Support Us

މާފުށީގެ ކުނި މެނޭޖްކުރުމާ ސްޓެލްކޯއިން ހަވާލުވެ ތާރީޚުގެ ތެރެއަށް

މި ސަރަހައްދުގައި ޓޫރިސްޓު އެނދު އެންމެ ގިނަ ކ. މާފުށީގެ ކުނި މެނޭޖްކުރުމުގެ ހިދުމަތް ދިނުމަށް ސްޓެލްކޯ އިން މިއަދު ހަވާލުވެއްޖެއެވެ. މާފުށީ ކައުންސިލާއެކު މިއަދު ވީ އެއްބަސްވުމާއެކު ސްޓެލްކޯ ވެގެން ގޮސްފައި ވަނީ އެއްފުރާޅެއްގެ ދަށުން ޔުޓިލިޓީ ހުރިހާ ހިދުމަތެއް ދޭ ރާއްޖޭގެ ފުރަތަމަ ކުންފުންޏަށެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ވޯޓަރ، ސްވަރޭޖް އެންޑް ވޭސްޓްމެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝަފީއުއެވެ. މާފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް ހަސަން ސޮލާހެވެ.

މި ރަސްމީޔާތުގައި އެންވަޔަރަންމަންޓު މިނިސްޓަރު އާމިނަތު ޝައުނާ އާއި ސްޓެލްކޯގެ ޗެއާމަން އިބްރާހިމް މުހައްމަދު ދީދީ އާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުވެސް ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތާ އެއްގޮތަށް އެއް ފުރާޅެއްގެ ދަށުން ރާއްޖޭގައި ހުރިހާ ޔުޓިލިޓީ ހިދުމަތެއް ފޯރުކޮށްދޭ ފުރަތަމަ ކުންފުންޏަށް ސްޓެލްކޯ ވެގެން ދިއުމުގެ ޝަރަފު މިއަދު ލިބިއްޖެ ކަމަށާއި މިއީ ތާރީހީ ދުވަހެއް ކަަމަށެވެ.

އޭނާ އަދި ވިދާޅުވީ މާފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ އާއި އޭގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު، ސްޓެލްކޯގެ މި ހިދުމަތާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށެވެ. ޝަރީފު ވިދާޅުވީ މާފުށީގައި ދޭ ކުނި މެނޭޖްކުރުމުގެ ހިދުމަތް ރަނގަޅަށް ގެންދެވިއްޖެ ނަމަ އެ ހިދުމަތް ފުޅާކޮށް އެ އަތޮޅު ގުރައިދުއަށް ވެސް ހިދުމަތް ދޭނެ ކަމަށެވެ.

މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ އެ ރަށު ކުނިގޮނޑުގެ އުނދަގޫ އެ ރައްޔިތުންނަށް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެކަމަށް ހައްލެއް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ، ދުވާލެއްގެ މައްޗަށް ފަސް ޓަނުގެ ކުނި އުކާލާ މާފުށީގެ ގޮނޑުން އަރާ ވިހަ ދުންތަކުގެ އަސަރާ ހެދި އެ ސަރަހައްދުގެ ބައެއް ގެތަކުގައި އުޅޭ މީހުންނަށް ފަރުވާދޭން ޖެހިފައި އެބަހުރި ކަމަށެވެ.