Support Us

ރިޔާސީ އިންތިހާބު 2023:

ޚާއްސަ އިންޓަވިއު: ސައޫދީ ސަރުކާރުގެ ބައިވެރިވުމާއެކު ސަލްމާން މިސްކިތް ރަސްމީ އިއްޒަތުގައި ހުޅުވާނަން: ޑރ. މުއިއްޒު

ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކޮށް، މި ސަރުކާރުން ބޭނުންކުރަން ފެށިތާ ވެސް ދެ އަހަރާ ކައިރިވެފައިވާ ކިންގް ސަލްމާން މިސްކިތް، އެމަނިކުފާނުގެ ވެރިކަމެއްގައި ރަސްމީ އިއްޒަތުގައި ހުޅުވިގެންދާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"އަދިވެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޑރ. މުއިއްޒި ވިދާޅުވީ ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި މާލޭ އިރުމަތީ ފަރާތުގައި ބިނާކުރި ބިޔަ، ބޮޑު މިސްކިތް، މާދަމާގެ ވޯޓުން އެ މަނިކުފާނަށް ރައީސްކަން ލިބިވަޑައިގެންފި ނަމަ ރަސްމީކޮށް ހުޅުއްވާނީ ސައުދީ ސަރުކާރުގެ ބައިވެރިވުމާއެކު ކަމަށެވެ.

ސަލްމާން މިސްކިތުގެ މަސައްކަތް ފެށިގެން ދިޔައީ ރައީސް ޔާމީނުގެ ވެރިކަމުގައި 2017 ވަނަ އަހަރުގައެވެ. ދެ އަހަރެއްހާ ދުވަހުގެ މަސައްކަތުން މިސްކިތް ނިންމައި މިދިޔަ އަހަރު އޭޕްރީލް މަހުން ފެށިގެން ބޭނުންކުރަމުން އައި ނަމަވެސް، މިސްކިތް ރަސްމީކޮށް ނުހުޅުވަނީ ސައުދީ ވަފުދަށް ރާއްޖެ ޒިޔާރަތް ނުކިރެވިގެން ކަމަށް މި ސަރުކާރުން އަންނަނީ ބުނަމުންނެވެ.

"އަދިވެސް" އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ޑރ. މުއިއްޒު ހޯމަ ދުވަހު ވިދާޅުވީ، ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ލަސްވަމުންދާ ސަބަބެއް ކަމުގައި އެމަނިކުފާނަށް ލަފާފުޅުކުރެއްވެނީ "މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން" ކަމަށެވެ.

"އަޅުގަނޑުމެންނަކީ މުސްލިމުން. އަރަބި އިސްލާމީ ގައުމުތަކާ، ތާރީޚީ ގޮތުންވެސް ވަރަށް ގާތް ބައެއް. އެކަމަކު މި ފަސް އަހަރު ތަންކޮޅެއް ބީރަށްޓެހިކޮށް މިދަނީ. (މިއީ) އެންމެންނަށް ފެންނަން އޮތް ހަގީގަތެއް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރެއްގައި ޚާރިޖީ ސިޔާސަތު ގެންގުޅުއްވުމުގައި ޒަމާނުއްސުރެ ރާއްޖޭގައި އޮތް ޢަރަބި އިސްލާމީ ގައުމުތަކާ އެކު ދެމެހެއްޓި ގާތް ގުޅުން އުފައްދައި އެ ޕޮލިސީ އަނބުރާ ގެންނަވާނެ ކަމުގައިވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ސަލްމާން މިސްކިތަކީ ރައީސް ޔާމީނާއި ކިންގް ސަލްމާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން ރައީސް ޔާމީނުގެ އެދިވަޑައިގަތުމަށް ރަސްގެފާނު ދެއްވި ހަދިޔާއެއް ކަމުގައި ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އެ މިސްކިތް ސައުދީ ސަރުކާރުގެ ފުރިހަމަ ބައިވެރިވުމާއެކު ރަސްމީ އިއްޒަތުގައި އެމަނިކުފާނަށް ހުޅުއްވާނެ ކަމުގައިވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މާދަމާ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް