ނ. ވެލިދޫގައި ކުރިއަށްދާ ބާއޮކަލޯ ނެޓްބޯލް ޓޯނަމަންޓުގެ ފައިނަލްގައި މިސްޓްރިކް އެސް.ސީއާ ވާދަކުރާ ޓީމަކަށް ސްޓިލްރެޑް ހޮވިއްޖެ އެވެ.
މިއަދު ކުޅުނުފަހު މެޗުގައި އެމްޕްރެސަސްއާ ވާދަކޮށް ސްޓިލް ރެޑް މޮޅުވީ 46-31 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓިލް ރެޑްގެ ސައުދިއްޔާ އަބްދުއްރައްޒާގެވެ.
މިސްޓްރިކް ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ސްޓިލް ރެޑަށް ފަހު ޖާގަ ލިބުނީ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިގެންނެވެ.
ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.
ޖުލައި 24-31 އަށް ކުރިއަށްދާ މި މުބާރާތުގައި ހަތަރު ޓީމު ވާދަކުރެ އެވެ. އެއީ ފައިނަލްގައި ވާދަކުރާ ދެ ޓީމުގެ އިތުރުން ކޭ.އެން.ޖީ އަދި އެމްޕްރެސަސް އެވެ.
މި މުބާރާތަކީ ވެލިދޫ ކޮމިއުނިޓީ ސެންޓަރާއި ބާއޮކަލޯ ގުޅިގެން އިންތިޒާމްކުރާ މުބާރާތެކެވެ.