...

Support Us

މަބުރޫކު 111

ފާއިތުވި ދެތިން ހަތަރު މަސް ދުވަހުގެ ތެރޭގައި ދިވެހިންނާ އެންމެ އެކުވެރި މޫނަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި މުހައްމަދު މަބްރޫކު އަޒީޒެވެ. މިދިޔަ މާޗު 7 ގައި ކޮވިޑް19 ރާއްޖެއިން ފެނުނު ފަހުން އެ ރޯގާއާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް މީޑިއާ އަށް ފޯރުކޮށްދިނުމުގައި ސަރުކާރުގެ ފަރާތުން ހަމަޖެއްސި ތަރުޖަމާނަކީ، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަމުގެ މަގާމުގައި ހުންނެވި މަބްރޫކެވެ. ކޮވިޑް19 އާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު މީޑިއާ މެދުވެރިކޮށް އާންމުނަށް ފޯރުކޮށްދެއްވުމަށް ރެއާއި ދުވާލު މަބްރޫކު ގެންދެވީ ޕްރެސް ކޮންފަރެންސްތައް ބާއްވަވަމުންނެވެ. ފުރަތަމަ ދުވަސްކޮޅު ދުވާލު ދެއިރު އެވެ.

ސަރުކާރުގެ 40 އަށް ވުރެ ގިނަ މުއައްސަސާ ހިމެނޭ ގޮތަށް އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނެއްގެ ގޮތުގައި މަބްރޫކް ހަމަޖެއްސުން ވެގެންދިޔައީ، ކަމާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ވަރަށް ފަސޭހައިން ލިބެން އެޅުނު ވަރަށް ވަރުގަދަ ފާލަމަކަށެވެ. ކޮންމެ ރެއަކުހެން ދަރުބާރުގޭގައި މީޑިއާތަކާއެކު ބައްދަލުކުރައްވަމުން ގެންދަވައި، އޭޕްރީލް 15 ގައި މާލެ ލޮކްޑައުންކުރުމުން ޖުލައި ފުރަތަމަ ދުވަހުގެ ރެއާ ހަމައަށް ޕްރެސްތައް ބޭއްވީ އޮންލައިންކޮށެވެ.

މިދިޔަ ހަތަރު މަސް ތެރޭގައި އެންއީއޯސީން ވަނީ 160 ޕްރެސް ބާއްވައިފައެވެ. ހުރިހާ ޓީވީތަކަކުންހެން ވަގުތުން ދައްކަމުންދިޔަ އެ ޕްރެސްތަކުގެ ތެރެއިން 111 ޕްރެސްގައި މަބްރޫކް ބައިވެރިވެވަޑައިގަތެވެ. އެ ޕްރެސްތަކުގައި 1،200 އަށް ވުރެ ގިނަ ސުވާލަށް މަބުރޫކު ޖަވާބުދެއްވިއެވެ. ރަސްމީ ޕްރެސްތަކުގެ ބޭރުންނާއި ނޫސްވެރިން ފަހުން ގުުޅައި 681 ސުވާލެއް ކުރުމުން މަބްރޫކު ވަނީ ޖަވާބު ހޯއްދަވައި، ނޫސްވެރިންނަށް ފޯރުކޮށްދެއްވައިފަ އެވެ.

މާލެ ލޮކްޑައުނަކަށް ގޮސް، ގެއިން ބޭރަށް ނުނުކުމެވި ހާސްކަމާއި ބިރުވެރިކަމުގައި އެންމެން ގޭގައި ތިބެން ޖެހުމުން، އެންމެނަށް ވެސް އަބަދުވެސް އިންތިޒާރުކުރެވެމުންދިޔައީ މަބްރޫކުގެ ޕްރެސް އޮންނާނެ ގަޑިއަކަށެވެ. ޓީވީތަކުން ވެސް ރަސްމީ ޕްރޮގްރާމެއް ނުދައްކަ އެވެ.

"މިރޭ މަބޫ ކޮން ގަޑިއެއްގަތަ؟" ވަރަށް ގިނަ މީހުން، އެ މީހުންގެ ވައިބަރ ގްރޫޕުތަކުގައި ވެސް އެ ސުވާލުކުރެއެވެ. ހަގީގަތުގައި އޭރު މަބްރޫކުގެ ޕްރެސް ވެގެންދިޔައީ، އެންމެން އަބަދުވެސް އިންތިޒާރުކުރާ "ކަސޯޓީ ޒިންދަގީ" އަށްވުރެ ވެސް މުހިންމު ޕްރޮގްރާމަކަށެވެ.

މަބްރޫކުގެ މަސައްކަތަށް އެންމެ ބޮަޑަށް ތައުރީފުކުރެއްވި އެއް ބޭފުޅަކީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެމަނިކުފާނު ވެސް ސިފަކުރެއްވި ގޮތުގައި އާންމުންނަށް ދުވަހުން ދުވަހަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކަކީ "ރައްޔިތުންނާއި ކަމާ ބެހޭ ފަރާތްތަކާ ދެމެދު އެޅުނު ބްރިޖެ"ކެވެ.

"އަޅުގަނޑުމެން މަސައްކަތުގެ ތެރެއަށް ބުރަކޮށް ގެއްލި، މަސައްކަތުގައި ދާއިރު، ހާސްކަމެއް ނެތް އެއްކަމެއް އޮވޭ. އެއީ މަބްރޫކްގެ މައުލޫމާތު ފޯރުކޮށްދިނުން. އެ ދުވަހެއްގެ މައުލޫމާތު ރައްޔިތުން އެދޭ މިންވަރަށް ފޯރުކޮށްދެވޭނެކަމާ މެދު އަޅުގަނޑުމެންގެ އެއްވެސް ޝައްކެއްނޯވޭ،" އަމީން ވިދާޅުވި އެވެ.

އެއީ ވަރަށް ވެސް ބޮޑު ތެދެކެވެ. މަބްރޫކުގެ ޕްރެސް އިން ވަރަށް ގިނަ މައުލޫމާތު ލިބުނެވެ. މީޑިއާގެ ބެކްރައުންޑެއް ނެތް ނަމަވެސް، ޕްރެސްތައް މެނޭޖްކުރެއްވީ ވަރަށް މޮޅަށެވެ. ހަމަހަމަކަމާއި އިންސާފާއެކުގަ އެވެ. ބައެއް ނޫސްވެރިން ހޫނުވެގެންދާ ބައެއް ހާލަތްތަކުގައި ވެސް އެހާމެ ކެއްތެރިކަމާއެކުގަ އެވެ. ކޮވިޑުން އަރައިގަނެ، އާ އާންމު ހާލަތަކަށް ރާއްޖެ ދިއުުމުން، ޓީވީތަކުން ކޮންމެ ރެއަކު ޕްރެސް ބަލަމުންދިޔަ އެންމެނަށް މިހާރު އެންމެ ބޮަޑަށް މިސްވާނީ މަބްރޫކެވެ. މަބްރޫކުގެ އަޑެވެ.

"އަޅުގަނޑަށް ވެސް ވަރަށް މިސްވޭ ޕްރެސް ކޮންފަރެންސްތައް. ލައިފް ބަދަލުވާނެ. އެހެން ނަމަވެސް އަދިވެސް ލުޔެއްނުވޭ. އެކަމަކު އެއީ ވަރަށް ބުރަ ދުވަސްތަކެއް،" މަބްރޫކު، 32، ވިދާޅުވި އެވެ.

މަބްރޫކަށް ޝުކުރިއްޔާ އެވެ! ގައި ދުރުކުރައްވާތި!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.