގެ ޓުއާގައިޑެއް ފްރާންސްގެ ހަ މީހުން ގޮވައިގެން ދަތުރުކުރި އެއްގަމު އުޅަނދަކަށް ކަމަށެވެ. އަދި އެ ހަމަލާގައި އުޅަނދު ދުއްވަން އިން ޑްރައިވަރާއި ޓުއާގައިޑު ވެސް ވަނީ މަރުވެފަ އެވެ. ގަސްތަކުގެ ތެރެއިން ސައިކަލުގައި ބަޑި ހިފައިގެން ނިކުތް މި މީހުންނަކީ ކޮންބައެއް ކަމެއް އަދި ހޯދިފައި ނުވާއިރު އެ ހަމަލާގެ ޒިންމާވެސް އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެ އެވެ.

ބޯކޯ ހަރަމް އަދި އަލްޤައިދާ ފަދަ ހަނގުރާމަވެރި ޖަމާޢަތްތައް ހަރަކާތްތެރިވާ އެ ސަރަހައްދުގައި ޓެރަރިޒަމްގެ ބިރު އޮތް ކަމަށް ބުނެ ފްރާންސް ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަރުވި ފްރާންސް ހަ މީހުންނަކީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމަށްވާ އެކްޓަޑްގައި މަސައްކަތް ކުރަމުންދިޔަ ބައެއް ކަމަށް އެ ޖަމާޢަތުން ކަށަވަރުކޮށްދީފައިވާއިރު، މި ހަމަލާއާ ގުޅިގެން ފްރާންސް ސަރުކާރުން ވަނީ އެ ޤައުމުގެ ރައްޔިތުން އެ ސަރަހައްދަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މި ހަމަލާއާ ގުޅިގެން ފްރާންސްގެ ރައީސް މެކްރޫން އާއި ނައިޖަރގެ ރައީސް މަޙްމޫދު އިސޯފޫ ފޯނުން ވާހަކަފުޅު ދައްކަވާފައި ވާކަމަށް ބުނެ ފަރަންސޭސީވިލާތުގެ ސަރުކާރުން ބަޔާނެއް ނެރިފައިވާއިރު، އެ ވާހަކަތަކުގެ ތަފްސީލު އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

މި ހަމަލާ މިހާރު ދަނީ ފްރާންސްގެ އެހީއާ އެކު ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *