Support Us

ރިޔާސީ އިންތިހާބު 2023:

އުމަރުގެ ތަފާތު ކެމްޕޭނާއި ސަޕްރައިޒް ނަތީޖާ: ހަތަރު ވަނަ ހޯދީ އެއް ލައްކަ ރުފިޔާ ވެސް ހަރަދުނުކޮށް

އުންމީދުކުރި ވަރަށް ވޯޓު ނުލިބުނަސް، ހިތް ލިބިއްޖެ: އުމަރު

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މާލެއާއި ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ފެނުނީ ތަފާތު މަންޒަރުތަކެކެވެ. ގިނަ ކެންޑިޑޭޓުން ކެމްޕޭނަށް ކުރި ބޮޑު ހަރަދެވެ. މަގުތަކާއި ގޯޅިތަކުގައި އެތައް ހާސް ޕޯސްޓަރެއް ތަތްކުރިއެވެ. އަދަދު ނޭނގޭހާ ގިނައިން ދިދަފަތިތަކާއި ބެނާތައް ދަމައި، މާލެ އާއި ރަށްރަށުގެ އެކި ތަންތަންކޮޅުގައި ޖަގަހަތައް ހުޅުވިއެވެ. ކުލަކުލައިގެ ޓީޝާޓްތަކާއި ތޮފިތަކާއި ކުޑަތަކާއި ފުއްޕާހަންތައް ބެހިއެވެ. ތާއީދު ހޯދުމަށްޓަކައި ތުރާކުނުން ފެށިގެން އައްޑޫއަށް ކެންޑިޑޭޓުން ދަތުރުތައް ކުރުމުގައި ދެތިން މަހެއްހާ ދުވަސް ހޭދަކުރިއެވެ. ހާއްސަ މީޑިއާ ކަވަރޭޖަށް ނޫސްތަކާއި ޓީވީތަކުން ބޮޑު އަގުގައި ޕެކޭޖްތައް ގަތެވެ. ކުރު ގޮތަކަށް ބުނާ ނަމަ ކެމްޕޭނަށް މިލިއަނުން މިލިއަނުން ހަރަދުކުރިއެވެ.

ނަމަވެސް އުމަރު ނަސީރު ތަފާތެވެ.

އެއްވެސް ރަށެއްގައި އުމަރުގެ ޖަގަހައެއް ނެތެވެ. އެއްވެސް ޕޯސްޓަރެއް ނެތެވެ. ދިދަފަތިތަކެއް ނެތެވެ. އޭނާ ގެންގުޅުއްވީ މަދު ބެނާކޮޅެކެވެ. މަދު ޓީޝާޓްކޮޅެކެވެ. އެއްވެސް މީޑިއާއަކުން ޕެކޭޖެއް ނުނަންގަވައެވެ. ވަޑައިގަތީ އެންމެ ހަތަރު ރަށަކަށެވެ. އެވެސް އެންމެ ދެތިން ދުވަހުގެ ދަތުރެކެވެ. މުޅި ކެމްޕޭނަށް ހަރަދު ކުރެއްވީ ލައްކައެއްހާ ރުފިޔާއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި ރިޔާސީ އިންތިހާބުގައި އުމަރާއެކު އަށް ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އޭގެ ތެރޭގައި ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީ.ޕީ.އެމްގެ ރައީސް ޔާމީންގެ ބަދަލުގައި ވާދަކުރައްވާ މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ ކާނަލް މުހައްމަދު ނާޒިމާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި ވާދަކުރައްވާ އިލްޔާސް ލަބީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލްގެ ދެކަނބަލުންނެވެ.

