Support Us

ހުޅުމާލޭގައި ހިންގާ ބޮޑު ހަތަރު މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހުޅުމާލޭގައި ހިންގާ ހަތަރު މަޝްރޫއުއެއްގެ މަސައްކަތް ކުރުމަށް ހަތަރު ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފިއެވެ. މި ހަތަރު މަޝްރޫއުގައި ހިމެނެނީ ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތު މީހުންގެ އެކޮމޮޑޭޝަން ބިލްޑިންގަކާއި ވެހިކަލް މަރާމާތުކުރާ އޮޓޯ ސެންޓަރަކާއި ހަ ބުރީގެ ވެހިކަލް ޕާކިން ބިލްޑިންގަކާއި ހަ ބުރީގެ ޑޭކެއަރ ސެންޓަރެކެވެ.

މި މަސައްކަތްތައް ހަވާލުކުރީ ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާއި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕަރޭޝަނާއި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އެސޯސިއޭޓެޑް ބިޒްނަސް އޭޖެންޓްސް (އޭބީއޭ) އާއެއެވެ.

ވަރކަރސް ބިލްޑިންގް

އެޗްޑީސީން ތަރައްޤީކުރާ ވާރކަރސް ބިލްޑިންގަކީ ރާއްޖޭގެ އެކި ކުންފުނިތަކުން އެކި މަސައްކަތްތައް ކުރުމަށް ގެންނަ ބިދޭސީ މުވައްޒަފުންނަށް ރައްކާތެރި، ތަނަވަސް އެކޮމޮޑޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގާ މަޝްރޫއުއެކެވެ. މި ބިލްޑިންގް ފަރުމާކުރެވިފައިވަނީ 7،000 ލޭބަރުންނާއި 2،000 ހޮސްޕިޓަލިޓީ ސްޓާފުން އެކޮމޮޑޭޓް ކުރެވޭ 18 ބްލޮކް ހިމަނައިގެންނެވެ. މީގެ ކޮންމެ ބްލޮކެއްގައި ހަތަރު އަދި ހަ މީހުންގެ ޖާގައިގެ ކޮޓަރިތަކާއި ފާހާނާބަރިއަކާއި ނަމާދުގެ އަދި ފިހާރަ ހިމެނެއެވެ. މި ބިލްޑިންގްގައި ކިޗަން އަދި މެސް ހޯލު އެކަމަށް ހާއްސަކުރެވިފައިވާ ފުލޯތަކުގައި ހުންނާނެއެވެ. އަދި ބަދިގެ، ބޭކަރީ ފުޑް ސްޓޯރޭޖް އާއި މޭސްރޫމްތައްވެސް މި ބްލޮކްގައި ހިމެނެއެވެ. މި ބިލްޑިންގްގެ އޮފީސްތައް ފަސް ފުލޯއެއްގައި ވަކިވަކިން ހުންނާނެއެވެ. އަދި މިތަނުގައި ސެކިއުރިޓީ ރޫމާއި ކޮންފެރެންސް ހޯލް އަދި މެޑިކަލް ރޫމް ހިމެނެއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 14 މަސްދުވަސްތެރޭ ނިންމުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ހޮންގްކޮންގެ ރޯޓައިމް އިންޖިނައަރިންގް ޓެކްނޮލޮޖީ ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރ ޗިން ޝެންގްވޫއެވެ.

އޮޓޯ ސެންޓަރ

މާލޭގައި މިހާރު ހިންގާ ގަރާޖުތަކަކީ ކުޑަ ތަންތަނުގައި، އާއްމު ރައްޔިތުންގެ ގެތަކުގައި ހިންގޭ ގަރާޖުތަކަކަށްވެފައި މި ތަންތަނުގައި ވެލްޑު ކުރުމާއި ޓިންކަރިން ފަދަ މަސައްކަތްތައް ކުރިޔަށް ދާތީ، މިފަދަ ކަންތައްތަކަކީ އާއްމުން ދިރިއުޅޭ ތަންތަނުގައި ކުރުން ރައްކާތެރި ކަމަކަށް ނުވުމުން އެޗްޑީސީން އިސްނަގައިގެން ތަރައްޤީކުރާ މި އޮޓޯ ސެންޓަރަކީ ބޭސްމަންޓާއެކު ފަސް ބުރި ހިމެނޭ 35،400 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ.

މި އިމާރާތުގައި ހަތް ސަރވިސް ލިފްޓް ހުރުމާއި ގަރާޖުތަކަށް މި އިމާރާތުން ތަނަވަސް ޖާގަ ލިބިގެންދާނެއެވެ. އެޗްޑީސީގެ ސަސްޓެއިނެބަލް ސިޓީ މޮޑެލްގެ ދަށުން މި އިމާރާތުން ވާރޭފެން ހާރވެސްޓް ކުރެވޭނެއެވެ. އަދި އިރުގެ ހަކަތަ ސޯލާ ޕަވަރ މި އިމާރާތުގައި ބޭނުންކުރުމުގެ އިތުރުން ކަރަންޓް ކާރުތަކަށް ހާއްސަ ޗާޖިންގ ސްޓޭޝަން ހުންނާނެއެވެ. އަދި ދުވާލުގެ އަލިކަން ލިބޭނޭހެން ބިލްޑިންގް ފަރުމާކުރެވިފައި ހުރުމުން ހަކަތަ ބޭނުންވާވަރު މި ބިލްޑިންގްގައި ދަށްވާނެއެވެ. މި އިމާރާތުގައި ވޭސްޓް ވޯޓަރ ޓްރީޓްކުރެވި ރިސައިކަލް ކުރެވި ވޭސްޓް ތަރުތީބު އުސޫލުން ސޯރޓްކުރެވި ރައްކާތެރިކަމާ އެކު ޑިސްޕޯސް ކުރެވޭނެއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގް ކޯޕަރޭޝަނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 24 މަސްދުވަސް ތެރޭ ނިންމުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ޗައިނާ ސްޓޭޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޖަންގް ޓާއޯއެވެ.

ޕާކިން ބިލްޑިންގ 

މިއީ މާލެ ސަރަހައްދުގައި ވެހިކަލް ޕާކްކުރާނެ ޖާގަ އަދި ހަރުދަނާ އުސޫލުތައް ނެތުމުން މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދަމާސްގެ އިސްނެގުމުގެ މަތިން އަޅާ ޕާކިންއެކެވެ. ޖުމްލަ 24،700 އަކަފޫޓުގެ ޖާގައިގެ ޕާރކިންގް ބިލްޑިންގްގައި ހަ ފުލޯ، ބޭސްމެންޓް ޕާކިންއާއެކު ހާއްސަ ކުރެވިފައިވަނީ ވެހިކަލް ޕާކްކުރުމަށެވެ. އަދި އިމާރާތުގެ ޓެރެސްގައި އަވިން ހަކަތަ ޖެނެރޭޓްކުރުމަށް ސޯލާ ޕެނެލް ހަރުކުރެވިފައި ހުރުމުގެ އިތުރުން ފުޑްކޯޓެއްވެސް މި ސަރަހައްދުގައި ހިމެނިގެންދާނެއެވެ. އަދި ދެ ފުލޯއެއް ކޮމާރޝަލް ބޭނުންތަކަށް ހާއްސަ ކުރެވިފައިވާއިރު މިތަނުގައި ފިހާރަތަކާއި ފާހަނާތައް ހުންނާނެއެވެ. މި ބިލްޑިންގުން ވެލޭ ޕާކިންގްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ހާއްސަ ޕާކިންގ ހިދުމަތް މި ބިލްޑިންގްގައި ހިމެނިފައިވެއެވެ. ދަމާސްގެ މި މަޝްރޫއުގެ ސަބަބުން ރައްޔިތުން އެދޭ އަދި ސަރުކާރުން މާލެ ސަރަހައްދުގައި ހައްލުކުރުމަށް ބޭނުންވާ ޕާކިންގްގެ މައްސަލައަށް ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށް އެޗް.ޑީ.ސީން ދެކެއެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 24 މަސް ދުވަސްތެރޭ ނިންމުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ދަމާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސާލިހެވެ.

ޑޭކެއަރ ސެންޓަރ 

މިއީ ހުޅުމާލޭގައި މީހުން ވަޒަންވެރިވެގެންދާއިރު ވަޒީފާ އަދާކުރާ ފަރާތްތަކުގެ ދަރިންނަށް ރައްކާތެރި މާހައުލެއް ބިނާކުރުމުގެ މަޤްސަދުގައި އޭބީއޭއާ ގުޅިގެން ގާއިމްކުރާ ޑޭކެއަރ ސެންޓަރެކެވެ. އޭބީއޭ އަކީ ރާއްޖޭގައި އިންޝުއަރެންސް ބްރޯކިންގް ހިދުމަތް ދިނުމުގައި 10 އަހަރުގެ ތަޖުރިބާ ހޯދައިފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ އާ ރިއަލް އެސްޓޭޓް ވެންޗަރ ހުޅުމާލެ ޑޭކެއަރ ސެންޓަރަކީ މިވަގުތު ހުޅުމާލެއަށް ވަރަށް މުހިއްމު މަޝްރޫއުއެއް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. މި ސެންޓަރަކީ 3،000 އަކަފޫޓުގެ ޖާގައިގެ ހަ ބުރީގެ އިމާރާތެކެވެ. މި ސެންޓަރުން ޒަމާނީ ޑޭކެއަރގެ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކްލިނިކްތައްވެސް މި ސެންޓަރުގައި ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެގްރީމަންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 21-24 މަސްދުވަސްތެރޭ ނިންމުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓްގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި އޭބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ގާސިމެވެ.

"ހުޅުމާލެއަށް އެކުލަވާލެވިފައިވާ ހާއްސަ މާސްޓަރޕްލޭންގެ ދަށުން، ރާއްޖޭގެ ރައްޔިތުންނަށާއި މުޖުތަމައުއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިއަދު ސޮއި ކުރެވުނު މަޝްރޫއުތަކަކީވެސް ރައްޔިތުންނަށް މުޖުތަމައުގައި ކުރިމަތިލާންޖެހޭ ގިނަ މައްސަލަތަކަށް ހެޔޮ ބަދަލުތައް ގެނެސްދޭނެ މަޝްރޫއުތަކަށް ވެގެންދާނެއެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ބުންޏެވެ.