Support Us

ސްޓެލްކޯ "ބްލޫރިޗް" ފްކެޓްތައް މުވައްޒިފުންނާ ހަވާލުކުރުމުގެ ރަސްމީޔާތުގެ ތެރެއިން... -ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ "ބްލޫރިޗް" ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އިމާރާތްކުރި "ބްލޫރިޗް" ފްލެޓްތައް އެތަނުގެ މުވައްޒަފުންނާ މިއަދު ހަވާލުކޮށްފިއެވެ. މިއާއެކު ސްޓެލްކޯ ވެގެން ގޮސްފައި ވަނީ އަމިއްލަ ބޯހިޔާވަހިކަމެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދެވުނު ސަރުކާރުގެ ފުރަތަމަ ކުންފުންޏަށެވެ.

ސްޓެލްކޯއިން މިއަދު ތަޅުދަނޑު ހަވާލުކުރީ 306 މުވައްޒަފަކަށެވެ. ބާކީ 52 އެޕާޓްމަންޓުގެ ތަޅުދަނޑި ފަހުން ހަވާލުކުރާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ "ބްލޫރިޗް" ފްލެޓް ސަރަހައްދުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފްލެޓްތައް އިމާރާތްކުރި ޗައިނާގެ ރޯޓައިމްސް ކުންފުނީގެ ފަރާތުން ފްލެޓްގެ ރަމްޒީ ތަޅުދަނޑި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާ ހަވާލުކުރެއްވުމުން، އެ ތަޅުދަނޑި ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީއާ ޝަރީފު ހަވާލުކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ޝަރީފު ވިދާޅުވީ ދެ ޓަވަރުގައި ހިމެނޭ ޖުމްލަ 360 އެޕާޓްމަންޓް އިމާރާތް ކުރުމަށް 692 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ކުރި މަޝްވަރާއާއެކު ފްލެޓްތަކުގެ އަގުގެ ގޮތުގައި މުވައްޒަފުން އަތުން ނަގަން ނިންމީ 623 މިލިއަން ރުފިޔާ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ފްލެޓްތައް އިމާރާތް ކުރުމަށް އިތުރަށް ހޭދަވި 73 މިލިއަން ރުފިޔާ ހަރަދުކުރީ ސްޓެލްކޯ އިންނެވެ. އަދި ފްލެޓްތަކަށް ދައްކަންޖެހޭ 623 މިލިއަން ރުފިޔާގެ 20 ޕަސެންޓަށްވާ 114 މިލިއަން ރުފިޔާ މުވައްޒަފުންގެ އަތުން ލިބިފައިވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ސްޓެލްކޯ "ބްލޫރިޗް" ފްކެޓްތައް މުވައްޒިފުންނާ ހަވާލުކުރުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން މުވައްޒަފުންނަށް އިމާރާތްކުރި ދެ ޓަވަރުގައި ހިމެނޭ 360 ފްލެޓްގައި އެއް ކޮޓަރީގެ 72 އެޕާޓްމަންޓުގެ އިތުރުން ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމެންޓު ހިމެނެއެވެ.

މެނޭޖިން ޑައިރެކްޓަރު ޝަރީފާއި ދާދި ފަހުން ކުންފުންޏާ ގުޅިވަޑައިގެން ޖެނެރަލް މެނޭޖަރު އަހުމަދު އަކުރަމަށް ވެސް ފްލެޓު ލިބުނު ކަމަށް ބައެއް މުވައްޒަފުން ޝަކުވާކުރާތީ އެ ކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ ސްޓެލްކޯގެ ބޯޑުން ކުރިން ނިންމާފައިވާ ގޮތުން، މެނޭޖިން ޑައިރެކްޓަރަށް ފްލެޓް ލިބޭ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ޝަރީފު ފްލެޓް ނަންގަވައިފައިނުވާ ކަމަށެވެ. އަދި އަކުރަމަށް ފްލެޓަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށެވެ.