ކޮވިޑް19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލުމުން އިއްޔެ ރާއްޖެ އައި އެމެރިކާގެ ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވެގެން އެކަހެރިކޮށްފި އެވެ. މިއީ މި މަހު 15 ގައި ބޯޑަރު އަލުން ހުޅުވި ފަހުން ރާއްޖެ އައި މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ފާތިމަތު ނަޒްލާ "އަދިވެސް" އަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ އިއްޔެ އައި ޓޫރިސްޓުންގެ ތެރެެއިން އެމެރިކާގެ ރައްޔިތެއް ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށާއިި ކަނޑައެޅިފައިވާ އުސޫލުން އޭނާ އައިސޮލޭޓްކޮށް ފަރުވާދޭން ފަށައިފައިވާ ކަމަށެވެ.
"ފަތުރުވެރިޔާ މިހާރު ހުރީ އައިސޮލޭޝަންގައި، ފަރުވާދެމުން ގެންދަނީ. އޭނާއާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދަނީ،" ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލިތާ 10 ދުވަސް ތެރޭގައި ރާއްޖެ އައިސްފައި ވަނީ 904 ޓޫރިސްޓުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
ބޯޑަރު ހުޅުވާލި ފަަހުން ރާއްޖެ އައިސްފައިވާ ޓޫރިސްޓުންގެ ތެރޭގައި އެ ބަލި އެންމެ ގިނައިން ފެނިފައިވާ ގައުމުތަކުގެ ޓޫރިސްޓުން ވެސް ހިމެނެ އެވެ.