Support Us

ރިޔާސީ އިންތިހާބު 2023:

އެއްވެސް ކުންފުންޏެއް އުވައެއް ނުލާނަން: ޑރ. މުޢިއްޒު

ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ ބައެއް ކުންފުނިތައް އުވާލާނެ ކަމަށް ބުނެ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ފަތުރާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި އެއްވެސް ކުންފުންޏެއް އުވާނުލައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީއާއި ޗެނަލް 13 ގުޅިގެން ރޭ ގެނެސްދިން "އާސްކް މުޢިއްޒު" ލައިވް ޕްރޮގްރާމްގައި މީހަކު ކުރި ސުވާލެއްގައި، ސެޕްޓެމްބަރު 30ގެ ވޯޓަށްފަހު ޑރ. މުޢިއްޒަށް ވެރިކަން ލިބިވަޑައިގެންފިނަމަ ފެނަކަ ކޯޕަރޭޝަން އުވާލާން ނިންމާފައިވާ ކަމަށް ބުނާ އަޑު އިވިފައިވާތީ ކަންބޮޑުވުން ފާޅުކޮށް ސުވާލުކުރިއެވެ. އެ އަންހެން މީހާގެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ބައެއް ކުންފުނިތައް އުވާލާނެ ކަމަށް ބުނެ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ވާހަކަތައް ޤަބޫލު ނުކުރުމަށެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅަކީ ކުންފުނިތައް ހަރުދަނާ ކުރެއްވުން ކަމަށާއި އޭގެ މާނައަކީ ކުންފުންޏެއް އުވާލުން ނޫން ކަމަށެވެ. އަދި ކުންފުނިތައް ރީ-ސްޓްރަކްޗަރ ކުރުމުގައި ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ ވަޒީފާވެސް ނުގެއްލޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރާ ދިމާކޮށް އެމަނިކުފާނޭ ކިޔައިގެން ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދޮގުހެދުން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ރައްޔިތުން އެފަދަ ވާހަކަތައް ޤަބޫލުކުރުމުގެ ކުރިން ހަޤީޤަތް ދެނެގަތުމަށް އިލްތިމާސްކުރެއްވިއެވެ.

"ހަމަ ކޮންމެ ރަށަކަށް ދިޔައިމާ މި ބުރުގަ (ދެވަނަ ބުރުގެ ކެމްޕެއިނަށް) މި ދެވުނު 31 ރަށުގެ ތެރޭން ހަމަ ފަންސަވީހަކަށް ރަށުގައި ހަމަ އެ ސުވާލު. ޕޯޑިއަމަށް އަރާ ވާހަކަ ދައްކާއިރުގައި މި ވާހަކައަށް އެއްޗެއް ބުނެލައްޗޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެއްވެސް ކުންފުންޏެއް އުވައެއްނުލާނަން. އަދި އެއްވެސް ވަޒީފާއަކުން ވަތްކެއްވެސް ނުކުރާނަން. ހިންގާ މަޝްރޫއެއް ހުއްޓައެއް ނުލާނަން. މި ތިން ކަންތައް ތަކުރާރުކޮށް އަޅުގަނޑު މިހާރު ކޮންމެ ރަށެއްގައި އެބަ ބުނަންޖެހޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މިފަދަ ދޮގު ވާހަކަތައް ދައްކައިގެން މިކުރާ ކަމަކީ އެމަނިކުފާނަށް ވެރިކަން ލިބުނަ ނުދޭން، ރައްޔިތުންނަށް އޮޅުވާލައި ބިރު އުފެއްދުން ކަމުގައި ޑރ. މުއިއްޒު ފާހަގަކުރެއްވިއެވެ.

"ހަޤީޤަތެއް ނެތް ދޮގު ވާހަކަ ފަތުރައިގެން ހަމަ ބިރު އުފައްދަނީ، ބިރު އުފައްދަނީ،" ޑރ. މުއިއްޒު ތަކުރާރު ކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޑރ. މުއިއްޒު ދަތުރުކުރެއްވީ މި މަހު 9 ގައި އޮތް ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެވެ. އެއީ 46.6 ޕަސެންޓެވެ. ޑރ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 50 ޕަސަންޓަށްވުރެ މަތިން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބުމުން، 17 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ޑރ. މުއިއްޒާއި ރައީސް ސޯލިހާ ދެމެދު ދެ ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *