މި އަހަރުގެ ބޮޑު ޢީދުގެ އުފާ ހއ. ދިއްދޫގައި ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަމުން އެބަގެންދެއެވެ.
މިއީ ދިއްދޫގައި ޒަމާނުންސުރެ ފާހަގަކުރަމުން އަންނަ ޢީދުގެ ސަގާފަތް ދިރުވާ އާލާކުރުމުގެ ގޮތުން ދިއްދޫގެ ޗޭނު ޖަމްޢިއްޔާއިން އިސްނަގައިގެން ދިއްދޫގެ ޓީނޭޖު ބޯއީސް ސްޕޯޓްސް ކުލަބާއި ލައިކެންސް އަދި ރިއަލްޓީ ސްޕޯޓްސް ކުލަބުގެ ޒުވާނުން ބައިވެރިވެގެން ކުރިއަށްގެންދާ ޙަރަކާތްތަކެކެވެ.

އަހަރުތަކަކަށްފަހު ދިއްދޫގައި ދަފިނެގުމުގެ ހަރަކާތްތައްވެސް އަލުން ވަނީ ފަށައިފައެވެ. މިގޮތުން މިދިޔަ އާދިއްތަ ދުވަހު ރަށުގެ ފަސް ސަރަހައްދެއްގައި ކުރިއަށް ގެންދިޔަ ދަފި ނެގުމުގެ ހަރަކާތްތައް އާންމުންގެ ތަރުހީބު އިތުރުވުމާ އެކު ހޯމަ ދުވަހު ވެސް ރަށުގެ އިތުރު ފަސް ސަރަހައްދެއްގައި މި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ކޮންމެ ދުވަހަކުވެސް ރަށުގެ އެކި ސަރަހައްދުތަކުގައި ދަފިނެގުން ކުރިއަށް ދެއެވެ. ދަނޑިޖެހުމާއި މާފަތިޖެހުމުގެ ހަރަކާތްތައް ކުރިއަށްދާއިރު އެކި ވައްތަރުގެ މާލިތަކުގެ ނެށުންވެސް ފެނިގެންދެއެވެ. އަދި ވަކިވަކި ގޭގެއަށް ގޮސް ދަފިނަގައިދިނުންވެސް އޮވެއެވެ.
މީގެ އިތުރުން ރޭގަނޑު ސްޓޭޖުގައިވެސް ދައްކުވައިދިނީ ޘަގާފީ ހަރަކާތްތަކެވެ. އެގޮތުން ޒުވާނުންގެ ބޮޑުބެރުޖެހުމާއި ޒަމާނީ އެކި ލަވަތަކަށް ދަނޑިޖެހުމާއި ބަނޑިޔާޖެހުން، މާފަތިޖެހުން، ބޮޑު މަސްދުއްވުމާއި އަދި ހެއްވާ މަޖާ ޑްރާމާތަކެވެ. މީގެ ކުރިން ދުވަހަކުވެސް ދިއްދޫގައި ފޯރި ގަދަނުވާ ވަރަށް އީދުގެ ފޯރިގަދަވެފައި ވަނީ މިހުރިހާ ހަރަކާތެއްގައި ހަމައެކަނި ޒުވާނުން ފެނިގެންދާތީއެވެ.
މި ހަރަކާތްތައް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.



advertisment