ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯގެ ސާފު ފައިދާއަށް މިދިޔަ އަހަރު 487 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އަހަރީ ތަފާސްހިސާބުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯގެ ވެބްސައިޓްގައި އިއްޔެ އާންމުކޮށްފައިވާ 2021 ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން މީގެ މައިގަނޑު ސަބަބަކީ، ވިއްކި ތެލުގެ އަދަދު އިތުރުވުމާއެކު އެ ކުންފުނިން ކުރަމުން ގެންދިޔަ އެހެނިހެން ވިޔަފާރި ރަނގަޅުވެފައިވުމެވެ.
އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 11.24 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 32 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯ ގްރޫޕުން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 26 އިންސައްތަ އިތުރުވެފައިވުމާއެކު، ފިޝަރީޒް، ޝިޕިންގ އަދި ގޭހުގެ އާމްދަނީ އިތުރުވެފައިވުމެވެ. އަދި އެސްޓީއޯއިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުވުމާއެކު 2021 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ކުންފުންޏަށް ވަނީ 10.2 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އަށް އިންސައްތައިގެ ކުރިއެރުމެކެވެ. އަދި އެސްޓީއޯގެ ޖުމްލަ އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ.



advertisment

