Support Us

ޢަފީފު ދީދީ (އާއި) އައްޑޫ ބޭންކް މެނޭޖަރ މރ. ޕަންޖަސަރަމް (ވ)

ކޮލަމް ވިނަވި: ރާއްޖޭގައި ހުޅުވި ފުރަތަމަ ބޭންކަކީ "ދަ ޕީޕަލްސް ބޭންކް އޮފް އައްޑު އެޓޯލް"

ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ "ދަ ޕީޕަލްސް ބޭންކް އޮފް އައްޑު އެޓޮލް" ނުވަތަ އައްޑޫ ރައްޔިތުންގެ ބޭންކުން އެތަނުގެ ކަސްޓަމަރަކަށް ފޮނުވާފައިވާ ސިޓީއެކެވެ. އޭގައި ޖަހާފައިވާ ތާރީޚަކީ 30 ސެޕްޓެމްބަރ 1962 އެވެ. ލަފާކުރެވޭ ގޮތުން ސިޓީގައި ސޮއިކުރައްވާފައިވަނީ އެމް.ޑީ. މރ. ޕަންޗާސަރަމްއެވެ. މީގައި ފާހަގަ ކުރެވޭ އެއްކަމަކީ ބޭންކުގެ ފައިސާ ފޮތް ހިފައިގެން އަންނަން ސިޓީގައި އަންގާފައިވާ ތާރީޚަކީ ވެސް 30 ސެޕްޓެމްބަރުގެ ކުރިއެވެ. މިއިން ކޮންމެވެސް އެއް ތާރީޚަކީ އޮޅުމަކަށް ވެދާނެއެވެ.

ބޭންކުން ކަސްޓަމަރަކަށް ފޮނުވި ނޯޓިސްއެއް

ކޮންމެއަކަސް މި ސިޓީން ދޭހަވަނީ 1962 ވަނަ އަހަރު އައްޑޫގައި ބޭންކެއް ހިނގަމުންދިޔަކަމެވެ. މާލޭގައި ފުރަތަމަ ބޭންކެއް ހުޅުވުނީ ފެބްރުވަރީ 1974 ގައެވެ. އެއީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ގޮތްޕެކެވެ. (އެ ބޭންކްގެ މުއައްޒަފަކަށް މި ލިޔުންތެރިޔާ ވީ މާޗް 1975 ގައެވެ.) ސްޓޭޓް ބޭންކަކީ އިނޑިއާ ސަރުކާރުގެ 100 އިންސައްތަ ޙިއްސާވާ ތަނެކެވެ. ޖުލައި 1، 1981 ގައި އެމް.އެމް.އޭ ހުޅުވެންދެން ރާއްޖޭގެ މަރުކަޒީ ބޭންކެއްގެ ދައުރު އަދާކުރީ އެ ބޭންކްގެ މާލޭ ގޮފިންނެވެ.

"ދަ ޕީޕަލްސް ބޭންކް އޮފް އައްޑު އެޓޮލް"ގެ ޗެކެއް

އައްޑޫ ރައްޔިތުންގެ ބޭންކް ހުޅުވައިދެއްވީ 1961 ގައި، ސުވާދީބު ސަރުކާރުގެ ރައީސް ޢަފީފު ދީދީއެވެ. ފައިސާއަކަށް ބޭނުންކުރީ އިނގިރޭސި ޕައުންޑެވެ. ބޭންކްގައި އެންމެ ގިނަ ފާއިސާ ޖަމާކުރެއްވި ފަރުދަކީ މީދޫ މުޙައްމަދު ފެންނާ މަނިކުފާނެވެ.

ޢަފީފު ދީދީ (އާއި) އައްޑޫ ބޭންކް މެނޭޖަރ މރ. ޕަންޖަސަރަމް (ވ)

ބޭންކް އޮފް މޯލްޑިވްސް ހުޅުވުނީ 11 ނޮވެމްބަރ 1982 ގައެވެ. އެއިރު އެ ބޭންކްގެ 60 އިންސައްތަ ޙިއްސާ އޮތީ ދިވެހި ސަރުކާރަށެވެ. ބާކީ 40 އިންސައްތަ ޙިއްސާ އޮތީ އިންޓަނެޝަނަލް ފައިނޭންސް ޑިވްލޮޕްމެންޓް ކޯޕަރޭޝަނަށެވެ. ބޭންކު ފުރަތަމަ ހިންގީ ބަންގްލާދޭޝްގެ މެނޭޖްމެންޓަކުންނެވެ.