Support Us

ކޮވިޑް-19 ގައި އިންޑިއާއިން 35،000 މަރު

އިއްޔެ އެކަނިވެސް 48،513 މީހުން ޕޮޒިޓިވްވެ، އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.5 މިލިއަނަށް އިތުރުވެ، މަރުވި މީހުންގެ އަދަދު 35،000 އަށް އަރައިފިއެވެ.

އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގައި މުމްބާއީގެ ބައިބޯ ފަގީރު އަވަށްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 57 ޕަސެންޓު މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ޓާޓާ އިންސްޓިޓިއުޓް އޮފް ފަންޑަމެންޓަލް ރިސަރޗް އިން ކުރި ސަރވޭއަކުން ދައްކާފައިވާއިރު، މިއީ އެޤައުމުގެ ރަސްމީ އިދާރާތަކުން އާންމުކުރާ އަދަދު ތަކަށްވުރެ އެތައް ގުނައެއް އިތުރު އަދަދެއް ކަމަށް އެ އިންސްޓިޓިއުޓުން ތުޙުމަތުކުރެއެވެ.

އޭއެފްޕީ ނޫސް އެޖެންސީ އަށް މަޢުލޫމާތު ދެމުން މި ސަރވޭގައި އަމަލީ ގޮތުން ހަރަކާތްތެރިވި އުއްލާސް ކޮލްތޫރު ބުނި ގޮތުގައި މި ސަރވޭގެ ނަތީޖާއާ މެދު އޭނާ ވަނީ ވަރަށް ހައިރާންވެފައެވެ. ސަބަބަކީ ރަސްމީ އިދާރާތަކުން ރިޕޯޓުކުރާ އަދަދުތަކާއި، މި ސަރވޭއިން ހޯދުނު އަދަދުތަކުގެ މެދުގައި އެހާބޮޑު ފަރަގެއް ހުރުމުންނެވެ. އޭނާ ބުނިގޮތުގައި އިންޑިއާގެ ބައިބޯ ފަގީރު އަވަށްތަކުގައި މިހާ ގިނަ އަދަދެއްގެ މީހުންނަށް ބަލި ފެތުރުނު ކަމަށް ބެލެވެނީ، އެތާނގެ އާބާދީގެ ބައިބޯ ކަމާ ހުރެ އިޖުތިމާއީ ގައިދުރުކަން ނުބެހެއްޓޭތީ އެވެ.

މީގެ ހަފުތާއެއް ކުރިން ކުރި ސަރވޭއަކުން ދައްކާފައިވާ ގޮތުގައި ވެރިރަށް ނިއު ދިއްލީގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި މީހުންނަށް ވަނީ މިބަލި ޖެހިފައެވެ. މިއީ، އެޤައުމުން ނެރިފައިވާ ރަސްމީ އަދަދުތަކަށް ވުރެ 40 ގުނަ އިތުރު އަދަދެކެވެ.

ކަމާ ބެހޭ މާހިރުން ދެކޭ ގޮތުގައި، މި ސަރވޭތަކުގައި ކޮށްފައިވާ ޓެސްޓުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފެދޭ ބައެއް ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ފޯލްސް ޕޮސިޓިވް ނަތީޖާއެއް ލިބުން ފަދަ ކަންކަމުގެ އިތުރުން، މުމްބާއީގައި ކުރި ސަރވޭ ކޮށްފައި ވަނީ ނިސްބަތުން މަދު މީސްކޮޅެއްގެ މެދުގައި ކަމުން، އަދަދުތަކުގައި ފަރަގެއް އުފެދުން ހިމެނެއެވެ.

އިންޑިއާ އަކީ އެމެރިކާ އާއި ބްރެޒިލަށްފަހު ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ޤައުމެވެ. އިންޑިއާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި ވެސް، އެހެން ޤައުމުތަކާ އަޅާބަލާފައި އިންޑިއާގެ ހާލަތު މާ ރަނގަޅު ކަމަށާއި، އެޤައުމަށް ބައިނަލްއަޤްވާމީ ގޮތުން ތަޢުރީފު ލިބެމުން އަންނަ ކަމަށް ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *