Support Us

ހާޓް އެޓޭކެއް ޖެހުނު ގާޑެއް ސަލާމަތްކޮށްފި

ޖޯޖިއާގެ ޖަލެއްގައި ހާޓް އެޓޭކެއް ޖެހިގެން ވެއްޓިފައި އޮތް ގާޑެއް ގައިދީންތަކެއް އެހީވެގެން ސަލާމަތްކޮށްފި އެވެ.

ވިނެޓް ކައުންޓީ ޖަލުގައި ހިނގި މި ހާދިސާގައި، ޖަލުގައި މަސައްކަތްކުރާ ގާޑު، ޑެޕިއުޓީ ވޮރެން ހޮބްސް ހާސްވެގެން އުޅޭތަން ފެނުމުން ޖަލުގައި އޮތް މިޗްލް ސްމޯލްސް ނަމަކަށް ކިޔާ ގައިދީއެއް ވަނީ އޭނާ އޮތް ގޮޅީގެ ދޮރުގައި ތަޅަން ފަށާފައެވެ. އަދި މިތަން ފެނުމުން އެހެން ގޮޅިތަކުގައި ތިބި ގައިދީންތައް ވެސް ވަނީ އެ މީހުންގެ ދޮރުތަކުގައި ތަޅަން ފަށާފައެވެ. މި އަޑަށް ހޭވެރިކަންވެ، ހޮބްސް ވަނީ އެ ޖަލުގައި ތިބި ދެ ގައިދީން ކަމަށްވާ ޓެރީ ލަވްލަސް އާއި ވޯލްޓަރ ވައިޓްހެޑްގެ ގޮޅީގެ ދޮރު ހުޅުވާފައެވެ.

ސިސީޓީވީ ކެމެރާތަކުން ދެން ފެންނަނީ ލަވްލަސް އާއި ވައިޓްހެޑް ދުވެފައި ގޮސް ހޮބްސް އަށް އެހީ ވާ މަންޒަރެވެ. އެ މީހުންވަނީ ހޮބްސްގެ މޭޒުމަތީގައި އޮތް ފޯނާއި އޭނާގެ ރޭޑިއޯ މެދުވެރިކޮށް އެހީއަށް އެދިފައެވެ.

މި ކަމާ ގުޅިގެން ފޮކްސް ފައިވް އަށް ދިން އިންޓަވިއުއެއްގައި ސްމޯލްސް ބުނެފައި ވަނީ ޑެޕިއުޓީ ހޮބްސް ވެއްޓޭތަން ފެނުމުން އެކަން އެހެން މީހުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި އޭނާ ވަނީ އަޑުގެ ނެތްކޮޅަށް ހަޅޭއްލަވާ، ދޮރުގައި ބާރަށް ތަޅަން ފަށާފައެވެ.

"ޑެޕިއުޓީ ހޮބްސް އަށް ވީ ގޮތް ފެނުމުން އަހަރެން ގަތީ ބިރު. އެއްވެސް މީހެއް މަރުވާކަށް އަހަރެން ބޭނުމެއް ނުވޭ. އެއީ ފުލުހެއް ކަމުގައި ވިޔަސް. އެމީހަކު ސަލާމަތް ކޮށްދިނުމަށް އަހަންނަށް ކުރެވެން އޮތް ކަމެއް ކޮށްދޭނަން" އިންޓަވިއުގައި ވާހަކަ ދައްކަމުން ވައިޓްހެޑް ބުންޏެވެ.

ޑެޕިއުޓީ ހޮބްސް ވިދާޅުވި ގޮތުގައި އޭނާއަށް ހޭވެރިކަންވީ ބެރުގައި ޖެހުމުން އިވޭ ޒާތެއްގެ ބާރު އަޑަކާއެކު އޭނާގެ ނަމުން ގައިދީންތައް ގޮވާ އަޑު އިވުމުންނެވެ. އަދި ގޮޅީގެ ދޮރުތައް ހުޅުވީ، ގައިދީއަކަށް ކަމެއް ދިމާވެގެން އުޅޭކަމަށް ހީކޮށެވެ. ހޭނެތިގެން ވެއްޓުމުން ހޮބްސްގެ ބޯ ވެސް ވަނީ ފަޅައިގެން ގޮސްފައެވެ.

މި ހާދިސާގައި ގުޅިގެން ނިވެޓް ޝެރިފް އޮފީހުން ވަނީ ޑެޕިއުޓީ ހޮބްސް އަށް އެހީތެރިވެދިން ތިން ގައިދީންނަށް ޝުކުރު އަދާކޮށްފައެވެ. މިކަމާ ގުޅިގެން އެ އޮފީހުން ކުރި ޓްވީޓުގައި ބުނެފައި ވަނީ ބަތަލަކަށް ވަނީ ލައިގެން ހުންނަ ޔުނިފޯމު ނޫން ކަމަށާއި، އެ ޔުނިފޯމު ލައިގެން ހުންނަ މީހާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *