Support Us

ސްޓެލްކޯގެ އިންޖީނުގެތައް ސާފު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން... -ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯގެ އިންޖީނުގެތައް ސާފުކޮށް، މަސައްކަތު މާހައުލަކީ ސާފުތާހިރު ތަނަކަށް ހަދަނީ

ސްޓެލްކޯގެ ހުރިހާ އިންޖީނުގެއެއް ސާފު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ މުވައްޒަފުން މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި، ސާފުތާހިރު މަސައްކަތުގެ މާހައުލެއް ކަމުގައި ކަށަވަރު ކޮށްދިނުމަށް، މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

"ރައްކާތެރި މަސައްކަތުގެ މާހައުލެއް– ހިދުމަތް ދިނުމުގެ ރޫހް" މި ޝިއާރުގެ ދަށުން އިއްޔެ ފެށި މި ޕްރޮގްރާމްގައި، ސްޓެލްކޯ އިން ހިންގާ 35 އިންޖީނުގޭގައި ހުރި އާންމު ކުނިތައް ނައްތާލައި، ބޭނުން ނުހިފޭ ކަރަންޓު ކޭބަލާއި ދަގަނޑާއި އެ ނޫންވެސް ނީލަން ކިޔޭނެ ހާލަތުގައި ހުރި ތަކެތި ދެނަގަނެ، އެތަކެތި ނީލަން ކިއުމުގެ ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

މި ޕްރޮގްރާމު ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ، ތިމާ ދިރިއުޅޭ ތަނާ އެކު، މަސައްކަތް ކުރާ ތަނެއްގެ ސާފުތާހިރުކަމާއި އަދި ތަރުތީބު ކަމަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މި އަހަރުގެ ބަޔޯޑައިވާރސިޓީ ދުވަހާ މިއަދު ދިމާވުމުން، ބަޔޯޑައިވާރސިޓީ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ބިލްޑިން ޝެއާޑް ފިއުޗާ ފޯ ލައިފް" ކަމަށްވާއިރު، އެންމެން އެކުވެގެން ދިރުންތައް ރައްކާތެރި ކުރުމަށް މުސްތަގުބަލަށް ކަންކަން ރޭވުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ އިންޖީނުގެތައް ސާފު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން… -ފޮޓޯ: ސްޓެލްކޯ

"އެންމެ މާތް މަހުލޫގުންނަކީ އިންސާނުންނަށް ވާއިރު ދުނިޔޭގައި ލައްވާފައިވާ ހުރިހާ ދިރުމެއް ވެސް ވަނީ އިންސާނުންނާ ގުޅިފައި. އެހެންކަމުން އެ ދިރުންތައް ރައްކާތެރިކުރުން މުހިންމު. އެންމެން މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ،" ޝަރީފް ވިދާޅުވިއެވެ.

އަދި ދުވާލުގެ މަސައްކަތުން އަށް ގަޑިއިރު ވަޒީފާގައި ހޭދަކުރާއިރު ތަނުގެ ސާފުތާހިރުކަން ދަމަހައްޓަން ތިބީ އެތަނެއްގައި މަސައްކަތް ކުރާ ބައެއްކަން ފާހަގަކޮށް ޝަރީފު ވިދާޅުވީ އެންމެ ބޮޑު އެދުމަކީ އެންމެން އެކުގައި މި މަސައްކަތް ކުރުން ކަމަށެވެ.

ސްޓެލްކޯގެ އިންޖީނުގެތައް ސާފު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން… -ފޮޓޯ: ސްޓެލްކޯ

މި ޕްރޮގާމްގެ ދަށުން ކުރެވޭ މިފަދަ މަސައްކަތްތަކަކީ އެންމެ ދުވަހަކު ކުރާ މަސައްކަތަކުން ނިމިގެންދާނެ ކަމެއްގެ ގޮތުގައި ނުބާއްވާ، ހުއްޓާނުލާ ކުރިއަށްގެންދާ މަސައްކަތަކަށް ހެދުމަށް ސްޓެލްކޯ އިން ވަނީ ނިންމާފައެވެ އަދި ކުނި އުކާލުމާއި ނައްތާލުމަށް ހާއްސަ ނިޒާމެއް ގާއިމުކުރެވި އެ ނިޒާމްގެ ތެރެއިން ކުނި އިތުރުވިޔަ ނުދިނުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.