Support Us

ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. ޢަބްދުﷲ މަޢުޞޫމް

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަޤާމަށް ޑރ. ޢަބްދުﷲ މަޢުޞޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްކުރައްވައި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މިއީ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމާ ޑރ. މައުސޫމް ހަވާލުވެވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ.

ރައީސް ސޯލިހުގެ ކޯލީޝަން ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައި މިހާތަނަށް ހުންނެވި ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރު ކަމަށް މި ހަމަޖެއްސެވީ، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެ މަގާމުގައި ކުރިން ހުންނެވި އެ ޕާޓީގެ ރައީސް އަލީ ވަހީދު މިދިޔަ މޭ މަހުގެ 9 ގައި މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.

ޑރ. މަޢުޞޫމް މަޤާމުގެ ހުވައިކުރެއްވުމާއި، އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރެވެ. ހުވައިކުރެއްވުމަށްފަހު، ޑރ. ޢަބްދުﷲ މަޢުޞޫމް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ޑރ. މަޢުޞޫމް ވަނީ 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމާއި، 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައް ފުރުއްވާފައެވެ. އަދި، އެމަނިކުފާނު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ޑރ. މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ މި މަޤާމުތަކުން މިއަދު ވަކިކުރައްވާފައެވެ.

ޑރ. މަޢުޞޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބްރިމިންގްހަމް އިން ޑޮކްޓަރ އޮފް ފިލޮސޮފީ، އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް ޙާޞިލުކުރައްވާފައެވެ. އަދި މީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *