Support Us

ޑރ. މުހައްމަދު މުއިއްޒު "އަދިވެސް" އަށް ހާއްސަ އިންޓަވިއު ދެއްވަނީ --އަދިވެސް ފޮޓޯ: މަރިޔަމް ރާނިޔާ
ރިޔާސީ އިންތިހާބު 2023

ޚާއްސަ އިންޓަވިއު: ތިލަމާލެ ބްރިޖްގެ މަސައްކަތް ނިންމުމުގައި ކޮންޓްރެކްޓަރުގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްގެންގޮސް މަސައްކަތް ނިންމާނަން: ޑރ. މުއިއްޒު

މި ސަރުކާރުން ކުރިއަށް ދެންދަން ފަށައިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ "ތިލަމާލެ ބްރިޖް"ގެ މަސައްކަތް ނިންމުމުގައި ކޮންޓްރެކްޓަރުގެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންގޮސް މަސައްކަތް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައިވާ ބުރިޖުގެ މަޝްރޫއު އެގްރީމެންޓާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ، އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގެ ދެވަނަ ބުރުން ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ ތިލަމާލެ ބުރިޖް މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ވިސްނުންފުޅަކީ ކޮބައިތޯ "އަދިވެސް އޮންލައިން"ގެ ފަރާތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ "އެ އެގްރީމެންޓް ބަލައިފައި އޭގައި އެއްވެސް ކަހަލަ މައްސަލަތަކެއް ހުރިއްޔާ ރަނގަޅުކޮށްގެން ކުރިއަށްދާން ބޭނުން" ކަމުގައެވެ.

ޑރ. މުއިއްޒު ހޯމަ ދުވަހު "އަދިވެސް" އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ވިދާޅުވީ މި ސަރުކާރުން ފަށައިފައިވާ "ތިލަމާލެ ބްރިޖް" މަޝްރޫއު މުޅިން ބަދަލުކޮށްލައިގެން މުޅިން އާގޮތަކަށް ފަށައިގަތުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ ދައުލަތަށް އެންމެ ބުރަ އުފުލަން އެންމެ ކުޑަ ގޮތަކަށް، އެ ލިބޭ ބާރޑަން (އުނދަގޫ) އެންމެ ކުޑަވާނެ ގޮތަކަށް ކުރިއަށްދާން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން ފަށައި އަދި ދިގު ދެމިގެންގޮސްފައިވާ "ތިލަމާލެ ބްރިޖް" މަޝްރޫއު ނިންމުމުގައި އެއްބަސްވުމަށް ބަދަލުތައް ނުގެނެސް ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި މިހާތަނަށްވެސް އެ އެގްރިމެންޓް ފެނިފައިނުވާތީ އެކަމުގެ ނުތަނަވަސްކަން މާލޭ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުއިއްޒު ފާޅުކުރެއްވިއެވެ.

"ނޭނގޭ ޓެރެޓެރީއަކަށް މިވަންނަން މިޖެހެނީ. އެގްރީމެންޓް ނޭނގޭތީވެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

"ތިލަމާލެ ބްރިޖް" މަޝްރޫއު ކުރިއަށްގެން ގޮސް ނިންމުމުގައި ދައުލަތަށް ގެއްލުންވާނެ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް އެސެޓެއް، ބޮޑު ފަޅެއް ކަހަލަ ތަނެއް ދޭން އެއްބަސްވެފައި އޮތް ކަމުގައި ވާނަމަ އެ ކަންކަން ބަދަލުކުރައްވާނެ ކަމުގައިވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެފަދަ ނުތަނަވަސް ކަމެއް ނެތް ނަމަ އެއްވެސް ބަދަލެއް ނުގެނެސް އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް