Support Us

ފަރަށް އަރާފައިވާ ބޯޓަކުން އިންޑިއާ ކަނޑަށް ތެޔޮ ލީކުވާތީ ކުއްލި ހާލަތު އިޢުލާންކޮށްފި

ފަރަށް އަރާފައިވާ ބޯޓަކުން ތެޔޮ ލީކު ވަމުންދާތީ އިންޑިއާ ކަނޑުގައި އޮންނަ މޮރީޝަސްގައި ތިމާވެށީގެ ކުއްލި ހާލަތު އިޢުލާންކޮށްފި އެވެ.

މި ހާދިސާއާއި ގުޅިގެން ކުއްލި ހާލަތު އިޢުލާން ކުރައްވައި، މޮރީޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ވިދާޅުވީ ފަރަށް އަރާފައިވާ ބޯޓު ފުންކުރުމުގެ ޤާބިލުކަން އެ ޤައުމަށް ލިބިފައިނުވާ ކަމަށެވެ. އަދި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ކުޑަކުޑަ ޖަޒީރާ ޤައުމަށް މިފަދަ ހާދިސާއަކުން އަރައިގަންނަށް ދަތިވާނެ ކަމަށް ވިދާޅުވެ، ޖަގްނައުތު ވަނީ ފަރަންސޭސީވިލާތުގެ އެހީއަށް ޓްވިޓަރ މެދުވެރިކޮށް އެދިވަޑައިގެންފަ އެވެ. އަދި މިކަމާ ގުޅިގެން ފަރަންސޭސީވިލާތުގެ ރައީސް އިމަނުއެލް މެކްރޯން ވަނީ އެ ޤައުމަށް އެހީ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ހަތަރު ހާސް ޓަނުގެ ތެޔޮ ހިފައިގެން ޗައިނާއިން ބްރެޒިލް އަށް ދަތުރުކުރަމުންދިޔަ މި ބޯޓު މޮރީޝަސް ކައިރިން ފަރަށް އަރާފައި ވަނީ މިދިޔަ މަހު 25 ގަ އެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން އެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބޮޑު ސަރަހައްދަކަށް ވަނީ ތެޔޮ ލީކުވެފަ އެވެ.

ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ގޮނޑުދޮށާ ހަމައަށް ވަނީ ތެޔޮ ދައުރުވެފަ އެވެ. އެފަދަ ބޯޓެއް ފަރަށް އަރާ އެހާ ދުވަސް ވީއިރު މޮރީޝަސް ސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވަނީ ކީއްވެތޯ އެ ޤައުމުގެ ރައްޔިތުންނާއި ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ވަނީ ސުވާލުކޮށްފަ އެވެ. މިކަމާ ގުޅިގެން މޮރީޝްސްގެ އެންވާރަމަންޓް މިނިސްޓްރީން ބުނީ ބޯޓުން ތެޔޮ ޕަންޕުކުރުމުގެ މަސައްކަތް އެތައް ފަހަރެއްގެ މަތިން ކޮށްފައިވީ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައި ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، ބޯޓަށް އިތުރު ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރުހީވެފައިވާއިރު، މޮރީޝަސްގެ ރައްޔިތުންނާއި ތިމާވެށި ހިމާޔަތްކުރާ ޖަމާޢަތްތަކުން ވަނީ ތެޔޮ ލީކުވާ ސަރަހައްދުގައި ހުރި ރަށްތަކުން އެތައް ގަހަކާއި، ޅަ ކަހަނބުތައް މައިބިމަށް ގެންގޮސްފަ އެވެ.

ބޯޓުގެ ވެރި ފަރާތް ކަމުގައިވާ ޖަޕާނުގެ ނަގާޝިކީ ޝިޕިންގުން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ތެޔޮ ލީކުވާން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމުން ކަމަށެވެ. އަދި މިކަން ހައްލުކުރުމުގައި އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މޮރީޝަސްގެ ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *