އިންޑިއާގެ ހޯމް މިނިސްޓަރ އަމިތް ޝާހް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ޕޮސިޓިވް ވިކަން އިޢުލާންކޮށް ކުރެއްވި ޓްވީޓުގައި އަމިތް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ކަމަށެވެ. އަދި އޭނާގެ ހާލު މިވަގުތު ރަނގަޅު ނަމަވެސް، ހޮސްޕިޓަލުގައި އެޑްމިޓްވެފައި ވަނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާއިތުވި ދުވަސްތަކުގެ ތެރޭގައި އޭނާއާ ކޮންޓެކްޓުވި މީހުން އެކަހެރިވެ، ކޮވިޑަށް ޓެސްޓު ކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އިންޑިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކުރާ ގޮތުގައި އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އެންމެ ގާތް އެކަކު ކަމަށްވާ އަމިތު އަށް މިހާރު ދަނީ ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.
ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި މިހާތަނަށް 1.7 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާރު، މި ބަލީގައި މިހާތަނަށް 37 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.



advertisment