Support Us

މިފްކޯ އައިސްޕްލާންޓުތަކުގެ މާސްޓަރ ތަޅުދަނޑީގެ ރަމްޒީ ޕްލާކެއް މިފްކޯގެ ސީއީއޯ ފައުޒީ، ފެނަކަ ސީއީއޯ ސައީދަށް ވެދުންކުރައްވަނީ -ފޮޓޯ: ފެނަކަ

މިފްކޯއިން ހިންގަމުން އައި 14 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) އިން ހިންގަމުން އައި 14 އައިސް ޕްލާންޓެއް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އާ ހަވާލުކޮށްފިއެވެ.

މީހުން އުޅޭ ރަށްރަށުގައި މިފްކޯއިން ހިންގާ އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި ފެނަކައާ މެދު ރައްޔިތުންގެ އިތުބާރު މިހާރު ވަރަށް ބޮޑުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ވަނީ ވިދާޅުވެފައެވެ.

އައިސް ޕްލާންޓްތައް ފެނަކައާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަހުމަދު ސަޢީދު މުހައްމަދެވެ. ސޮއިކުރެއްވުމަށްފަހު، މިފްކޯ އައިސްޕްލާންޓުތަކުގެ މާސްޓަރ ތަޅުދަނޑީގެ ރަމްޒީ ޕްލާކެއް ފައުޒީ، ސައީދަށް ވެދުންކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ޒަމާނީ މަސްވެރިކަމުގައި އައިސް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ފާއިތުވި އަހަރުތަކުގައި މަސްވެރިކަމަށް މިފްކޯއިން ކޮށްފައިވާ ޚިދުމަތަށް ޝުކުރު އަދާކުރައްވައިފައެވެ.

އަދި ފެނަކައަކީ ރާއްޖޭގައި ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންްފުންޏަކަށް ވެފައި، އައިސް އުފެއްދުމަށް ބޭނުންވާ މައިގަނޑު ދެ ވަޞީލަތް ކަމުގައިވާ ފެނާއި ކަރަންޓު އުފެއްދުމުގެ މަސައްކަތަކީ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި ފެނަކައިން މިހާރުވެސް ދެމުން އަންނަ ހިދުމަތަކަށް ވުމުން އެންމެ އަގުހެޔޮކޮށް ރާއްޖޭގައި އައިސް އުފެއްދޭނީ ފެނަކައަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ފެނަކައިގެ އޮފީސްތައް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހުރުމުން އައިސްޕްލާންޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ފަސޭހަވެ، މައްސަލަޖެހޭ އައިސްޕްލާންޓުތައް މަރާމާތުކޮށް އަލުން ހިދުމަތް ދިނުމަށް ނަގާ މުއްދަތު ކުޑަކުރެވިގެންދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފެނަކަ އައިސް ޕްލާންޓްތައް ހުރި ރަށްރަށް:

  1. ހއ. އިހަވަންދޫ
  2. ނ. ޅޮހި
  3. ރ. އަލިފުށި
  4. ބ.ތުޅާދޫ
  5. ފ. ނިލަންދޫ
  6. ފ. ފީއަލި
  7. ތ. ހިރިލަންދޫ
  8. ގއ. ދާންދޫ
  9. ގއ. ދެއްވަދޫ
  10. ގއ. ގެމަނަފުށި
  11. ގއ. ކޮލަމާފުށި
  12. ގދ. ފިޔޯރީ
  13. ގދ. ފަރެސްމާތޮޑާ
  14. ސ.ހިތަދޫ
ފެނަކަ މޯބައިލް އެޕްލިކޭޝަން ސީއީއޯ ސައީދު ލޯންޗުކޮށްދެއްވަނީ -ފޮޓޯ: ފެނަކަ

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ގަތުމުގެ ހިދުމަތް ލިބޭނެ ފެނަކަ މޯބައިލް އެޕްލިކޭޝަނެއް ވެސް އެ ރަސްމިއްޔާތުގައި ވަނީ ލޯންޗްކޮށްފައެވެ. "ފެނަކަ އައިސް" އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ ސައީދެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ދުރާލައި އައިސް އޯޑަރު ކުރެވޭނެ ކަމަށާއި އަދި އޭގެ ސަބަބުން މަސްވެރިންނަށް ވަގުތުން ވަގުތަށް އައިސް ލިބި، އައިސް ނުލިބިގެން ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

ފެނަކަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ހިދުމަތްތައް:

  • މަސްވެރިންނަށް ފަސޭހަކަމާއެކު ފޯން ނަންބަރ ބޭނުންކޮށްގެން ލޮގްއިން ކުރެވޭނެ.
  • ލޮގިން ކުރުމަށްފަހު އައިސް ބޭނުންވާ ޢަދަދު ޖަހަގެން ޖުމްލަ އަގު ބަލައިލެވޭނެ.
  • މަސްދަތުރަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ، ބޭނުންވާ ޕްލާންޓަކުން އައިސް ޕްރީއޯޑަރ ކުރެވޭނެ. އަދި އެއާއެކު އައިސް ލިބޭނެ ގަޑި އެނގޭނެ.
  • ޕްރީއޯޑަރ ކުރުމުން، އޯޑަރުކުރި ޢަދަދާއި ޖުމްލަ އަގާއެކު ކޮންފަމޭޝަން މެސެޖެއް ލިބޭނެ.
  • ކުރީގެ އޯޑަރުތަކުގެ ތަފްސީލް ބަލައިލެވޭނެ.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *