Support Us

ބޯޑަރު މައްސަލައިގައި އިންޑިއާ، ނޭޕާލްގެ "ޗާޓުގެ ހަނގުރާމަ"

އިންޑިއާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ސަރަހައްދީ އިމުގެ މައްސަލައަށް މިހާރު އެތައް ހަފްތާއެއް ވެފައިވާއިރު، އެ ޤައުމުން މިހާރު ވަނީ އަވަށްޓެރި ނޭޕާލާ އެކު ވެސް ސަރަހައްދީ އިމުގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އިންޑިއާ އާއި ނޭޕާލާ ދެމެދު އުފެދިފައިވާ މައްސަލަ ފެންމަތިވެފައި ވަނީ އެ ދެ ޤައުމު ގުޅޭ ކަލްޕާނީ ސަރަހައްދު ހުރަސްކޮށް ހިމާލިޔާ އަށް ދެވޭނެ މަގެއް އިފްތިތާހު ކުރިކަން މިދިޔަ މޭ މަހު، ނިއު ދިއްލީން އިޢުލާންކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ނޭޕާލްގެ އިދިކޮޅު ލީޑަރުންނާއި އަމިއްލަ ޖަމާޢަތްތަކުގެ އިތުރުން އެ ޤައުމުގެ މީޑިއާގެ ފިއްތުން ބޮޑުވެ، ނޭޕާލްގެ ބޮޑުވަޒީރު ކަގްދާ ޕްރަސާދު ޝަރްމާ އޯލީގެ ސަރުކާރުން ވަނީ އެ ޤައުމުގެ ސިޔާސީ ސަރަހައްދުތަކުގެ އާ ޗާޓެއް ނެރެފަ އެވެ. މި ޗާޓުން ދައްކާ ގޮތުގައި ކަލްޕާނީ، ލިޕުލެކް އަދި ލިމްޕިޔަދޫރާ ހިމެނެނީ އެ ޤައުމުގެ ސަރަހައްދީ އިމުގެ ތެރޭގަ އެވެ. އެކަމާ ދެކޮޅު ހަދާ، އިންޑިއާއިން ބުނެފައި ވަނީ އެ ޗާޓުގައި އިންޑިއާގެ ސަރަހައްދުތައް ހިމެނޭ ކަމަށެވެ.

އިންޑިއާ ނޭޕާލްގެ ސަރަހައްދީ އިމުގެ މައްސަލަ އެންމެ ފުރަތަމަ ފެށިފައި ވަނީ 2019 ވަނަ އަހަރު އިންޑިއާއިން ނެރުނު ސިޔާސީ ސަރަހައްދުތަކުގެ އާ ޗާޓުގައި އިންޑިއާގެ ސަރަހައްދެއްގެ ގޮތުގައި ކަލަޕަނީ އޮތުމުންނެވެ. މި މައްސަލައާ ގުޅިގެން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ރައްޔިތުން ވަނީ މަގުތަކަށް ނިކުމެ މުޒާހަރާކޮށްފަ އެވެ. ސަރަހައްދީ އިމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި ވާހަކަތައް ފެށުމަށް ބޮޑުވަޒީރު އޯލީގެ ސަރުކާރުން ވަނީ އިންޑިއާ އަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އިންޑިއާ އިން މިކަމަށް އިޖާބަދީފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އަރާރުން ބޮޑުވެ، "ޗާޓުގެ ހަނގުރާމަ" އެއް ވަނީ ފެށިފަ އެވެ. އަދި ނޭޕާލުން އަމަލުކޮށްފައި ވަނީ ޗައިނާގެ އެދުމުގެ މަތިން ކަމަށް އިންޑިއާގެ ސިފައިންގެ ވެރިޔާ ޖެނެރަލް މަނޯޖް މުކުންދް ނަރަވާނީ ވިދާޅުވުމާ ގުޅިގެން މި މައްސަލަ ވަނީ އިތުރަށް ހޫނުވެފަ އެވެ. ޖެނެރަލް ނަރަވާނީގެ މި ބަސްތަކަކީ އިންޑިއާ ސިފައިންގެ ލަޝްކަރުގައި ހަރަކާތްތެރިވަމުންދާ ނޭޕާލް ސިފައިންނަށް ރައްދުވާ ބޭއަދަބީ ބަސްތަކެއްގެ ގޮތުގައި ދެކޭކަން ނޭޕާލްގެ ޑިފެންސް މިނިސްޓަރ އީޝްވަރު ޕޮޚްރެލް ސިފަކުރެއްވި އެވެ. އިންޑިއާގައި ނޭޕާލްގެ 40،000 ހެއްހާ ސިފައިން ހަރަކާތްތެރިވެ އެވެ.

ލިޕުލެކްގެ އާ މަގު ހިމެނެނީ އިންޑިއާގެ ސަރަހައްދުގެ ތެރޭގައި ކަމަށް އިންޑިއާއިން ބުނެފައި ވީނަމަވެސް، ނޭޕާލުން ބުނަނީ މަގުގެ 17 ކިލޯމީޓަރު ހިމެނެނީ އެ ޤައުމުގެ ސަރަހައްދީ އިމުގެ ތެރޭގައި ކަމަށެވެ. އަދި މިކަމުގެ ހެއްކެއްގެ ގޮތުގައި އެ ޤަމުން ވަނީ އެ ސަރަހައްދުގައި އިނގިރޭސިވިލާތުގެ އިސްތިއުމާރީ ވެރިކަން އޮތް ދުވަސްވަރު އެކުލަވާލާފައިވާ ސައުގާލީ މުއާހަދާ ދައްކައިފަ އެވެ.

ދެ ޤައުމުގެ ދެމެދުގައި ކުރިމަތިވެފައި އޮތް ސަރަހައްދީ އިމުގެ މައްސަލަ ހައްލުކުރަން ދެ ފަރާތުން ވާހަކަތައް ކުރިއަށް ނުގެންގޮސް ދިގުދެމިގެންދާ ނަމަ، ދެ ޤައުމުގެ ދެމެދުގައި މިހާރު އުފެދިފައިވާ ރުޅިވެރިކަން ދާއިމީ ކަމަކަށްވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ހީނަރުވެގެން ގޮސްދާނެ ކަމަށް ކަމާބެހޭ މާހިރުން ދެކެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އިންޑިއާގެ ބިން ކުޑައީތަ؟ ހުރިހާ ތަނެއް ބައްކުރަން އުޅޭ ނުލަފާ މަކަރުވެރި ބައިގަނޑެއް. މި ގޮތެއް ފޮތެއް ނެތް ނާތަހުޒީބު ގުންޑާއިންގެ އުނގަށް މި ރާއްޖޭގެ ސަރުކާރު ވެއްޓިގަނެގެން މި އުޅެނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *