Support Us

ރިޔާސީ އިންތިހާބު 2023

މުސާރަ ބޮޑުކޮށް، އިތުރު ޑެސްޓިނޭޝަންތައްވެސް ހުޅުވިގެންދާ ގޮތަށް އައިލެންޑް އޭވިއޭޝަން ހަދައިދޭނަން: ޑރ. މުއިއްޒު

ބަނގުރޫޓުވުމާ ކައިރިވެފައިވާ އައިލެންޑް އޭވިއޭޝަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސަރުކާރެއްގައި ނަގައި ކޮޅަށް ޖަހައި މުސާރަ ބޮޑުކޮށް، ޓޫރިޒަމްގެ މައި ޑެސްޓިނޭޝަންތަކަށާއި އިތުރު ޑެސްޓިނޭޝަންތައްވެސް ހުޅުވިގެންދާ ގޮތަށް ހައްދަވައިދެއްވާނެ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރާއްޖޭގެ އެންމެ ދެކުނުގެ ފަސް ރަށަށް ކުރަމުންގެންދާ ދަތުރުގައި ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސޯދު ނަގާ ކޮޅަށް ޖެހުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސަރުކާރެއްގައި އިންޑަސްޓްރީތައް ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއްދީފައި އޮންނާނެ ކަމަށާއި އެގޮތުން ޓޫރިޒަމް ދާއިރާ ފުޅާކުރުމަށް ވައިގެ ދަތުރުފަތުރުތައް އިތުރު ކުރައްވައި ޤައުމީ އެއަރލައިންގެ އިތުރު މަތިންދާބޯޓުފަހަރު ހޯއްދަވާނެ ކަމަށެވެ.

"އަލުން ސީދާ ފުލައިޓްތައް ބޭރު ޤައުމުތަކަށް، އަޅުގަނޑުމެންގެ ޓޫރިޒަމްގެ މައި ޑެސްޓިނޭޝަންތަކަށް އަދި އިތުރު ޑެސްޓިނޭޝަންތައްވެސް ހުޅުވިގެންދާ ގޮތަށް ވައިޑް ބޮޑީ އާއި ނެރޯ ބޮޑީ އެއާކްރާފްޓްތައް އަލުން ގެނެސް ޤައުމީ އެއާލައިނަކީ ދިވެހިން ފަޚުރުވެރިވާ ފަދަ އެއާލައިނަކަށް އަނެއްކާވެސް ހަދައިދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ ކުރިމަގަށް ގެނެވޭ މި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޓޫރިޒަމް ދާއިރާއަށް އެންމެ ބޮޑު ޚިދުމަތެއް ކޮށްދޭ އެއް ބަޔަކީ އޭވިއޭޝަން އިންޑަސްޓްރީ ކަމަށާއި އެހެންކަމުން އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހެޔޮ ގޮތްތައް ހޯއްދަވައިދެއްވައި، މިހާރު ކުރިމަތިވެފައިވާ ތަފާތުކުރުންތައް ނައްތާލައްވާނެ ކަމުގައި ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް މިންގަނޑުތަކާ އެއްގޮތަށް އެ ކުންފުނީގެ އޮނިގަނޑާއި މުސާރަޔާއި އިނާޔަތްތަކާ މި ކަންކަން ބައްޓަންކޮށްދީ އިންސާފު ގާއިމްކޮށްދޭނަން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 282،809 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރު ވެގެން ވޯޓުލުމުގެ ހައްގު އަލަށް ލިބޭ 414 ޒުވާނުން ހިމެނެއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 587 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލެ ސަރަހައްދުގައި ބަހައްޓާ 187 ފޮއްޓާއި އަތޮޅުތަކުގައި ބަހައްޓާ 319 ފޮއްޓާއި ރިސޯޓާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި ޖަލުތަކުގައި ބަހައްޓާ 73 ފޮއްޓާއި ބޭރުގެ ފަސް ގައުމެއްގައި ބަހައްޓާ އަށް ފޮއްޓެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިނގިރޭސިވިލާތާއި، ޔޫ.އޭ.އީ އާއި މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް