Support Us

ނަޑެއްލާގެ މިހާރުގެ އިންޖީނުގެ -ފޮޓޯ: ފެނަކަ

ނަޑެއްލާއާއި އުލިގަމުގެ "ގެދަބުޅި" އިންޖީނުގެތައް ނިއްވާލައި، ޒަމާނީ އިންޖީނުގެތަކުން ކަރަންޓު ދޭން ފަށައިފި

ގދ. ނަޑެއްލާއާއި ހއ. އުލިގަމުގެ "ގެދަބުޅި" އިންޖީނުގެތައް ނިއްވާލައި، ޒަމާނީ އިންޖީނުގެތަކުން އެ ދެ ރަށުގައި ކަރަންޓު ދޭން ފަށައިފިއެވެ.

ފެނަކައިން ބުނީ ނަޑެއްލާގައި 27 އަހަރު ވަންދެން، ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލައި، މި މަހު ހަތަރު ވަނަ ދުވަހުން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ކަރަންޓު ދޭން ފަށައިފައިވާ ކަމަށެވެ. އަދި އުލިގަމުގައި 26 އަހަރު ވަންދެން ގެދަބުޅި އަރުވަމުން ދިޔަ އިންޖީނުގެ ނިއްވާލައި، މި މަހު 14 ވަނަ ދުވަހުން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ކަރަންޓު ދޭން ފަށައިފައިވާ ކަމަށެވެ.

ނަޑެއްލާ އިންޖީނުގޭގައި މިހާރު ބަހައްޓައިފައި ވަނީ 538kwގެ އިންޖީނެކެވެ. ކުރިން ހުރީ 288kwގެ އިންޖީނެކެވެ. އަދި އުލިގަމުގައި ބަހައްޓައިފައި ވަނީ 458kwގެ އިންޖީނެކެވެ. ކުރިން ހުރީ 336kwގެ އިންޖީނެކެވެ.

އުލިގަމުގެ ކުރިއާއި މިހާރުގެ އިންޖީނުގެ -ފޮޓޯ: ފެނަކަ

މި ދެ އިންޖީނުގެ ވެސް ޑިޒައިންކޮށްފައި ވަނީ 400kwގެ ތިން ޖެންސެޓް ބެހެއްޓޭ ގޮތަށެވެ.

މިއިން ކޮންމެ އިންޖީނުގެއެއްގައި، އިދާރީ މުވައްޒަފުންނާއެކު ޖުމްލަ 29 މީހުން ވަޒީފާ އަދާކުރެއެވެ.

ނަޑެއްލާގެ ކުރިއާއި މިހާރުގެ އިންޖީނުގެ -ފޮޓޯ: ފެނަކަ

މި ދެ އިންޖީނުގޭގައި ވެސް މީޓިންގ ރޫމާއި މެނޭޖަރ ރޫމާއި ރިސެޕްޝަން/ ލޮބީ އާއި ޖެނެރަލް އޮފީހާއި ސްޓޯރ ރޫމާއި ޕޭންޓްރީއާއި ހަތަރު ފާހާނާ ހިމެނެއެވެ.