"ރިޔާސީ ބަހުސް" ލައިވްގައި އުމަރު ވާހަކަ ދައްކަވަނީ

ސެޕްޓެމްބަރު 9ގެ އިންތިހާބުގެ ނަތީޖާ އިއުލާންކުރިއިރު، ފެނިގެންދިޔައީ ހައިރާންކުރުވަނިވި ނަތީޖާއެކެވެ. އެންމެ ބޮޑު ހައިރާންކަމަކީ ސަރުކާރުގެ ބާރާއި ވަސީލަތްތަކާއެކު ކެމްޕޭނު ކުރައްވައި، ވައުދު ފުއްދެވުމުގެ ނަމުގައި މާލެ އާއި ރަށްރަށުން ގޯއްޗާއި ފްލެޓާއި ވަޒީފާތައް ބައްސަވައި، އެތައް ރަށެއްގައި އެއާޕޯޓާއި ބްރިޖާއި ބަނދަރުގެ ވައުދު ވެވަޑައިގެންނެވި ރައީސް ސޯލިހު ފަހަތަށް ޖައްސަވައި، ޑރ. މުއިއްޒު ކުރި ހޯއްދެވުމެވެ. ޑރ. މުއިއްޒު ކެމްޕޭނު ކުރައްވަމުން ގެންދެވީ ޖަލުގައި އޮންނެވި ރައީސް ޔާމީނުގެ ސިޔާސަތުތައް ވިއްކަވައި، އެ މަނިކުފާނުގެ ތަރައްގީގެ ލެގަސީ ދެމެހެއްޓެވުމުގެ ވައުދާއެކުގައެވެ.

ދެވަނަ އަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ފާއިތުވި ތިން ރިޔާސީ އިންތިހާބުގެވެސް "ކިންގް މޭކަރަކަށް" ހުންނެވި، އަމިއްލަ ޓީވީ ސްޓޭޝަނަކާއި އެތައް މަތިންދާބޯޓަކާއި އެތައް ލޯންޗުފަހަރަކާއި އެތައް ރިސޯޓަކާއި އެތައް ވިޔަފާރިއެއް ހިންގަވާ ރާއްޖޭގެ އެންމެ ބޮޑު މަހުޖަނަށްވުރެ 828 ވޯޓު އިތުރަށް ހޯއްދަވައި، ހަތަރު ވަނަ މަގާމު އުމަރު އަތުލެއްވުމުންނެވެ. ކެމްޕޭނަށް އެތައް މިލިއަނެއް ހަރަދުކުރެއްވި ކަމަށް ބެލެވޭ ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ ފަސް ވަނައެވެ. އެއީ 5،495 ވޯޓެވެ. އުމަރު 6،323 ވޯޓު ހޯއްދެވިއެވެ. މިއީ ގިނަ ބަޔަކަށް އެންމެ ބޮޑު ހައިރާންކަމެއް ގެނުވި ނަތީޖާކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

"ހައްލަކީ އުމަރު" އަދި "އުމަރާއެކު އާ މިސްރާބަކަށް" މި ދެ ސްލޯގަންގައި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު މައިގަނޑު ގޮތެއްގައި ވަކާލާތު ކުރެއްވީ ރާއްޖެއިން ޑްރަގްގެ ވަބާ ނައްތާލުމަށާއި ގޭންގުތައް ރޫޅާލުމަށާއި ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށާއި މީހުން މެރުމާއި ކުށްކުރުން ހުއްޓުވުމަށް އިސްލާމީ ޝަރީއަތުގައި ހިފުމަށާއި ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށާއި ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށް ފުދުންތެރިކަން އިތުރު ކުރުމަށެވެ.

"ކިތަށް ފަހަރަށްތޯ އޭ ދިވެހިން ތިޔަބުނާ މަޑުމައިތިރި މީހުން އިންތިހާބުކޮށްގެން ރާއްޖޭގައި ކަންކަން އިތުރަށް ބޮއްސުންލާން ދޫކޮށްލާނީ؟ މަގުތަކުގެ އަމާންކަން ކޮބައިތޯ؟ މީހުން މަރަމުން ގެންދަނީ މަގުތަކުގައި. މަސްތުވާތަކެތި ވިއްކަމުން ގެންދަނީ މަގުތަކުގައި. މަގުތަކުގައި ސަލާންޖަހާ މީހުން ސަލާންޖަހަނީީ. ސްލޫލްތަކުގައި އެއްވެސް އަހުލާގެއް ނެތް. ހުރިހާ އެއްޗެއް ރޫޅިއްޖެ. އަޅުގަނޑުމެންގެ ދަރަނި އިންތިހާއަށް ބޮޑުވެއްޖެ. ކޮރަޕްޝަން ބޮޑުވެއްޖެ. ތިބުނާ މަޑުމައިތިރި ކަމުން ލިބުނީ ކޮން ނަތީޖާއެއްތޯ؟" ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވި ކެންޑިޑޭޓުންނަށް ދައުވަތުދީގެން، ދައުލަތުގެ މީޑިއާ، ޕީ.އެސް.އެމުން ގެނެސްދިން "ރިޔާސީ ސިޔާސަތު" ލައިވް ޕްރޮގްރާމްގެ މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެން އުމަރު ވިދާޅުވިއެވެ.

މި ސިޔާސަތުތަކާއެކު، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައިގެން އުމަރަށް ރައްޔިތުންގެ މިހާ ބޮޑު ތާއީދެއް ލިބުނީ ކީއްވެގެންތޯ އެއީ ބައެއް މީހުން ކޮށްފާނެ ސުވާލެކެވެ. ނަމަވެސް އެ ސުވާލަށް އުމަރު ދެއްވަނީ ވަރަށް ފަސޭހަ ޖަވާބެކެވެ.

"މިއީ ވަރަށް އެކްސެލަންޓް (ފުރިހަމަ) ނަތީޖާއެއް. (އެކަމަކު) އަހަރުން ހީކުރި ވަރަށްވުރެ ތަންކޮޅެއް ދަށް. އަހަރުމެންގެ ޓާގެޓަކީ ތިން ވަނަ. އަހަރުމެންގެ މެސެޖް ވަރަށް ޕަވަފުލްކަން އެނގޭ ޑޭ ވަން އިން ފެށިގެން. އަހަރުމެން ޕުޝްކުރާ އެޖެންޑާއާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް އެއް އިރެއްގައިވެސް. އަދިވެސް އަހަރުމެން އަތުގައި ފަންޑު ހުރެއްޖެއްޔާ ދިވެހިރާއްޖޭގެ މޭޖަރ ޕޮލިޓިކަލް ޕާޓީތައް ފޫއަޅާނެ ރީއްޗަށް އަހަރުމެންގެ އަތުން. ރިސޯސް (ފައިސާ އާއި ވަސީލަތްތައް) ނެތީމާ ނުކުންނަ މައްސަލަ މި ނުކުތީ އަސްލުގައި. އެކަމަކު އަހަރުމެން މިހާރު އެއޮތީ އެސްޓެބްލިޝްކޮށްފައި ރާއްޖޭގެ ތިން ވަނަ ޕޮލިޓިކަލް އައިޑިއާއެއް. އެއީ ވަރަށް ރަނގަޅު ކުރިއެރުމެއް. މިހާރު އެއްވެސް މީހަކަށް ޑިސްޕިއުޓެއް ނުކުރެވޭނެ މި ޕޮލިޓިކަލް އައިޑިއާއާ ދޭތެރެއަކުއެއް. ބައެއް މީހުން ލައިކް ވިޔަސް ނުވިޔަސް މިއީ ޕޮލިޓިކަލް އައިޑިއާއެއް މިހާރު،" މިދިޔަ ހޮނިހިރު ދުވަހުގެ އިންތިހާބަށްފަހު މީޑިއާއަކަށް ދެއްވި ހަމައެކަނި އިންޓަވިއު "އަދިވެސް" އަށް ދެއްވަމުން އުމަރު މިއަދު ވިދާޅުވިއެވެ.

"ގާސިމް ތިން ވަނަ ޕޮޒިޝަންގައި ހުރިއިރުވެސް އޭނާއަކީ އައިޑިއާއެއް ނޫން އަސްލުގައި. އޭނާގެ ކޮންޓްރާސްޓެއް ނެތް. އެހެން މީހުންނަކާ ތަފާތެއް ނެތް އޭނާގެ އައިޑިއާއަކު. ހަމަ އެއް ވާހަކައެއް ދައްކައި، އެއް ގޮތަކަށް އަމަލުކުރާ ވަހަކަ ދައްކަނީ. ތަފާތު ގޮތަކަށް ނޫން ވާހަކަ ދައްކަނީކީ. އެހެންވެ ރާއްޖޭގެ ޕޮލިޓިކަލް މައިދާނުގައި ފުރަތަމަ ފަހަރަށް މިއީ ރާއްޖޭގައި ތިންވަނަ އައިޑިއާއެއް ސާފުކޮށް އެސްޓެބްލިޝްކުރެވުނު. އެސްޓެބްލިޝްކުރެވިއްޖެކަން ޔަގީންވަނީ އެއްވެސް ލާރިއެއް ނުލައި މިކަން ކުރީމަ. މީހުން ބޮލުގައި، އެ މީހުން އަމިއްލައަށް މީތި ނަގައިގެން، އެ މީހުންގެ ކޮނޑަށް ލައިގެން ހިނގީމަ."

