...

Support Us

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވާން ފެށުމުން، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ވެސް ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ރޭ ދަންވަރު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން 16.77ރ. އަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ 16.32ރ. އަށް ކަމަށެވެ. މިއީ 45 ލާރި ހެޔޮ އަގެކެވެ. ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 16.55ރ. އިން 15.97ރ. އަަށް ހެޔޮކޮށްފައެވެ. މިއީ 58 ލާރީގެ ހެޔޮވުމެކެވެ.

"މުޅި ދުނިޔެ ލޮކްޑައުން ކޮށްލި ކޮވިޑް-19 އާއި މިހާރު ހިނގަމުންދާ ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް އަންނަނީ ގިނަ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. މި ދަނޑިވަޅުގައި ދުނިޔޭގެ ތެލުގެ މާކެޓަށް ގިނަ ލޮޅުންތަކެއް އައިސް، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ތެލުގެ އަގު މަތިވެފައިނުވާ މިންވަރަށް އަގުތައް ވަނީ އުފުލިފައެވެ." އެސް.ޓީ.އޯގެ ބަޔާނުގައި ވެއެވެ.

"ދިވެހިރާއްޖޭގެ މާކެޓަށް ދެމެހެއްޓެނިވި ގިތެއްގައި ތެޔޮ ފޯރުކޮށްދިނުމަށް އެސް.ޓީ.އޯ އިން މަސައްކަތްކުރާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް މިއައި ބަދަލުތަކުގެ ސަބަބުން އެސް.ޓީ.އޯ އިން ތެޔޮ ފޯރުކޮށްދިނުމުގައި ގިނަ ގޮނެޖެހުންތަކެއް ކުރިމަތިވިއެވެ. އެހެން ނަމަވެސް ސަރުކާރުގެ އެއްބާރުލުމާއެކު ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުމުގައި އެސް.ޓީ.އޯ އިން އަންނަނީ ސާބިތކަމާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ."

އަދި ފާއިތުވެދިޔަ ހަ މަހުގެ ތެރޭގައި ދުނިޔޭގެ މާކެޓުގައި ތެލުގެ އަގުތައް އެތައް ފަހަރެއްގެ މަތިން އުފުލިފައިވާއިރު އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނެސްފައި ވަނީ އެންމެ ދެ ފަހަރުކަން އެސް.ޓީ.އޯ އިން ފާހަގަކުރެއެވެ. އަދި އެގޮތަށް ތެލުގެ އަގު ބަދަލުކުރުމުގައި އެސްޓީއޯއަށް ތެޔޮ ގަންނަ އަގު ބޮޑުވި ނިސްބަތުން ތެލުގެ އަގު ބޮޑުކޮށްފައި ނުވާ ކަމަށް ވެސް އެސް.ޓީ.އޯ އިން ބުނެއެވެ.

"އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއިފަސޭހަވާ ގޮތަށް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް ހެޔޮ ބަދަލުތައް ގެނައުމަށެވެ."

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.