އަންނަ ފިތުރު އީދުދުވަސް ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކުލަގަދަކޮށް ފާހަގަކުރުމަށް އާބަންކޯ އިން ނިންމައިފިއެވެ.
އަރބަންކޯ އިން ބުނީ "ކުޑަގިރި އީދު ފެސްޓު"ގެ ނަމުގައި ފާހަގަކުރާ މި އީދު ފޯރީގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ހިލޭ އަރައި ފޭބޭނެ ކަމަށެވެ. އަދި ރަށުގައި ތަފާތު ކުޅިވަރުތައް ހިމެނޭ ކަމަށާއި އީދު ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަފާތު އެކި ހަރަކާތްތައް ރާވާފައިވާނެއެވެ.
އޭގެ ތެރޭގައި:
- ކުލަ ޖެހުން
- ކްރޮސްނެޓް ވޮލީބޯޅަ
- ކުޑަކުދިންގެ ކައިޓް ސެޝަން
- ރޮބޯމޭންގެ ހަރަކާތްތައް
- ބޮޑުމަސް ކޯޑި ކެނޑުން އަދި މާލި ހަރަކާތްތައް
- ބޮޑުބެރު، ދަފިނެގުން އަދި ދަނޑިޖެހުމާއި މާފަތި އަދި ބަނޑިޔާ ހަރަކާތްތައް
"ބިދަބިން ބޮޑުބެރުގްރޫޕުގެ ހުނަރުވެރިކަން ފެނިގެންދާ މި ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ދުވަހުގެ ހެނދުނު 8:30ން ފެށިގެން އިރު އޮއްސި 7:30 އާ ހަމައަށް ކުޑަގިރިއަށް ހިލޭ އަރާ ފޭބޭނެއެވެ. އަދި މި ގަޑިތަކުގައި ކުޑަގިރީގައި އުޅޭ މީހުންނަށް ޚާއްސަކޮށް ސްނެކްސް ލިބޭނެ ގޮތަށް ސްޓޯލްތައް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ." އަރބަންކޯ އިން ނެރުނު ބަޔާނެއްގައި ވެއެވެ.
"ހެނދުނާއި ހަވީރުގެ ކުޅިވަރު ހަރަކާތްތަކަށް ފަހު ކުޑަގިރި އީދު ފެސްޓު ނިންމާލަން ހަމަޖެހިފައި ވަނީ ގާލާ ނައިޓަކުންނެވެ. މި ގާލާގައި ބައިވެރިވުމަށް ކޮންމެ މީހަކު ވެސް 150ރ. ދައްކަން ޖެހޭނެއެވެ. މީގެ ތެރޭގައި އީދު ސްޕެޝަލް ގާލާ ޑިނާއެއްގެ އިތުރަށް ޑި ޓިއުން ބޭންޑާއި، ބިދަބިން ބޮޑުބެރު ގްރޫޕް ހަރަކާތްތަކުގެ އިތުރަށް ލޯކަލް އަދި އިންޓަނޭޝަނަލް އާޓިސްޓުންގެ އެކި ހަރަކާތްތައް ހިމެނިގެންދާނެއެވެ."
ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވިތާ ދެ މަސްވެފައިވާއިރު، ކުޑަގިރިއަށް ޒިޔާރާތްކުރި 10،000 ވަނަ މީހާ އިއުލާންކުރުން ވެސް މި ގާލާ ނައިޓްގައި އޮންނާނެ ކަމަށް އަރބަންކޯ އިން ބުނެއެވެ.