ފެނު އަޑީގައި އިނދެގެން އިންޑިއާގެ މީހަކު ހަ ރޫބިކްސް ކިއުބް ހައްލުކޮށްފި އެވެ. އިންޑިއާގެ ޗެންނާއީގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ 25 އަހަރުގެ އިލަޔަރަމް ސޭކަރު ވަނީ 2.7 މިނެޓުގެ ތެރޭގައި ފެނު އަޑީގައި އިނދެގެން ހަ ރޫބިކްސް ކިއުބް ހައްލުކޮށްފަ އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސޭކަރު ބުނެފައި ވަނީ އޭނާއަކީ އޭޝިއާ ސަރަހައްދުގައި މި ރެކޯޑު ބިންދާލަން މަސައްކަތްކުރި ފުރަތަމަ މީހާ އެވެ. އަދި އޭނާ މިކަން ކޮށްފައިވަނީ މި ޕެންޑެމިކް ތެރޭގައި ވެސް ކޮންމެ ކަމަކާވެސް ކުރިމަތިލުމުގެ ޝައުގު އޭނާގެ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށާއި، ކަންކަން ކުރުމަށް އެ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ފެނު އަޑީގައި ފަސް ރޫބިކް ކިއުބް ހައްލުކޮށްގެން 2014 ވަނަ އަހަރު އެމެރިކާގެ އެންތަނީ ބްރޫކްސް ވަނީ ގިނީސް ވަރލްޑް ރެކޯޑު ހޯދައިފަ އެވެ. ސޭކަރުގެ އުއްމީދަކީ އޭނާ މި ރެކޯޑު މުގުރާލައި، ރެކޯޑުފޮތުން ޖާގަ ހޯދުމެވެ. އިންޑިއާގެ މުމްބާއީގެ ރައްޔިތެއް ވެސް ވަނީ ފެނު އަޑީގައި އިނދެގެން ރޫބިކްސް ކިއުބެއްގެ ބާވަތެއް ކަމަށްވާ ޕިރަމިންކްސް ހައްލުކޮށްގެން ގިނީސް ބުކްސް އޮފް ވަރލްޑް ރެކޯޑުން ޖާގަ ހޯދާފަ އެވެ. ނަމަވެސް އެއީ ތިނެސްކަން ރޫބިކްސް ކިއުބެއް ކަމުން، އެ ރެކޯޑު ހިމެނެނީ އެހެން ކެޓަގަރީއެއްގަ އެވެ.
މީގެ އިތުރުން ވެސް ރޫބިކްސް ކިއުބް ބޭނުންކޮށްގެން ގިނަ ބަޔަކު ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެކިއެކި ރެކޯޑު ހޯދާފަ އެވެ. އޭގެ ތެރޭގައި ކަނު ބަނދެގެން 16.22 ސިކުންތު ތެރޭގައި ރޫބިކްސް ކިއުބް ހައްލުކުރި އޮސްޓްރޭލިއާގެ މީހަކާއި، އެންމެ އަވަހަށް ރޫބިކްސް ކިއުބެއް ހައްލުކުރި ހޮންގކޮންގ މީހެއްގެ އިތުރުން ބައިސްކަލު ދުއްވަމުން އެންމެ ގިނަ އަދަދެއްގެ ރޫބިކްސް ކިއުބް ހައްލު ކުރި އިންޑިއާގެ މީހެއް ހިމެނެ އެވެ.



advertisment