އުމަރު ވިދާޅުވީ އޭނާ ހުންނެވީ ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ ވިސްނުމާއެކު ކުރިއަށް ވަޑައިގަންނަވަން ކަމަށެވެ.

"ލަކުޑިގަނޑަކަށް މޮހޮރެއްވެސް ނުވަންނާނެ އެއްފަހަރު ޖަހައިގެނެއް. ޖަހަންޖެހޭނެ ތިން ހަތަރު ފަހަރަށް. އެހެންވެ މި އައިޑިއާ ޖެހޭނެ 2028ގައި އަދި 2032ގައި ވެސް އަންނަން. އައިމާ މި އައިޑިއާ ވިންވާނެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. ކޮން އިރަކުންހޭ ވިންވާނީ އެއީ ހަމައެކަނި ސުވާލަކީ. އެހެންވެ ރާއްޖޭގެ ޕޮލިޓިކަލް މައިދާނުގައި ފުރަތަމަ ފަހަރަށް މިއީ ރާއްޖޭގައި ތިންވަނަ އައިޑިއާއެއް ސާފުކޮށް އެސްޓެބްލިޝްކޮށްލެވުނީ."

އުމަރުގެ ކެމްޕޭނު ހަރަކާތެއްގައި އަނބިކަނބަލުން ޝާޒްލީ (މ) ބައިވެރިވެވަޑައިގަންނަވަނީ -އަދިވެސް ފޮޓޯ:

އުމަރު ވިދާޅުވީ އޭނާގެ ކެމްޕެއިނަށް ހަރަދުކުރެވިފައި ހުންނާނީ ލައްކައެއްހާ ރުފިޔާ ކަމަށެވެ.

"އެއް ލައްކަ ރުފިޔާ ދެއްކިން އިލެކްޝަނަށް. ދެން ސީދާ ކެމްޕެއިނަށް ހަރަދުކުރެވިފައި ހުންނާނީ ލައްކައެއްހާ ރުފިޔާ. ފައިސާ ނެތީމަ ހަރަދު ނުކުރެވުނީ،" އުމަރު ވިދާޅުވިއެވެ.

ކެމްޕެއިންގައި އުމަރު ދަތުރު ކުރެއްވީ މާލެއާ ވަރަށް ކައިރި ހަތަރު ރަށަކަށެވެ. އެއީ ވ. ފެލިދޫ، ކެޔޮދޫ އަދި ފުލިދޫ އަށާއި އދ. ދަނގެއްޗަށެވެ. ލޯންޗެއް ކުއްޔަށް ހިއްޕަވައިގެން އެއް ދުވަހުގެ ދަތުރެއްގައި ވ. އަތޮޅަށް ވަޑައިގަތީ 19 މެމްބަރުންގެ ޓީމަކާއެކުގައެވެ. އަދި ލޯންޗު ފެރީއެއްގައި ދަނގެއްޗަށް ވަޑައިގަތީ 12 މެމްބަރުންގެ ޓީމަކާއެކުގައެވެ. އެއީ ދެ ދުވަހުގެ ދަތުރެކެވެ.

އުމުރުން 56 އަހަރުގެ އުމަރުގެ ކެމްޕޭނުގައި ފެނިގެންދިޔަ އަނެއް ކަމަކީ ކެމްޕޭނު ހަރަކާތްތަކުގައި އަނބިކަނބަލުން އައިިޝަތު ޝާޒްލީ ބައިވެރިވެގެން އުޅުއްވާ ތަން އެކަންޏެއް ނޫނެވެ. އުމަރުގެ ހަމައެކަނި ކާފަ ދަރިފުޅު، އުމުރުން 11 މަހުގެ ޢާޒު ވެސް، ކެމްޕޭނު ޓީޝާޓުގައި ފެނުމުންނެވެ. "ހައްލަކީ އުމަރު" ކަމަށް އެހެން ޓީޝާޓުތަކާއި ބެނާތަކުގައި ހުއްޓަސް ޢާޒު ބުނަނީ އެހެނެއް ނޫނެވެ. "ހައްލަކީ ކާފަ" ކަމަށެވެ.

އުމަރުގެ ކެމްޕޭނު ޓީޝާޓުގައި ކާފަ ދަރިކަލުން ޢާޒް -ފޮޓޯ: އުމަރު އެފް/ބީ

އުމަރުގެ ކެމްޕޭނު ބެނާތައް ތައްޔާރުކުރީ، ކެމްޕޭން ޓީމުން އަމިއްލައަށެވެ. އެއީ މީހަކު ދިން ފޮތިތަކެއްގައި އަމިއްލަ އަށް ތައްގަނޑު ޖަހައިގެން ކަމަށް އުމަރު ވިދާޅުވިއެވެ. މި ގޮތުން 120 ބެނާ ތައްޔާރުކުރި ކަމަށް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑު ޕޯސްޓަރެއް، ކެންވަސްއެއް، ލީފްލެޓް ޕްރިންޓެއް ނުކުރަން. ލީފްލެޓްކޮޅެއް ފޮޓޯކޮޕީ ހަދައިލައިގެން މާލޭގައި ބަހާލިން،" އުމަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް އުމަރު ވަނީ ސޯޝަލް މީޑިއާގައި ވެސް ވަރުގަދަ ކެމްޕޭނެއް ހިންގަވައިފައެވެ. އޭނާގެ ފޭސްބުކް ވެފައި ވަނީ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ މީހުން ބެލި އަދި ފޮލޯކޮށް ޝެއާކުރި މަންސައަށެވެ. ފޭސްބުކްގައި އުމަރު ވަނީ ވަރަށް ގިނަ ލައިވްތައް ކުރިއަށް ގެންދަވައިފައެވެ.

ނެއިބަހުޑް ބައްދަލުވުމެއްގައި އުމަރު ޕިކަޕެއްގައި ވާހަކަ ދައްކަވަނީ -އަދިވެސް ފޮޓޯ:

މީގެ އިތުރުން އެހެން ކެންޑިޑޭޓުންނާ ހިލާފަށް އުމަރުގެ ކެމްޕޭނުގައި ޕިކަޕްގައި މާލެއާއި ހުޅުމާލޭގެ މަގުތަކަށް ނުކުންނަވައި، އޭނާގެ ސިޔާސަތު ފާޅުކުރެއްވިއެވެ. ޕިކަޕްގައި މިގޮތަށް އެންމެ ފުރަތަމަ ނުކުންނެވީ އުމަރެވެ. ފަހުން ޑިމޮކްރެޓްސްގެ ކެމްޕޭނުގައި ރައީސް މުހައްމަދު ނަޝީދު ވެސް ޕިކަޕްގައި މާލެތެރެއަށް ނުކުންނެވިއެވެ. އުމަރު ވަނީ މާލޭގެ ހަނި މަގުތަކުގައި ބައިސްކަލް ބުރެއްވެސް ޖައްސަވައިވައެވެ.

"ރޯޑް ރެލީ (ޕިކަޕް ބުރު) ޖެހިން ހައެއްކަ ދުވަހު. އަދި ބައިސްކަލްބުރެއް ވެސް ޖެހިން އެއް ދުވަހު. އޭގެ އިތުރުން ވަރަށް ގިނަ ނެއިބަހުޑް ބައްދަލުވުންތައް އެކިއެކި ގޯޅި ކަންކަންމަތީގަ އާއި ބާޒާރުމަތީގައި ބޭއްވިން. އެއީ ވަރަށް ސީދާކޮށް ރައްޔިތުންނަށް މެސެޖް ދެވޭ ގޮތެއް. ގިނަ މީހުންނަކަށް ނުކުރޭނެ އެގޮތަށް ރޯޑްރެލީ ބާއްވައި، ސީދާ ރައްޔިތުންނާ ވާހަކަ ދައްކާކަށް،" އުމަރު ވިދާޅުވިއެވެ.


އުމަރު ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި އޭނާ އެންމެ އުންމީދު ކުރެއްވި ވަރަށް "ވޯޓު ނުލިބުނަސް، "ރައްޔިތުންގެ) ހިތް ލިބިއްޖެ" ކަމަށެވެ. އެއީ 18 އަހަރު ވީ "ހައްލަކީ އުމަރު" ސިޔާސަތު ވިއްކެވުމަށް ލިބިވަޑައިގެންނެވި އިތުރު ހިތްވަރެއް ކަމަށެވެ. "އުމަރާއެކު އާ މިސްރާބަކަށް" ދަތުރުކުރުމަށް ލިބިވަޑައިގެންނެވި އިތުރު އުންމީދެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *