...

Support Us

ރަޝިޔާގެ ޙަމަލާއިން ފަޟީޙަތް ވަނީ ހުޅަނގު

މިއަދު ހަނގުރާމަ ހިނގަމުންދަނީ މުސްލިމުންގެ ބިންތަކާއި ޢަރަބި ޤައުމުތަކާ ތަންކޮޅެއް ދުރުގައެވެ. އެފްރިކާގެ ބިމެއްގައެއް ވެސް ނޫނެވެ. މިއަދުގެ މަސްރަޙަކީ ޔޫރަޕްގެ އިއްތިޙާދެވެ.

ތާރީޚު ދަނީ ބަދަލުވަމުންނެވެ. ޖޯގްރަފީ ވެސް ދަނީ ބަދަލުވަމުންނެވެ. ހަނގުރާމައިގެ މޭސްތިރީންނާއި ހަނގުރާމައިގައި ޝިކާރަވެގެންދާ މީހުން ވެސް ދަނީ ބަދަލުވަމުންނެވެ. އެހެނަސް ނަތީޖާއާއި ނިމުމަކީ ހަމަ އެކައްޗެކެވެ. ޚަރާބާއި ހަލާކާއި ފަނާވުމެވެ.

ކިޔީވުންނާއި ޔުކްރޭނުގެ ސަހަރުތަކުންނާއި ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލެންސްކީގެ ޚިޠާބުތަކުން އަޅުގަނޑުމެންގެ ހަނދާނަށް އަންނަނީ ޢިރާޤުގެ ކުރީގެ އިންފޮމޭޝަން ވަޒީރު މުޙައްމަދު ސަޢީދުއް ޞައްޙާފުގެ "ބެބުޅުން ގަދަ" ބަޔާންތަކާއި ޢިރާޤާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ އެމެރިކާގެ ލަޝްކަރާ ބެހޭ ގޮތުން ދުނިޔޭގެ މީޑިއާތަކުން ފަތުރަމުންދިޔަ ޚަބަރުތަކެވެ.

ޢިރާޤުގެ ކުރީގެ އިންފޮމޭޝަން ވަޒީރު މުޙައްމަދު ސަޢީދުއް ޞައްޙާފު

ރޫސީ ސިފައިން ޔުކްރޭންގެ ހޮސްޓޯމެލް ވައިގެބަނދަރު ހިފި ޚަބަރު ހަނދާނަށް ގެނެސްދެނީ އެމެރިކާ ސިފައިން ބަޣްދާދުގެ ވައިގެ ވައިބަނދަރަށް ފައިބާ އެ ބަނދަރަށް ވެރިވި ޚަބަރެވެ.

ރޫސީ ޓޭންކެއް ޔުކްރޭންގެ މުސްކުޅިއެއްގެ ކާރު މައްޗަށް އަރައި ޗިސްޗިސްކޮށްލި މަންޒަރު ހަނދާނަށް ގެނެސްދެނީ އަބޫ ޣަރީބު ޖަލުގައި އެމެރިކާ ސިފައިން ހިންގި ޖަރީމާތަކާއި އިސްރާއީލުގެ އަނިޔާވެރި ސިފައިން ޣައްޒާއަށް އަރާ ހިންގަމުންދާ ޖަރީމާތަކާއި ފަރަންސޭސި ސިފައިން މާލީއާއި މެދުތެރޭ އެފްރިކާގައި ހިންގައިފައިވާ އޯގާވެރިކަމެއް ނެތް ޖަރީމާތަކެވެ.

ރޫސީ ޚާރިޖީ ވަޒީރު ސަރގީ ލެވްރޯވް "އައު ނާޒިއްޔަތު"ގެ މޫތައް ލުހެލުމަށް ޓަކައި ރަޝިޔާ ސިފައިން ޔުކްރޭނަށް އެރިއެރުމަށް ބަހަނާ ދައްކަވަމުން ދެއްވި ޚިޠާބާ 2002 ވަނައަހަރުގެ ފެބްރުވަރީގައި އެމެރިކާގެ ޚާރިޖީ ވަޒީރު ކޮލަން ޕައޮލް ޢިރާޤު އަތުގައި ބާރުގަދަ ހަލާކު ބޮޑު ހަތިޔާރުތައް ހުރިކަމަށް ވިދާޅުވެ ޢިރާޤާ ދެކޮޅަށް ބަހަނާ ދައްކަވަމުން އދގެ ޢާންމު ޖަމްޢިއްޔާގައި ދެއްވި ޚިޠާބުގެ ތަފާތެއް ނެތެވެ. އެމެރިކާއިން ޢިރާޤަށް އަރައި މުއްސަނދި މި ޤައުމު ހަލާކުކޮށްލިތަނާއި އެ ޤައުމު ބައިބައިކޮށް ވީދައިލުމުގެ ނުބައި އަސަރުތައް އަދިވެސް ފިލައިގެން ނުދެއެވެ. ކޮލިން ޕައޮލް ފަހުން ވަނީ އޭނާ އދގައި ދެއްކެވި ފޮޓޯތަކަކީ ހަދައިފައިވާ ފޮޓޯތަކެއް ކަމަށް ވިދާޅުވެފައެވެ.

ސާފު މުނާފިޤުކަން    

    ޔުކްރޭންގައި ރަޝިޔާއިން ހިންގަމުންދާ ކަމަށް ހުޅަނގުން ތުހްމަތު ކުރާ ކަންތައްތަކަށްވުރެ މާ އަނިޔާވެރިކޮށް މާ ހަރުކަށިކޮށް ފަލަސްޠީނުންނާއި ޢިރާޤުންނާއި އަފްޣާނިސްތާނުންނާއި މާލީއާއި މެދުތެރޭ އެފްރިކާއިން ވަނީ ފެނިފައެވެ. މިފަދަ ޢަމަލުތައް ކުށްވެރިކޮށް އެމެރިކާއިންނާއި ޔޫރަޕުން އެންމެ ބަޔާނެއް ވެސް ނެރެފައެއް ނުވެއެވެ. އެ ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުން އެންމެ ބަހެއް ވެސް ބުނެފައެއް ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ ފަލަސްޠީނު ރައްޔިތުންގެ ބިންތައް އެމީހުންގެ އަތުން ނިގުޅައިގަން ދުވަހުން ފަށައިގެން އިސްރާއީލަށް މާއްދީ އަދި މާނަވީ އެހީތަކުން ވާގިވެރިވާ އެންމެ އިސް ޤައުމަކީ އެމެރިކާއެވެ. ބައިނަލްއަޤްވާމީ މަޙްފިލުތަކުގައި އިސްރާއީލު ޙިމާޔަތް ކުރުމަށް ޓަކައި ވީޓޯތައް ކުރަނީ އެމެރިކާއިންނެވެ.

އެމެރިކާއަށް އިސްރާއީލުގެ ޢުދްވާނުތައް ހުއްޓުވުމުގެ ޤާބިލުކަން ލިބިގެންވާއިރުގައި ވެސް އެއިން އެއްވެސް ކަމެއް ހުއްޓުވައިފައެއް ނުވެއެވެ. އަމިއްލަ ނަފްސުގެ ދިފާޢުގައްޔޭ ކިޔައި ބަހަނާ ދައްކަތެވެ. އެހެންވީމާ ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ދެމުންގެންދާ ޙަމަލާތައް ކުށްވެރިކޮށް ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އެތައް ހާސް ފިޔަވަޅުތަކެއް އެޅުމުން އެނގިގެންދަނީ ހުޅަނގުން ގެންގުޅޭ ދެމިންގަނޑު ނޫން ކޮން އެއްޗެއް ހެއްޔެވެ؟

އެފްރިކާގެ މުއްސަނދިކަން ދަވައިލައިފައިވާ ފަރަންސޭސިވިލާތުން ޔުކްރޭނާއެކު އެއްބާރުލައި ވާގިވެރިވާއިރު އެފްރިކާ މީހުންގެ ކިބައިން މާފަށް ނޭދެނީ ކީއްވެގެން ހެއްޔެވެ؟

އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިސްރާއީލުން ހިންގަމުންދާއިރު ރަޝިޔާއިން ޔުކްރޭނަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް އެކަންތައްތަކާމެދު ކަންބޮޑުވާތަން ފެނެއެވެ.

ޔުކްރޭނުގައި ރަޝިޔާ އަތްގަދަކުރަމުންދާ ދިޔުމާ ކުރިމަތިލުމުގެ ބާރު ހުޅަނގަށް ލިބިފައިވާނަމަ އިންސާނީ ޙައްޤުތަކުގެ ބަސްފޮތަކަށް އެމީހުންނެއް ނުދާނެއެވެ. ބާރުގެ ތިލަފަތަށް މިއަދު ބަދަލު އައިސްފައިނުވާނަމަ ސުލްޙަވެރި ޙައްލެއް ހޯދުމަށް ގޮވައެއް ނުލާނެއެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސެއިނާއި އދގެ އޭރުގެ އަމީން ޢާންމު ކޯފީ އަނާން (ވ)

ސަލާމަތީ މަޖިލިސް ފޭލްވުމާއި އދގެ ދޮގުވެރިކަން

ސެޕްޓެންބަރު 16، 2004ގައި އދގެ އޭރުގެ އަމީން ޢާންމު ކޯފީ އަނާން ޢިރާޤާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އެއީ އދގެ ޗާޓަރާ އެއްގަލަށް އަރާ ކަމެއްނޫން ކަމަށް އަޅުގަނޑު އިޝާރާތް ކުރީމެވެ. އަޅުގަނޑު ދެކޭގޮތުގައި އަދި ބައިނަލްއަޤްވާމީ ޤާނޫނު ދެކޭ ގޮތުގައި އެއީ ޣައިރު ޤާނޫނީ ކަމެކެވެ."

ކޯފީ އަނާނުގެ މި ބަޔާނުން އެނގެނީ އެމެރިކާގެ ރައީސް ބުޝް ބޭނުންފުޅުވާ ކަންތައްތައް ހުއްޓުވުމުގެ ބާރު އދ.އަށް ލިބިގެން ނުވާކަމެވެ.

އޭގެ 20 އަހަރު ފަހުން، މި އަހަރު 25 ފެބްރުވަރީގައި ސަލާމަތީ މަޖިލީހުން ރަޝިޔާ ކުށްވެރި ކުރާން ކުރި މަސައްކަތް ވަނީ ރަޝިޔާގެ ވީޓޯގެ ސަބަބުންނާއި ޗައިނާއާއި އިންޑިޔާއާއި އިމާރާތުން ތާއީދު ނުކުރުމުގެ ސަބަބުން ފޭލްވެފައެވެ. ޔުކްރޭންގެ ހަތަރު ސަރަޙައްދެއް ރޫސީ އިއްތިޙާދަށް އިއްޔެ ވެއްދުމުން އެކަން ކުށްވެރި ކުރުމަށް ސަލާމަތީ މަޖިލީހުގައި އޮކްޓޯބަރު އެކެއްގައި ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފައެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމުން 24 އޮކްޓޯބަރު 1945ގައި އދ އުފެއްދީ ބައިނަލްއަޤްވާމީ ސުލްޙައާއި އަމާންކަމަށް ޓަކައެވެ.

ދުނިޔޭގައި ޞުލްޙަމަސަލަސްކަން ޤާއިމުކުރުމަށް ޓަކައި ފާރަލުމަށް އުފެއްދުނު ސަލާމަތީ މަޖިލިސްގެ ދާއިމީ ފަސް މެންބަރުންނަށް ލިބިދީފައިވާ ވީޓޯގެ ބާރުގެ ސަބަބުން އެ މަޖިލިސް ވެފައިވަނީ އދގެ ލަޑުދަނޑިތަކުގެ ކުރިމަތީގައި އޮތް ވަރުގަދަ ހުރަހަކަށެވެ. އެ ތާނގެ ޗާޓަރުގެ އުނަގަނޑަށް ހަރައިފައިވާ ޚަންޖަރަކަށެވެ.

ބާރުތައް ތަވާޒުނުނުވެ ޢަދާލަތެއް ނޯންނާނެ

ރަޝިޔާއިން ޔުކްރޭނަށް އެރިތާ މާ ގިނައިރުތަކެއް ނުވަނީސް ޔުކްރޭނުގެ ރައްޔިތުންނަށް އެމީހުންގެ ކުރިމަގުގެ ބަނަކަން އެނގިގެން ހިނގައްޖެއެވެ. ރަޝިޔާއިން ޔުކްރޭނަށް އެރީ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއަށް އިންޒާރުދީ ބިރުދައްކަމުން ދަނިކޮށްނެވެ. ޕޫޓިން ޔުކްރޭނަށް ޙަމަލާދެއްވާން ފެށްޓެވީ ހުޅަނގުގެ މި އިންޒާރުތަކަށް އެއްވެސް ސަމާލު ކަމެއް ނުދެއްވާ އެ އިންޒާރުތައް ކުނިވަށިގަނޑަކަށް އެއްލަވައި ލައްވައިފައެވެ. ރަޝިޔާއާ ދެކޮޅަށް ކުރިމަތިލުމަށް ނުކުމެއްޖެނަމަ ރަޝިޔާ އަތުގައި ހުރި ބާރުގަދަ ހަތިޔާރުތަކުގެ ބޭނުން ކުރައްވާނެ ކަމުގެ އިންޒާރު ވަނީ ދެއްވައިފައެވެ.

ކުރީ ދުވަހެއްގައި ލިޔުނު ލިޔުމެއްގައި ދެންނެވި ފަދައިން އެމެރިކާގެ ޖާމިނުވުން ލިބިގެން ޔުކްރޭން އަތުގައި ހުރި ނިޔުކްލިއަރ ހަތިޔާރުތައް 1996ގައި ނައްތައިނުލިނަމަ ރަޝިޔާއަށް ޔުކްރޭނަށް އަރަން ކެރޭނެ ހެއްޔެވެ؟ އެމެރިކާއިން ދޭން ބުނި ޖާމިނުވުން ދިންނަމަ ރަޝިޔާއަށް ޔުކްރޭނުގެ ބިމުން 15% ބިން ރޫސީ އިއްތިޙާދަށް އިތުރު ކުރާން ކެރޭނެ ހެއްޔެވެ؟

ބާރުތައް ތަވާޒުނުވެފައިވާނަމަ ރަޝިޔާއަށް ޔުކްރޭނަށް އަރާކަށް ނުކުރޭނެއެވެ. ދުނިޔޭގައި ބާރުގެ ތިލަފަތް ހަމަހަމަވެފައިވާނަމަ ދުނިޔޭގައި ސުލްޙަމަސަލަސްކަން ޢާންމު ނުވާނެ ހެއްޔެވެ؟

ރޫސީ މި ޙަމަލާގެ ސަބަބުން ދުނިޔޭގެ ބާރުގެ ތިލަފަތަށް ބަދަލުތަކެއް އަންނާނެއެވެ. އެންމެ ޤައުމަކުން ދުނިޔޭގައި ފުލުހުންގެ ދައުރު އަދާކުރި އެއް ތަނޑީގެ ނިޒާމު ދެ ތަނޑިއަށް ނުވަތަ ގިނަ ތަނޑިތަކަކަށް ބަދަލުވެގެންދާނެއެވެ.

އާދަމުގެދަރީންގެ ބޮޑެތި ގެއްލުންތަކަކާއި މާއްދީ ގެއްލުންތަކަކާއެކު މި ހަނގުރާމައަށް ނިމުމެއް އަންނާނެއެވެ. އެންމެންގެ ވެސް އުންމީދަކީ އަނިޔާވެރިކަމަށް ނިމުމެއް އައުމާއެކު ހަނގުރާމަ ނިމުމެވެ. ހުޅަނގުން އަރައިގަންނަމުންދާ އިންސާނީ ޖަރީމާތަކާއި އިންސާނީ ޙައްޤުތަކަށް އަރައިގަންނަ އަރައިގަތުމުގެ މީޔާރަށް ބަދަލު އައުމެވެ. އަނިޔާވެރި ޙަމަލާތަކަށް ނިމުމެއް އައުމެވެ. ދުނިޔެ އަމާންވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *