Support Us

ދެއްވަދޫގައި ކުރިއަށްދިޔަ ކޯޑި ކެނޑުމުގެ ހަރަކާތްތަކުގެ ތެރެއިން... -އަދިވެސް ފޮޓޯ: މައުމޫން އިބްރާހިމް ޕީ6

ދެއްވަދޫގައި މިފަހަރު ތަފާތު ކޯޑިއެއް

ބޮޑު އީދުގައި ކޯޑި ކެނޑުމަކީ ގއ. ދެއްވަދޫގައި ވަރަށް ފޯރީގައި އަދި ވަރަށް ސަގާފީކޮށް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް އީދު ކުޅިވަރާއި ކޯޑި ކެނޑުން ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. އެކަމަކު ދެއްވަދޫގެ ހަރަކާތްތެރިވަމުން އަންނަ ޒުވާން ޖަމިއްޔާއެއް ކަމުގައިވާ އައިލެންޑާސް އިން އިސް ނަގައިގެން މިފަހަރު ވަނީ އީދު ކޯޑިއާއި އީދު މަޅިއާއި މިއުޒިކްޝޯ އާއި އެހެނިހެން ކުޅިވަރުތައް އެ ރަށުގައި ވަރަށް ފޯރި ގަދަކަޮށް ބާއްވައިފައެވެ.

ދެއްވަދޫގައި ކުރިއަށްދިޔަ ކޯޑި ކެނޑުމުގެ ހަރަކާތްތަކުގެ ތެރެއިން… -އަދިވެސް ފޮޓޯ: މައުމޫން އިބްރާހިމް ޕީ6

އެންމެ ކުރީގައި ވެސް ކޯޑި ކަނޑާ އުޅުނު ގޮތަށް މި ޢީދުގައި އެކަން ކުރިއެވެ. ނަމަވެސް މިފަހަރުގެ ކޯޑި ކުޑަކޮށް ތަފާތެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ކޯޑި ކެނޑި މީހާ ސާފުކުރީ އޭނާގެ މަންމައާއި މައިދައިތަގެ އިތުރުން ފަހަރިންނެވެ. އަދި ހަވީރުވުމުން ނަލަ ހައްދައިގެން ރަށުތެރޭ ހިންގިއިރު އެންމެ ކައިރީގައި ހުރީ ކޯޑި ކެނޑި މީހާގެ އަންހެނުންނެވެ. މުޅި ރަށުތެރޭގައި އަންހެންވެރިން ބެރުޖަހައި ލަވަކިޔަމުން ނަށަމުން ދިޔައިރު ކޯޑި ކެނޑި މީހާގެ ބޯމައްޗަށް އޭނާގެ އަންހެނުން ކުޑަ ނަގައިގެން ހުރި މަންޒަރު ވެގެންދިޔައީ ވަރަށް ހިތްގައިމު މަންޒަރަކަށެވެ.

ދެއްވަދޫގައި ކޯޑި ކުޅިވަރު ކުޅެއުޅޭ ގޮތާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކޯޑި ކެނޑުން އޮންނަ ގޮތް ކޮންމެވެސް ވަރަކަށް ތަފާތެވެ. އެރަށުގައި ކޯޑި ކުޅިވަރު އޮންނަ ގޮތަކީ، އެންމެ ފުރަތަމަ ދުވަހު ފިރިހެނުން ކޯޑި ތައްޔާރުކޮށް، ކޯޑި ހިފައިގެން ބެރާއި ލަވަޔާއި ދަނޑިޖެހުމާ އެކީ ރަށުތެރޭ ހިނގާނީއެވެ. މިހެން ހިނގަމުން ގޮސް އިރުއޮއްސެން ކައިރިވުމުން އަންހެންވެރިން ކޯޑި ހަލާކުކުރަން ދިމާކުރާނެއެވެ. މިވަގުތު ފިރިހެންވެރިންގެ އެންމެ މުހިންމު ކަމަކަށް ވާނީ އަންހެންވެރިންގެ އަތުގައި ކޯޑި ނުޖައްސައި ކޯޑި ސަލާމަތުން ގެންގޮސް ދިގު ރުކެއްގައި އެލުވުމެވެ. ރުކުގައި ކޯޑި އެލުވާއިރުވެސް އަންހެންވެރިން އެކަމަށް ހުރަސްއަޅާނެއެވެ.

ކޯޑި އެލުވުމަށްފަހު ފިރިހެންވެރިން ރުއްދަށުގައި ޑިއުޓީ ބަހައިގެން ފޯރިއަށް ތިބޭނެއެވެ. މިދަނޑިވަޅުގައި އަންހެންވެރިން، ފިރިހެނުންގެ ތެރެއިން މީހަކު ހޯދައިގެން އެމީހާ ރުކަށް އަރުވައި، ކޯޑި ކަނޑަނީއެވެ.

ކޯޑި ކެނޑުމުގެ ސަބަބުން، އެ މީހާ އަތުލައިގަނެ، ގައިގައި ކަޅުތެލާއި އެކި ވައްތަރުގެ ކުލަ ހާކައިގެން، ކުޑަކުދިން މާލި ހައްދައިގެން ފިރިހެންވެރިން ބެރުޖަހައި ލަވަކިޔަމުން ހިނގާނީ ޖެހިގެން އަންނަ ދުވަހު އެވެ. މެންދުރު ނަމާދަށް ބަންގި ގޮވުމުގެ ކުރިން ކޯޑި ކެނޑި މީހާ ގެންގޮސް ފަރުމަތީ ގަލެއްގެ މަތީ ބަހައްޓައެވެ. އެއަށްފަހު ފިރިހެންވެރިން އެއްގަމަށް އައުމުން އަންހެންވެރިން މޫދަށް އެރިގެން، ކޯޑި ކެނޑި މީހާ ބަލައިދެއެވެ. ދެން އޭނާ އެއްގަމަށް ގެނެސް ސާފުކޮށް ހަދާނީ އަންހެންވެރިންނެވެ.

ދެއްވަދޫގައި ކުރިއަށްދިޔަ ކޯޑި ކެނޑުމުގެ ހަރަކާތްތަކުގެ ތެރެއިން… -އަދިވެސް ފޮޓޯ: މައުމޫން އިބްރާހިމް ޕީ6

އެއަށްފަހު ހަވީރު ވުމުން ބެގީކޮށް، ޓައީ އަޅުވައި ނަލަހައްދައިގެން، އެމީހާ ގޮވައިގެން އަންހެންވެރިން ބެރުޖަހައި ލަވަކިޔަމުން ރަށުތެރޭ ހިނގައެވެ. ހިނގަމުން ގޮސް އިރުއޮއްސެން ކައިރިވުމުން ރަސްމީ އިއްޒަތުގައި އެމީހާގެ ގެއަށް ގެންގޮސްދޭނެއެވެ. މިހެން ދާއިރު ގިނަ އަދަދެއްގެ ލުއިކާނާ އާއި ދަޅާއި ބިސްކޯދު އޭނާއަށް ހަދިޔާކުރާނެއެވެ. ކޯޑި ކުޅިވަރު ނިމުމުން ކޯޑި ކެނޑި މީހާއަށް އަންހެންވެރިންގެ ފަރާތުން ފައިސާގެ އިނާމެއް ވެސް ދޭނެއެވެ.

މިއީ ދެއްވަދޫގައި މިކަން ކޮށްއުޅޭ ގޮތެވެ. މުޅި ހުވަދު އަތޮޅުގައި ވެސް އެންމެ ފޯރިއާ އެކީ ކޯޑި ކުޅެނީ ދެއްވަދޫގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1371
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *