Support Us

ފަންސާސް އަހަރު- ދަތުރުކުރަނީ ރަނގަޅަށްބާ!

ފަތުރުވެރިކަމުގެ ޞިނާޢަތު ރާއްޖެ އައިތާ މިއަހަރު ފަންސާސް އަހަރު ފުރުނީ އެވެ. ފަތުރުވެރިކަމުގެ ކާމިޔާބު ދަތުރު ފެށުނީ 1972 ވަނަ އަހަރުގައެވެ. އެއިރު ދަތުރުގެ މައިގަނޑު ބައިވެރިންނަކީ މުޅިން ދިވެހިންނެވެ. ދަތުރުކުރީ ބިދޭސީ ތަޖުރިބާކާރުންގެ އިރުޝާދާއި އެހީއާ އެކީގައެވެ. ފަތުރުވެރިކަމުގެ ހިތްގައިމު މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވަމުން ދިޔަދިޔަހެން ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިން ރާއްޖެއިން ލިބެމުން ދިޔަ ޚިދުމަތްތައް ރަނގަޅުކުރުމަށް އެދެމުންދިޔައެވެ. ފައިސާވެރި ފަތުރުވެރިންނަށް ރާއްޖެ ވެފައި އޮތީ އެމީހުން ތިބޭވަރަށް ވުރެ ފެންވަރު ދަށްކޮށް ޚިދުމަތްދޭ ރީތި ހުވަފެނީ މަންޒިލެއްގެ ގޮތުގައެވެ.

އެ ޒަމާނުގައި މިލިއަނެއްހާ ޑޮލަރުން ނުވަތަ ދެތިން ހަތަރު މިލިއަނު ޑޮލަރުން އާދައިގެ ފެންވަރަކަށް ފަތުރުވެރިކަމަށް ރަށެއް ތަރައްޤީ ކުރެވެއެވެ. އެހެންނަމަވެސް ދިވެހި މުއްސަނދިންނަށް އެއިރު ޑޮލަރުގެ މުއްސަނދިކަމެއް ނާދެއެވެ. އެހެންވުމާ އެކު ރަށްރަށް ތަރައްޤީ ކުރަން ބޭނުންވާ ދިވެހިންގެ މާލީ ޙާލަތު މަޖުބޫރު ކުރުވީ ބިދޭސީ ފައިސާވެރިންގެ އަތުގައި ހިފާށެވެ. ނުވަތަ ބިދޭޭސީއަކު ކުރީގައި ބަހައްޓައިގެން އޭނާގެ ނަމުގައި ބޭރުގެ ބޭންކަކުން އޭނާ ރާއްޖޭގައި ކުރަން ގަސްދުކުރާ ފަތުރުވެރިކަމުގެ ވިޔަފާރި (ތަރައްގީކުރަން ބޭނުންވާ ރަށް) ރަހުނުކޮށްގެން ބޭނުންވާ ފައިސާ ބޭންކުން ދަރަންޏަށް ހޯދާށެވެ. އެ ދުވަސްވަރު ރާއްޖޭގައި ހިންގަމުން ގެންދިޔަ ދެތިން ބޭންކުން ވެސް ކޮންމެވެސް ބަޔަކަށް ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކޮންމެވެސް މިންވަރަކަށް ބޭރު ފައިސާ ދޫކުރިއެވެ. އެހެންނަމަވެސް އެ ބޭންކުތަކުން ވެސް މުޅި ރިޒޯޓް ހެދޭވަރަށް ފައިސާ ދޫނުކުރެއެވެ. އެތަންތަނުގެ އުޞޫލުތަކާ އެއްގޮތަށް މުޅި އިންވެސްޓުމެންޓަށް ފައިސާ ދޫކުރެވެން ނުއޮންނަނީއެވެ. މިހެންވުމާ އެކު ރިޒޯޓެއް ތަރައްޤީ ކުރުމަށް އަމިއްލަ އަތުން ޚަރަދުކުރަން ބޭނުންވާ ފައިސާ ތިމާގެ އަތުގައި ނެތްނަމަ، އެ ފައިސާ ހޯދަން އަނެއްކާވެސް ހިފަންޖެހެނީ ބިދޭސީ ފައިސާވެރިއެއްގެ އަތުގައެވެ. ނުވަތަ ދާންޖެހެނީ ބިދޭސީ ޓުރެވެލް އޭޖެންޓެއްގެ ކައިރިއަށެވެ. މިހެންވުމާ އެކު ގިނަ މަޝްރޫޢުތައް ކުރިއަށް ދިޔައީ ދިވެހިން ކުރީގައި ބައިތިއްބައިގެން ބިދޭސީން ނިވާފަތްގަނޑުގައި ތިބެގެންނެވެ. ބިދޭސީންގެ އަތަށް ފަތުރުވެރިކަމުގެ ޞިނާޢަތު ދިއުމުގެ ފެށުން އައީ މިދެންނެވުނު ގޮތަށެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްޤީ ކުރުމަށް ފަތުރުވެރިކަމުގެ ޞިނާއަތުގައި އިސްކޮށް އުޅުއްވި ބޭފުޅުން ވަރަށް މަސައްކަތް ކުރެއްވިއެވެ. އެބޭފުޅުން ދެއްވާ ޚިދުމަތުގެ ފެންވަރު މަތިކުރެއްވިއެވެ. ބޭރު ޤައުމުތަކުގައި އަމިއްލަ ކުންފުނިތަކާ ގުޅިގެންނާއި ސަރުކާރުގެ ކަމާބެހޭ ރަސްމީ އިދާރާއާ ގުޅިގެން ބައިވަރު މަސައްކަތްތަކެއް ކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދުނިޔޭގެ މާރުކޭޓުގައި ރާއްޖޭގެ ރިޒޯޓްތައް އިސް ސަފުގައި ގުނާލެވުނެވެ. އެބޭފުޅުންގެ އެ މަސައްކަތްޕުޅުގެ ހަވާސާގައި ޤަޢުމަށް ފައިދާވިއެވެ. އެއަރޕޯޓުން ލިބޭ ޑޮލަރު ފައިސާއިންނާއި ރަށްތަކުގެ ކުއްޔާއި ޓެކްސަށް ދައްކާ ފައިސާއިންނެވެ. ރިޒޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުއައްޒަފުންނަށް މުސާރައާއި އެހެނިހެން ޢިނާޔަތުގެ ގޮތުން ލިބޭ ފައިސާ އިންނެވެ. އިމާރާތްކުރުމުގެ ޞިނާޢަތަށް އައި އިންޤިލާބީ ބަދަލުންނެވެ. ހަވާސާ އިން ޤައުމަށް ފައިދާވި ކަމަށް އަޅުގަނޑު ދެންނެވީ ފަތުރުވެރިކަމުގެ ޞިނާޢަތުގެ އިސް މަސައްކަތްތެރިން އެ މަސައްކަތްކުރެއްވީ އެބޭފުޅުންގެ ވިޔަފާރި ފުޅާކުރެއްވުމުގެ ގޮތުން ކަމުގައިވާތީވެއެވެ. އާމްދަނީ އިތުރުކުރެއްވުމުގެ ގޮތުން ކަމުގައިވާތީވެއެވެ. މަސްވެރިން މަސް ބާނަނީ ކޮންމެހެން ޤައުމަށް ފައިދާއަކަށެއް ނޫނެވެ. ދަނޑުވެރިން ދަނޑުގޮވާންކުރަނީ ޤައުމަށް ދިރުން ގެންނާކަށް ނޫނެވެ. ވަޑިން ވަޑާންކުރަނީ ކޮންމެހެން ޤައުމު ކުރިއަރުވާކަށް ނޫނެވެ. އެ މަސައްކަތުން އެކަށީގެންވާ އާމްދަނީއެއް ހޯދާށެވެ. އެކަމަކު އެ މަސައްކަތްތަކުގެ ހަވާސާގައި ވެސް ޤައުމަށް ވަރަށް ފައިދާވެއެވެ.

ފަތުރުވެރިކަން ހަރުދަނާކޮށް ޤައުމަށް ފައިދާވާ ގޮތަށް ސިޔާސަތު ރާވާ، ޤާނޫނު ހަދާ ހިންގުމުގެ އާރުކާޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ އިސް އޮފީހެވެ. އެތަނުން އެ މަސައްކަތް ކުރެވޭތޯއެވެ؟ ފަތުރުވެރިކަމުގެ ޤައުމީ ސިޔާސަތު ރާވާ ހިންގުމުގެ ޤާބިލުކަން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ފަރާތްތަކުގައި ހުންނާނެ ބާވައެވެ؟ ފަތުރުވެރިކަން ހިންގާ އޮފީހުގެ މީހުންނަށް ރިޒޯޓްތަކުގެ މެނޭޖަރު ކަމުގައި ހުރުމުގެ ޤާބިލުކަން ނުުހުންނާނެކަން ޤަބޫލުކުރެވޭ ފަދައިންނެވެ. ފަތުރުވެރިކަމުގެ ބައެއް ކަންކަން ހިންގާ ދޯހަޅިކަން ދާދި ފަހުން ގުރީން ޓެކްސް ނެގުމުގެ ޤާނޫނަށް ވީގޮތުން ވެސް އެނގެއެވެ. ޢެ ޤާނޫނަށް އިޞްލާޙް ކުރުމުގެ ބިލް ފަރުމާކުރެއްވީ އެޓަރނީޖެނަރަލްގެ އޮފީހުން ކަމުގައި ވާނަމަ އެ ބިލް އެކި ދިމަދިމާއަށް ދިއުމުގެ ކުރިން އެބިލާ މެދު ފަތުރުވެރިކަމާ ބެހޭ އޮފީހުގެ ލަފައެއް ހޯދުމަކީ ވެސް ޢާއްމު އުޞޫލެކެވެ. ފަތުރުވެރިކަމާ ގުޅުންހުރި ބިލަކަށްވާތީވެއެވެ. އެ ބިލުގައި ދޫވެފައި އޮތް ކަމެއް އޮވެއްޖެ ނަމަ އެތަނުން އެ ބިލް ބަލާ މުރާޖަޢާ ކުރާ އިރު އެކަމެއް ފާހަގަ ކުރެވޭނެއެވެ. އެތަނުން ފާހަގަ ނުކުރެވި ރައީސް އޮފީހަށް ފޮނުވިއްޖެ ނަމަ އެކަމެއް ރައީސް އޮފީހުގައި އޮންނަ ޤާނޫނީ ބައިން އެކަން ފާހަގަކުރެވެން ވާނެއެވެ. އެތަނުންވެސް ފާހަގަ ނުކުރެވި މަޖިލީހަށް ފޮނުވިއްޖެނަމަ މަޖިލީހުގައި އޮންނަ ޤާނޫނީ ބައިން އެކަން ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ދަންނަވަންޖެހޭނެއެވެ. ބިލް އެޖެންޑާ ކުރުމުގެ ކުރިންނެވެ. ކަންވީ އެހެނެއް ނޫނެވެ. ސަރުކާރަށް ބައިވަރު ފައިސާ ގެއްލުނީއެވެ. އާދޭހެވެ! "އަމާބުނީތީވެ ފަރަށް ދިޔައިމަ" އެވެ.

ފަތުރުވެރިކަމުގެ ޤައުމީ ސިޔާސަތެއް އެބައޮތްތޯއެވެ؟ ޤައުމީ ސިޔާސަތެއް އޮތްކަމަށް ޤަބޫލު ކުރަން އުނދަގުލެވެ. ފަތުރުވެރިކަން ކުރިއަށްދަނީ ރޭވިގެންތޯއެވެ؟ ރޭވިގެން ކުރިއަށްދާކަމަށް ވެސް ޤަބޫލުކުރަން އުނދަގުލެވެ. ތެދުފުޅެކެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ދެތިން މާސްޓަރ ޕުލޭން ތައްޔާރުކޮށްފިއެވެ. އެހެންނަމަވެސް އެއްވެސް ޕުލޭނަކާ އެއްގޮތަށް އަމަލުކުރެވޭތޯއެވެ؟ ކަންތައްތައް ހިނގާ ގޮތުންނެވެ. ރަށެއްގެ ބަޔަކު އެއަރޕޯރޓެއް ބޭނުންކަމަށް ބުނުމާ އެކު އެ ރަށަކީ އާބާދީ ބޮޑު ރަށަކަށް ވާނަމަ ނުވަތަ އެ ރަށުގެ މީހުންގެ ނުފޫޒު ސަރުކާރުގެ އިސްބޭފުޅަކަށް ފޯރުވޭނަމަ އެ ރަށުގައި ނުވަތަ އެ ސަރަހައްދުގައި އެއަރޕޯޓެެއް ހަދަނީއެވެ. އެއަރޕޯޓެއް ހެދުމަށް ފައިސާ ނެތްނަމަ އެއަރޕޯޓް ހަދަން ބޭނުންވާ މީހަކަށް ފަތުރުވެރިކަމަށް ރަށެއް ދީގެން އެއަރޕޯޓް ހަދަނީ އެވެ. ނޫންނަމަ އެއަރޕޯރޓު ހެދުމަށް ފަހު އެ އެއަރޕޯޓު ދެމެހެއްޓުމަށްޓަކައި ފަތުރުވެރިކަމަށް ރަށެއް ނުވަތަ ރަށްތަކެއް ދޫކުރަނީއެވެ. ރޭވިގެން ތަރައްޤީ ކުރެވޭ ފަތުރުވެރިކަން ކުރިއަށް ދަނީ މިހެންތޯއެވެ؟ ފަތުރުވެރިކަމުގެ ޞިނާޢަތު ދަތުރުކުރަނީ ހުންގާނު ނެތް އޮޑިއެއް ކަނޑުމަތީގައި ދަތުރުކުރާ ގޮތަށެވެ. ވަކި މިސްރާބެއް ނެތިއެވެ. އޮޅުވާނުލައްވާށެވެ. އަޅުގަނޑު މި ދަންނަވަނީ ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލަކަށް ދިވެހިރާއްޖެ ނުވާ ވާހަކައެއް ނޫނެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ނާންނަ ވާހަކައެއް ވެސް ނޫނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ޤައުމަށް އެންމެ ފައިދާ ހުރި ގޮތުގައި ނުހިނގާ ވާހަކައެވެ. ދިވެހިންނަށް ފަތުރުވެރިކަމުގެ ފޮނި މޭވާއިން ލިބެނީ ލިބެންވާ ވަރަށް ވުރެ މާ ކުޑަ އެތިކޮޅެއްކަމުގެ ވާހަކައެވެ.

ފަތުރުވެރިކަމުގެ ފައިދާ ވަކިބަޔަކަށް ދިއުމަކީ ހަމަ އޮންނަންވީ ގޮތްތޯއެވެ؟ މާލެ އަތޮޅުގައި ހުރި ހުރިހާ ފަޅުރަށެއް އެކި ފަރާތްތަކަށް ޓޫރިސްޓު ރިޒޯޓް ހެދުމަށް ކުއްޔަށް ދޫކޮށް ހުސްވެއްޖެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ރަށްރަށް ލިބުނު އިރު އަތުގައި ހުރި ހުރިހާ ފަސާއެއް ޚަރަދުކުރީ ބީލަން ކާމިޔާބު ކުރާށެވެ. ރަށް ލިބުމުން ދެން ދުވަން ފެށީ އިންވެސްޓަރުން ހޯދާށެވެ. ހުރިހާ ޚަރަދެއް ކުރަނީ ބޭރުގެ އިންވެސްޓަރެވެ. މިކަމުގައި ގޯހެއް އޮތްކަމުގައި ނުދަންނަވަމެވެ. އަޅުގަނޑުގެ ސުވާލަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ފަތުރުވެރިކަމުގެ ޞިނާޢަތުގެ އުޞޫލު ބަދަލު ކުރުމުގެ ވަގުތު އަދިވެސް ނުއަންނަނީތޯއެވެ؟ ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް ރައްޔިތުންގެ ޙިއްސާ އޮންނަ ފަތުރުވެރިކަމުގެ ކުންފުންޏަކަށް ޖާގަ ނެތީތޯއެވެ؟ އިންވެސްޓަރުން ހޯދުމުގެ މެދުވެރިއަކަށް ރައްޔިތުންގެ ޙިއްސާ އޮންނަ ފަތުރުވެރިކަމުގެ ކުންފުންޏެއް ކަމުނުދަނީތޯއެވެ؟ އެފަދަ ކުންފުންޏެއް ހަރުދަނާ ވާންދެން ނުވަތަ ހަރުދަނާ ކުރުމަށް ސަރުކާރުން ހިންގުމުގައި ދޭންޖެހޭ ލުއިތަކެއް ނުދެވެންވީ ކީއްވެތޯއެވެ؟ އެސް.ޓީ.އޯ.އަށް ސަރުކާރުން ލުއިދެއެވެ. ސްޓެލްކޯ އަށް ސަރުކާރުން ލުއިދެއެވެ. ފެނަކަ އަށް ސަރުކާރުން ލުއިދެއެވެ. ވީއިރު ރައްޔިތުންގެ ބައިވެރިވުން އޮންނަ ފަތުރުވެރިކަމުގެ ކުންފުންޏެއް ކޮޅަށްޖެހުމަށް ސަރުކާރުން ލުއި ނުދެވެންވީ ސަބަބެއް ވިސްނައިގަންނަން އުނދަގުލެވެ. އެފަދަ ކުންފުންޏެއް ރަނގަޅަށް ހިނގައިގެންފިި ނަމަ ގެއްލުންވެދާނެހެން ހީވާ ބާރުގަދަ ފަރާތްތަކުގެ ނުފޫޒު ގަދަކަމުން އެފަދަ ކުންފުންޏެއް ކުރިއަށް ދިއުމުގެ ފުރުޞަތު ހަނިކުރަނީ ކަމަށް ހީކުރުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ވެރިކަމަށް އަންނަން ބޭނުންވެގެން ވޯޓުހޯދަން މަސައްކަތް ކުރި ބައެއް ސިޔާސީ ލީޑަރުން، ވެރިކަން ލިބިއްޖެނަމަ ޓޫރިސްޓު ރިޒޯޓްތަކުގައި ބައިވެރިވުމަށް ފުރުޞަތު ދޭނެކަމަށް ވާހަކަ ދެއްކިއެވެ. އެ ވާހަކަ ވައިގައި ހިފާގޮތެއް ނުވެއެވެ. ލަފާކުރެވޭ ގޮތުގައި އެކަކަށްވެސް އެއީ ވެދާނެ ކަމެއް ކަމަށް ޤަބޫލު ނުކުރެވޭތީވެއެވެ.

ފަތުރުވެރިކަމުގައި ބައި ޤަރުނު ކަޑައްތުކުރެވުނީއެވެ. ރިޒޯޓުތަކުގައި މަސައްކަތްކުރާ މީހުންގެ އާބާދީ އަށް ބަލާލަމާތޯއެވެ؟ މަތީ މަޤާމުތަކުގައި ތިބީ ކިތައް ދިވެހިންތޯއެވެ؟ ބޮޑު މުސާރަ ލިބޭ މަޤާމްތަކުގައި ތިބީ ކިތައް ދިވެހިންތޯއެވެ؟ އާދައިގެ ވަޒީފާތަކުގައި ގިނަ ރިޒޯޓްތަކުގައި އުޅެނީ ކިތައް ދިވެހިންތޯއެވެ؟ މި ސުވާލުތަކަށް ދެވޭނެ އެންމެ ފަސޭހަ ޖަވާބަކީ ދިވެހިން ނުލިބެނީ އެވެ. އެއްބަސްވަމެވެ. މަސައްކަތުގެ އާބާދީގެ ގިނަ ދިވެހިން ކަންނެތް ކަމަށް ވެދާނެއެވެ. މަސައްކަތްކުރަން ބޭނުން ނުވަނީ ކަމަށް ވެދާނެއެވެ. ޢާއިލާގެ އެކަކު ނުވަތަ ދެމީހަކު ހޯދާ ފައިސާ އިން ދިރިއުޅެން ބޭނުންވަނީ ކަމަށް ވެދާނެއެވެ. މައްސަލައަކީ އެއީ ކަމަށް ވީނަމަވެސް ފަތުރުވެރިކަން ބަލަހައްޓާ މައި އޮފީހުން އެކަމަށް ހައްލެއް ހޯދެންވާނެއެވެ. މީހުން މަސައްކަތަށް ނުނުކުންނަ ސަބަބު ހޯދެންވާނެއެވެ. މަސައްކަތަށް ހިތްކިޔާނެ ވެއްޓެއް ގާއިމުކުރުމަށް މަސައްކަތް ކުރެވެން ވާނެެއެވެ. އެފަދަ ކަންތައް ކުރާނީ ރިޒޯޓު ހިންގާ ފަރާތްތަކުންނެއް ނޫނެވެ. ފަތުރުވެރިކަން ރާވާ ހިންގާ މައި އޮފީހުންނެވެ. އާ ވިސްނުން، އާ ޚިޔާލު، އާ މާޙައުލަކަށް، އާ އުސްމިނަކަށް ދަތުރުކުރުމަށް ރޭވެން ވާނެއެވެ. މަސައްކަތްކުރެވެން ވާނެއެވެ. މަސައްކަތުގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކީ އަންހެނުންނެވެ. އަންހެނުން ފަތުރުވެރިކަމުގެ މަސައްކަތަށް ނެރުމަށް ގޮންޖެހުންތަކާ ކުރިމަތިވެދާނެއެވެ. ވަހުޝީ ޚިޔާލުގެ މީހުންނާއި ބޯދާ ޚިޔާލުގެ މީހުންނަށް އަންހެނުން ރިޒޯޓެއްގައި މަސައްކަތްކުރުމުން ބަދުއަޚްލާޤީ ކަންތައްތަކެއް ހިނގާފާނެކަމަށް ހީކުރެވިދާނެއެވެ. މަސައްކަތަށް މީހުން ދަނީ މަޖާކުރާކަށެއް ނޫނެވެ. ރިޒޯޓުގެ މަސައްކަތަކީ ބުރަ މަސައްކަތެކެވެ. މަސައްކަތްކުރަންޖެހެނީ ހަރުކަށި ގަވައިދުތަކެއްގެ ތެރޭގައެވެ. އަންހެނުން ރިޒޯޓު މަސައްކަތަށް ގެންދިއުމާ ބެހޭގޮތުން ވެސް ކަމާބެހޭ އޮފީހުން އާ ވިސްނުމަކަށް ދެވިދާނެއެވެ. ލުއިތަކެއް ދެވިދާނެއެވެ. ރިޒޯޓުގައި މަސައްކަތް ކުރުމާ ބެހޭގޮތުން ވެސް އާ ގޮތްތަކަކަށް ވިސްނިދާނެއެވެ. މިކަންވެސް ކުރަންޖެހޭނީ ކަމާ ބެހޭ އޮފީހުންނެވެ. ސަރުކާރުގެ އެހެން އޮފީހަކުން ޤައުމީ ފެންވަރެއްގައި މިފަދަ މަސައްކަތެއް ކުރިއަސް ފަތުރުވެރިކަމާ ބެހޭ އޮފީހުން، ސަރުކާރުގެ އެފަދަ މަސައްކަތެއް ކުރާ އޮފީހަކާ ގުޅިގެން ނުވަތަ ވަކިން މިފަދަ މަސައްކަތެއް ކުރަންޖެހެއެވެ. ސަބަބަކީ މިކަމުގައި އެންމެ ބޮޑަށް އަސަރުކުރާނީ ފަތުރުވެރިކަމުގެ ދާއިރާ އަށް ކަމަށްވާތީވެއެވެ. ސީދާކޮންނާއި ނުސީދާކޮށެވެ.

މީހުން ދިރިއުޅޭ ރަށްރަށަށް ގެންދެވޭ ފަތުރުވެރިކަމަކީ ވަރަށް ބަލައިގެން ރައްކާތެރިކަމާ އެކު ގެންދެވެންވާނެ ފަތުރުވެރިކަމެކެވެ. މާލެއަތޮޅުގެ ތަޖުރިބާގެ މައްޗަށް ބަލާފައެވެ. އަޅުގަނޑުމެންގެ ސަގާފީ ކޯޅުމެއް ނުވަތަ ފުށުއެރުމެއް ނުއަންނާނެ ގޮތަށެވެ. މިފަދަ ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ފަހުބަސް ބުނެވެންވާނީ ކުރިން ދެންނެވުނު ބައިތަކާމެދު ފުންކޮށް ވިސްނާ ތަޖުރިބާ ލިބިފައި ހުރި ފަރާތަކުންނެވެ. ނުވަތަ އޮފީހަކުންނެވެ.

މިއަދަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހެވެ. އަޅުގަނޑު ތަޙައްމަލު ކުރަނީ މަސްހުނިވެފައި ހުރި އިޙްސާސްތަކެކެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުގައި މި ވޭތުވެދިޔަ ފަންސާސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ކުރިއަށް ގޮސްފައި އޮތް މިންވަރާ މެދު އަޅުގަނޑު ފަޚުރުވެރިވަމެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުން ރާއްޖެއާއި ދިވެހިން ޙިއްސާ ކުރާ ފައިދާ އާއި ދިވެހިންގެ ބައިވެރިވުން ނިސްބަތުން ކުޑަކަމުން އަޅުގަނޑު ދެރަވަމެވެ. މި މަންޒަރު ބަދަލު ކުރެވިދާނެއެވެ. އާދޭހެވެ! މިއަށްވުރެ ރަނގަޅު ކުރެވިދާނެއެވެ. މަސައްކަތުންނެވެ. ހިތްވަރުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *