Support Us

ހީރޯޝީމާއަށް ދިން އެޓޮމިކް ބޮމުގެ ހަމަލާއަށް 75 އަހަރު

ޖަޕާނުގެ ހީރޯޝީމާއަށް ދިން އެޓޮމިކް ބޮމުގެ ހަމަލާއަށް 75 އަހަރުވުމާ ގުޅިގެން އެ ހަމަލާގައި މަރުވި މީހުންގެ ހަނދާނުގައި ބާއްވާ އަހަރީ ރަސްމިއްޔާތު މިއަދު ހެނދުނު ބާއްވައިފި އެވެ.

އެހެން އަހަރުތަކާ ޚިލާފަށް ކޮވިޑް-19އާ ގުޅިގެން މި އަހަރު ރަސްމިއްޔާތަށް ދަޢުވަތު ދީފައި ވަނީ ވަރަށް މަދު ބަޔަކަށެވެ. އޭގެ ތެރޭގައި މި ހަމަލާގައި ސަލާމަތްވި މީހުންނާއި، އެމީހުންގެ އާއިލާގެ ބައެއް މެމްބަރުންނާއި، ބޭރުގެ އިސް ވެރިން ހިމެނެ އެވެ.

ހީރޯޝީމާގައި ހުންނަ ޕީސް މެމޯރިއަލް ޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ކަޒޫމީ މަޓްސޫއީ ވިދާޅުވީ، އޮގަސްޓް 6، 1945 ގައި ދުނިޔޭގެ އެންމެ ފުރަތަމަ އެޓޮމިކް ބޮން އެ ސިޓީއަށް ވައްޓާލުމާއެކު މުޅި ސިޓީ ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި 75 އަހަރު ވަންދެން އެއްވެސް ދިރުމެއް ނުވާނެ ކަމަށް އޭރު ވާހަކަތައް ދެކެވިފައިވީ ނަމަވެސް، އެކަމުން އަރައިގަނެ، އެ ސިޓީ މިހާރު ރަމްޒުކުރެވިފައި ވަނީ ސުލްހަވެރިކަމުގެ ނިޝާނެއްގެ ގޮތުގައި އެވެ.

ރަސްމިއްޔާތުގައި އިތުރަށް ފާހަކަފުޅު ދައްކަވަމުން ކަޒޫމީ ވިދާޅުވީ މީގެ އެއް ގަރުނު ކުރިން، 1918 ވަނަ އަހަރު ކުރިމަތިވި ފްލޫ ޕެންޑެމިކްގައި އެތައް މިލިއަން މީހުން މަރުވެފައި ވަނީ އޭރު ދުނިޔޭ ޤައުމުތަކުން ކުރަމުންދިޔަ ފުރަތަމަ ބޮޑު ހަނގުރާމައިގެ ސަބަބުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެންމެން ގުޅިގެން އެޅުމަށް ނުކުޅެދިފައި ވުމުންނެވެ. އަދި އެއަށްފަހު އައި ދެވަނަ ބޮޑު ހަނގުރާމާގައި ވެސް އެތައް މިލިއަން ބައެއް ވަނީ މަރުވެފަ އެވެ. އެހެންކަމުން ތާރީޚުން އިބުރަތް ލިބިގަނެ، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ހުރިޔާ ރައްޔިތުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހީރޯޝީމާއަށް ދިން އެޓޮމިކް ބޮމުގެ ހަމަލާގައި 140،000 އަށްވުރެ ގިނަ މީހުން ވަނީ އެ އަހަރު ތެރޭގައި މަރުވެފަ އެވެ. އަދި ބޮމުގެ ސަބަބުން ކުރިމަތިވި ރޭޑިއޭޝަންގެ އަސަރުގެ ސަބަބުން ކުރިއަށް އައި އަހަރުތަކުގައި ވެސް އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. ހީރޯޝީމާއަށް ބޮން ވައްޓާލިތާ 3 ދުވަސް ފަހުން 1945 ގެ ދެވަނަ ބޮޑު ހަނގުރާމާގައި ޖަޕާނުގެ ނަގާސަކީއަށް ވެސް ވަނީ ބޮމެއް ވައްޓާލަފަ އެވެ. އެ ހަމަލާގައި 75،0000 މީހުން ވަގުތުން މަރުވެފައިވާ ކަމަށް ޖަޕާނުގެ ސަރުކާރުން ބުނެފައި ވެ އެވެ. އެމެރިކާއިން ދީފައިވާ މި ހަމަލާތަކަށް މިއަދާއި ހަމައަށް އެމެރިކާގެ އެއްވެސް ރައީސަކު ޖަޕާނުގެ ކިބައިން މަޢާފަށް އެދިފައެއް ނުވެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *