Support Us

އީސާ މޫސާ އާއި އިސްމާއިލް މޫސާ (ވ) ފޮޓޯ އަކަށް މަޑުކޮށްލައިގެން. -އަދިވެސް ފޮޓޯ: މަޖީދު

ކާށިދޫ އީސާ މޫސަ އާއި އިސްމާއިލް މޫސަގެ މަދަހަތަކުގެ ރިމިކްސް ތައްޔާރުވަނީ

ހުކުރުން އައިސް ރޭޑިއޯ ހުޅުވާލައިފި ނަމަ އޭރު އެންމެ ގިނައިން އިވޭނީ ކ. ކާށިދޫ އިސްމާއިލް މޫސާ އާއި އީސާ މޫސާގެ އަޑުން ގެނެސްދޭ މަދަހައެއްގެ ވާހަކައެކެވެ. އެ ދެބެންގެ ވަރަށް ރީތި މަދަހަތައް ރޭޑިއޯއިން އާދެ އެވެ. އެކަމަކު އެންމެ ބޮޑަށް ހަނދާންވަނީ ކީރިތި ރަސޫލާއާ ބެހޭ ގޮތުން ކިޔައިފައިވާ ހިތްގައިމު މި މަދަހަ އެވެ.

"އިތުރު ރަސޫލާ، ފާޅުވި ޠާހާ، އެންމެ ވިދާ އަލި ނޫރު މާތް، ފެންނަނީ އަލިވި ޒަމާނޭ، ދުނިޔެއިން ސާފު ނިޝާން."

އެ ކަހަލަ ކިތަންމެ މަަދަހައެއް އެ ދެބެން ރެކޯޑުކުރި އެވެ. ބައެއް މަދަހަ ރެކޯޑުކުރީ މާލެ އައިސް، ކުރީގެ ރޭޑިއޯ މޯލްޑިވްސްގަ އެވެ. އަނެއް ބައި މަދަހަ، ރަށުގަ އެވެ.

ރޭޑިއޯ އިން އިވޭ، "އިތުރު ރަސޫލާ…" މަދަހަ ރެކޯޑުކޮށްފައި ވަނީ ކެސެޓް ރެކޯޑަރަކަށް ކެސެޓް ރޯލެއް ލައްވައިގެން، ކާށިދޫގަ އެވެ. އެއީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ކުރީކޮޅު އެވެ.

"އެއީ އޭރު އެކަން ކުރާ ގޮތް އަޅުގަނޑުމެން،" އިސްމާއިލް މޫސާ ކިޔައިދިނެވެ.

އިސްމާއިލް މޫސާ ބުނާގޮތުގައި، އޭނާގެ އުމުރުން މިހާރު 77 އަހަރު ވީއިރު، ދުވަހަކު ވެސް އަދި އެއްވެސް މީޑިއާއަކަށް އިންޓަވިއުއެއް ދީފައެއް ނުވާނެއެވެ. އެކަމަކާ އެއްވެސް ބަޔަކު ނުވެސް އުޅެ އެވެ.

"މިގޮތަށް ވާހަކަ ދައްކާ ފުރަތަމަ ފަހަރު މިއީ،" ކާށިދޫގައި ދިރިއުޅޭ އިސްމާއިލް މޫސާ "އަދިވެސް" އަށް ދިން އިންޓަވިއުއެއްގައި އިއްޔެ ބުންޏެވެ.

ގިނަ މީހުންނަށް ނޭނގުނު ނަމަވެސް އެއީ މުޅިން ވެސް ލަވަ އާއި މިއުޒިކްގެ އާއިލާއެކެވެ.

"އިތުރު ރަސޫލާ…" އެއީ ކާށިދޫ މަރުހޫމު އަލީ ރިޒާގެ ހިތްގައިމު ޅެމެކެވެ. ރިޒާ އަކީ އިސްމާއިލް މޫސާ އާއި އީސާ މޫސާގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.

(ކ-ވ) އީސާ މޫސާ، އިސްމާއިލް މޫސާ، އިމާދު އިސްމާއިލް، މަޖީދު އިސްމާއިލް އަދި ޖިނާން -އަދިވެސް ފޮޓޯ

ރިޒާގެ އިތުރުން މި ދެ މޫސަ އަކީ ވެސް ކާށިދޫ ކަތީބު ކަލޭފާނުގެ ދަރިންނެވެ؛ އިސްމާއިލް މޫސާއަކީ މިއުޒިކް ކުޅުންތެރިޔާ މަޖީދު އިސްމާއިލާއި މަޝްހޫރު ލަވަކިއުންތެރިޔާ އިމާދު އިސްމާއިލްގެ ބައްޕަ އެވެ. އަދި މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އުނޫޝާގެ ކާފަ އެވެ.

އީސާ މޫސާ އަކީ ކުރިން މެޒޯ ބޭންޑުގައި ލަވަކީ އަބްދުﷲ ޖިނާން އާއި އަހުމަދު ރިޝްވާންގެ ބައްޕަ އެވެ.

ކާށިދޫ މުޝްތަރީ ކްލަބަކީ ދެ މޫސަގެ ބޭބެ ކަމަށްވާ މަރުހޫމް ހަސަން ޒާހިރު އިސްކޮށް ހުރެ އުފެއްދި ގްރޫޕެކެވެ. އެ ގްރޫޕުގައި އެ އާއިލާގެ ހުރިހައި ފިރިހެނުން ހަރަކާތްތެރިވެ އެވެ. ކޮއްކޮ ހުސެއިން މޫސާ އަކީ މިއުޒިކާއި ލަވަތައް ހެދުމުގައި އިސްކޮށް އުޅޭ މީހާ އެވެ. އެންމެ ދޮށީ ބޭބެ، މަރުހޫމު އަލީ ރިޒާ އަކީ ހުރިހައި ޅެމެއް ހަދާ މީހާއެވެ.

ކާށިދޫ މުޝްތަރީ ކްލަބަކީ ލަވަ އާއި މިއުޒިކުގައި ވަރަށް މަޝްހޫރުކަން ހޯދި ކްލަބެކެވެ. އެއީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ކުރީ ކޮޅުގައެވެ. މިއުޒިކް ޝޯތައް ބާއްވަން މާލެވެސް އައެވެ.

ހިންދީ އާއި ދިވެހި އެކިއެކި ނެށުންތަކާއި ޑްރާމާތައް ހުށަހަޅައިދޭ ކުދިން ވެސް ހިމެނޭ މުޝްތަރީ ކްލަބު އެއްފަހަރު މާލެ އައީ ބޮޑުގަލްމާފަތްގޭގައި އޮތް ކާނިވަލެއްގައި ޝޯ ދޭށެވެ. އަނެއް ފަހަރު، ރައީސް ނާސިރުގެ އެދިވަޑައިގަތުމަކަށް ޝޯ ދޭށެވެ.

"ފަހު ދަތުރުގެ ފުރަތަމަ ޝޯ ބޭއްވީ ގަލޮޅުގައި ހުންނަ ރަންފަރުގެ ކިޔާ ގެއެއްގެ ކުރިމަތީ ހުރި ގެއެއްގައި. މަސްއޮޑި ހަސަންފުޅުގެ ގެ އެއީ. ޝޯ ކުޅެމުންދިޔައިރު ކެމެރާ ކުރަމުންދިޔައީ. ނާސިރު ބެއްލެވީ އޭގެން،" މާލޭގެ ގޭގޭގެ ނަންތައް ހަނދާން ނެތް ނަމަވެސް، ކުރީގެ ހަނދާންތައް އާކުރަމުން އިސްމާއިލް މޫސާ ކިޔައިދިނެވެ. "އެރޭ ޝޯ ބައްލަވާފަ ނާސިރު ވިދާޅުވިޔޯ ވަރަށް މޮޅޭ. ވަރަށް ރަނގަޅޭ. އެހެންވެ ޖެހިގެން އައި ރޭ ޝޯ ބޭއްވީ ހުރިހައި ވަޒީރު ބޭފުޅުންނަށް. އެ ޝޯ ބޭއްވީ ގަލޮޅު މައިޒާން ކުރިމަތީގައި ހުންނަ ގެއެއްގައި. ގ. އުތުރުގެހެން ހީވަނީ އެއީ. (ގަލޮޅު މައިޒާން ހުރީ މަޖީދީމަގު/ އަލިކިލިގެފާނުމަގު ޖަންކްޝަނުގައި، މިހާރު ލައިފްލައިން ބޭސްފިހާރަ ހުރި ތަނުގައެވެ.) އެ ގެއަށް ހުރިހައި ވަޒީރު ބޭފުޅުން ވަޑައިގެންނެވި. ޖެހިގެން އައި ރޭ ޝޯ ބޭއްވީ އޯޑިއޯން ސިނަމާގައި."

މިއުޒިކްގެ އިތުރުން، މައުލޫދު ކިއުމަށް ވެސް މުޝްތަރީ ކްލަބަކީ ވަރަށް މަޝްހޫރު ގްރޫޕެކެވެ. މުޝްތަރީ ކްލަބުން ކިޔަނީ "ތާނަ މައުލޫދެ"ވެ.

"ކުރިން ހުންނާނީ އަރަބި ބަހުން ހުންނަ މައުލޫދު ފޮތްފޮތް. ފަހުން ދިވެހި ބަހުން މައުލޫދު ފޮތް ހަދަން ފެށީ. އެއަށް ކިޔަނީ ތާނަ މައުލޫދު،" އިސްމާއިލް މޫސާ ކިޔައިދިނެވެ. "މާލެއިން އުތުރުގައި ނޯންނާނެ އަހަރުމެން މައުލޫދު ކިޔަން ނުދާ އެއްވެސް ރަށެއް."

ތާނަ މައުލޫދުގައި ވެސް މި އެންމެން ހަރަކާތްތެރިވެ އެވެ.

"މައުލޫދު ކިޔައިގެން ފައިސާތަކެއް ނުލިބޭ އަޅުގަނޑުމެންނަކަށް،" އީސާ މޫސާ އިތުރުކޮށްލި އެވެ.

މިއުޒިކް ތައްޔާރުކުރުމުގެ މަސައްކަތް އިމާދު ކުރަނީ

އުފާވެރި ޚަބަރަކީ މިއީ އެވެ. މުޝްތަރީ ކްލަބުގެ ފަރާތުން އިސްމާއިލް އަދި އީސާ މޫސާ އޭރު ރެކޯޑުކުރި މަދަހަތައް، މިހާރުގެ މިއުޒިކާއެކު އަލުން އުފެއްދުމުގެ މަސައްކަތް އެ މީހުންގެ ކުދިން މިހާރު ވަނީ ފަށައިފަ އެވެ. އެންމެ އިސްކޮށް ހުރީ އިމާދު އިސްމާއިލެވެ. ހަރުމެނިޔާ އާއި ބެރާއި ގިޓާ ފަދަ ހުރިހައި އިންސްޓްރޫމަންޓެއް ކުޅެނީ ލައިވްކޮށެވެ. އިމާދާއި މަޖީދެވެ. ރެކޯޑިން އެންޑް މިކްސިން އިންޖިނިއަރަކީ ޖިނާނެވެ. ޖިނާން ދާދި ފަހުން ވަނީ ސައުންޑް އިންޖިނިއަރިންއާ ބެހޭ ކޯހެއް ލަންކާ އިން ހަދައިފަ އެވެ.

"މި މަދަހަތައް މި ހަދަނީ ބައްޕަމެން ކިއުއްވާފައި ހުރި ސްޓައިލަށް، އެ ފީލަށް،" ކާށިދޫގައި ރެކޯޑިންގެ މަސައްކަތުގައި އުޅެމުން އިމާދު ބުންޏެވެ.

ރެކޯޑިން އާއި މިކްސިންގެ މަސައްކަތް ޖިނާން ކުރަނީ

މި މަދަހަ އަލްބަމް ނެރޭނީ ޅެންވެރިޔާ އަދި އިމާދުމެންގެ ބޮޑުބޭބެ އަލީ ރިޒާގެ ހަނދާނުގައި ނެރޭ އަލްބަމެއްގެ ގޮތުގަ އެވެ.

"ބޭބެގެ ޅެންތައް އެބަހުރި ހަތަރު ފޮތް ފުރެންދެން. އޭގެތެރެއިން ބައެއް ޅެން މި އަލްބަމުގައި މި ހިމަނާލަނީ. ދިވެހިރާއްޖޭގެ އަޑުން އަންނަ ހުރިހާ މަދަހައެއްގެ ރިމިކްސް މި ހަދަނީ މިހާރު. ހައެއްކަ މަސް ވެއްޖެ މަސައްކަތް ކުރާތާ. ލޮކްޑައުން އައީ ވެސް މި މަސައްކަތުގައި އުޅެނިކޮށް،" އިމާދު ބުންޏެވެ. "މި އަލްބަމް ނިންމައިފަ ވީހާ އަވަހަކަށް ނެރެވޭތޯ މި ބަލަނީ. ބޭބެ އަލީ ރިޒާގެ ހަނދާނުގައި މި އަލްބަމް ނެރޭނީ."

އިންތިޒާރު ކުރަމާ ހިނގާށެވެ. އެ މަސައްކަތަށް ފުރިހަމަ ކާމިޔާބީ އަކަށް އެދެމު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
671
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *