Support Us

ކޮވިޑްގެ ފުރަތަމަ ވެކްސިން ރަޝިއާއިން އުފައްދައި ރެޖިސްޓްރޭޝަން ފަށަނީ

ދުނިޔޭގެ ފުރަތަމަ ކޮވިޑް-19 ވެކްސިން ރަޝިއާއިން އުފައްދައި، އަންނަ ހަފުތާތެރޭ ރެޖިސްޓްރޭޝަން ފެށޭނެ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ރަޝިއާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރ އޯލެގް ގްރިޑްނޭވް ވިދާޅުވި ގޮތުގައި މޮސްކޯގެ ގެމެލެއި ސެންޓަރުން އުފެއްދި ކޮވިޑް-19 ވެކްސިން މި މަހުގެ 12 ވަނަ ދުވަހު ރެޖިސްޓްރީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ވެކްސިން ދިނުމުގައި އެންމެ އިސްކަމެއް ދޭނީ ދުވަސްވީ މީހުންނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް ވެސް ގްރިޑްނޭވް ވިދާޅުވި އެވެ.

ރަޝިއާގައި އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައި ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ފަށާނެ ކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓަރު މީކާއިލް މުރަޝްކޯ ވަނީ މިދިޔަ ހަފްތާ ތެރޭގައި އިޢުލާންކުރައްވާފަ އެވެ. ވެކްސިން ދިނުމުގެ ހުރިހާ ޙަރަދެއް އެ ޤައުމުގެ ސަރުކާރުން ހަމަޖައްސާނެ ކަމަށް ވެސް މުރަޝްކޯ ވަނީ ވިދާޅުވެފަ އެވެ.

ހުކުރު ދުވަހު ހެނދުނު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ގްރިޑްނޭވް ވިދާޅުވީ ވެކްސިންގެ އެންމެ ފަހުގެ މަރުހަލާ ކަމަށްވާ ޓެސްޓު ކުރުމުގެ މަރުޙަލާ މިހާރު ކުރިއަށްދާއިރު އެއީ ވަރަށް މުޙިއްމު މަރުހަލާއެއް ކަމަށެވެ. އަދި ވެކްސިން އަކީ ރައްކާތެރި އެއްޗަކަށް ވާންޖެހޭކަން ޤަބޫލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެކްސިންގެ ކްލިނިކަލް ޓްރައިލްތައް 38 މީހުންނާއެކު މޮސްކޯގެ ޔުނިވަރސިޓީއެއްގައި ފަށައިފައި ވަނީ ޖޫން 18 ގަ އެވެ. އަދި ޓެސްޓުގައި ބައިވެރިވި ހުރިހާ މީހުންގެ ފަރާތުން ވެސް އުއްމީދީ ނަތީޖާއެއް ލިބިފައިވާ ކަމަށް ރަޝިއާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

އެހާ އަވަސް މުއްދަތެއްގައި ރަޝިއާއިން ވެކްސިން ތައްޔާރުކޮށްފައި ވާތީ، ހުޅަނގުގެ ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑުކިޔައި، އެ ވެކްސިންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައިފަ އެވެ. ނަމަވެސް ރަޝިއާގެ އިސް ސައިންޓިސްޓެއް ކަމަށްވާ ވަޑީމް ޓެރެސޯވް ވިދާޅުވި ގޮތުގައި ވެކްސިން ހެދުމުގައި އެ ޤައުމުން ކުރިއަރާފައި ވަނީ، ފާއިތުވި 20 އަހަރު ތެރޭގައި ވައިރަސް ފެތުރޭ ގޮތްތަކާ މެދު ކޮށްފައިވާ ދިރާސާތަކުގެ އަލީގަ އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރައްކާތެރި ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާއިރު، މިހާތަނަށް 20 އަށްވުރެ ގިނަ ވެކްސިންގެ ކްލިނިކަލް ޓްރައިލްތައް ވަނީ ފަށައިފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން އުފެއްދި ވެކްސިންގެ ޓެސްޓުތަކުން އެދެވޭ ނަތީޖާއެއް ލިބިފައިވާ ކަމަށް އެ ޔުނިވަރސިޓީގެ ރިސަރޗަރުން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *